ބާސާ އަދި ރެއާލަށް ވެސް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގާގައި ބާސާއާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅުނު މެޗުން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ލަލީގާގައި ރޭ ލަސް ޕަލްމާސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ބާސާ ކުރި ހޯދާފައިވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު އެ މެޗުގެ 25 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ދިން ބޯޅައަކުން ބާސާއަށް ބްރެޒިލް ތަރި ނޭމާ ލީޑު ހޯދައިދިން އިރު، އޭގެ ދެ މިނެޓް ފަހުން ނޭމާގެ ބޯޅައަކުން ބާސާއަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ 63 ވަނަ މިނެޓުގައި ލަސް ޕަލްމާސްއިން ވަނީ ލަނޑެއްޖަހައި ބާސާއިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފަ އެވެ. ކެވިން ޕްރިންސް ބޯޓެންގް ދިން ބޯޅައަކުން ލަސް ޕަލްމާސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެޑްރޯ ބިގާސް އެވެ.

ލަސް ޕަލްމާސްއިން ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވެ، ބާސާއިން ވަނީ އިތުރު ދެ ލަނޑު ޖަހައިފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި އިވާން ރަކިޓިޗް ނަގައިދިން ހުރަހަކުން ބާސާގެ ތިންވަނަ ލަނޑު ނޭމާ ކާމިޔާބުކޮށްދިން އިރު، އޭގެ ހަތަރު މިނެޓްފަހުން ޔޯޑީ އަލްބާ ދިން ބޯޅައަކުން ނޭމާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލަލީގާ މެޗުގައި ސެވިއްޔާގެ މައްޗަށް ރެއާލް މެޑްރިޑް ވެސް ވަނީ 4-1 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ.

ސްޕެނިޝް ލަލީގާގައި ރެއާލްއާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ދިހަވަނަ މިނެޓުގައި ރެއާލަށް ނާޗޯ ލީޑު ހޯދައިދިން އިރު، މެޗުގެ 23 ވަނަ މިނެޓުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހަމޭސް ރޮޑްރިގޭޒް ފޮނުވާލި ހަމަލާ، ކީޕަރު ސާޖިއޯ ރިކޯ މަތަކުރުމާ އެކު ލިބުނު ރީބައުސް ބޯޅައިން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓްފަހުން ސެވިއްޔާއިން ވަނީ ލަނޑެއްޖަހައި ރެއާލުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ވިޓޯލޯ ދިން ބޯޅައަކުން ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޓެވާން ޖޮވެޓިޗްއެވެ. އޭނާ 20 ޔާޑު ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ރެއާލް ގޯލުގެ ތިރީ ކަނަށެވެ.

ސްޕެނިޝް ލަލީގާގައި ރެއާލްއާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައި ރެއާލުން ވަނީ އިތުރު ދެ ލަނޑު ޖަހައި، އަލުން ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 78 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ދިން ބޯޅައަކުން ރެއާލްގެ ތިންވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދިންއިރު، މެޗުގެ 84 ވަނަ މިނެޓުގައި ނާޗޯ ދިން ބޯޅައަކުން ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު ކްރޫސްއެވެ.

އެ ނަތީޖާތަކާއެކު ޕޮއިންޓް ތާވަލުގެ މަގާމުތަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެއްވަނާގައި އޮތް ބާސާ އަދި ދެވަނައިގައި އޮތް ރެއާލަށް ވެސް 87 ޕޮއިންޓް ލިބިފައިވާ އިރު، ބާސާ ކުރީގައި އޮތޯ ގޯލުގެ ތަފާތުންނެވެ. ލީގުގައި ބާސާއިން ވަނީ ރެއާލަށްވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.

comment ކޮމެންޓް