އުތުރުކޮރެޔާ ތަޖްރިބާކުރި ނިއުކްލިޔާ ދެބޯ ހަރުކުރެވޭ ސްޓްރެޓީޖިކް މިސައިލެއް

އުތުރުކޮރެޔާގެ މިސައިލެއް ޖައްވަށް ފޮނުވާލަނީ

ޕިޔޮންގްޔަންގް (މޭ 15) : މިދިޔަ އާދީއްތަ ދުވަހު އުތުރުކޮރެޔާ އިން ތަޖްރިބާކުރި މިސައިލަކީ ނިއުކްލިޔާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ މެދުރާސްތާގެ މިސައިލެއްކަމަށާ އެތަޖްރިބާ ސައްތައިން ސައްތަ ކާމިޔާބުކަން އެގައުމުން ހާމަކޮށްފި އެވެ.

އުތުރުކޮރެޔާގެ ރަސްމީ ނޫސްއެޖެންސީ ބުނީ އާދީއްތަ ދުވަހުގެ މިސައިލް ތަޖްރިބާކޮށްފައި ވަނީ އަވަށްޓެރި ގައުމުތަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ބަލައިގެން ޖަޕާން ކަނޑާ ދިމާއިން ސީދާ ޖައްވަށް ކަމަށާ ޖައްވުން 2800 ކިލޯ މީޓަރުގެ އުހަށް އެމިސައިލް ދަތުރުކުރިއިރު ފޮނުވާލި ޕޮއިންޓުން (ކަނޑުގެ މަގުން) ދުރަށް ގޮސްފައިވަނީ 787 ކިލޯ މީޓަރަށް ކަމުގަ އެވެ. އެމިސައިލްގެ ނަމަކީ "ހުވާންސުންގް ޓްވެލް" ކަމަށާ އެއީ ނިއުކްލިޔާ ދެ ބޯ ހަރުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ވަރަށް ޒަމާނީ ޓެކްނޮލޮޖީގެ މިސައިލެއްކަމަށް ވެސް އުތުރުކޮރެޔާގެ ރޮކެޓް ސައެންޓިސްޓުންނާއި އިންޖިނޭރުންނާ ހަވާލާދީ އެގައުމުގެ ނޫސްއެޖެންސީން ބުނެފައިވެ އެވެ.

އުތުރުކޮރެޔާގެ މިސައިލް ތަޖްރިބާ ނާކާމިޔާބު ކަމަށް އެއްވެސް ގައުމަކުން ބުނެފައެއް ނުވެ އެވެ. އުތުރުކޮރެޔާގެ ތަޖްރިބާއާބެހޭ ގޮތުން ޖަޕާނުގެ ދިފާއީ ވަޒީރާ ތުމޯމީ އިނާދާ ވިދާޅުވެފައި ވަނީ އެއީ އައު ބާވަތެއްގެ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއްކަމަށާއި އެމިސައިލް ދަތުރުކޮށްފައި ވަނީ ސީސާ ޖައްވަށް ކަމުގަ އެވެ. އަދި އެމިސައިލްގެ ބައިތައް ފަހުން ވެއްޓުނީ ޖަޕާނުގެ އައްސޭރި ފަށުން 400 ކިލޯ މީޓަރު ދުރަށް ޖަޕާންކަނޑަށް ކަމަށް ވެސް ޖަޕާނުން ބުނެފައިވެ އެވެ.

ހުޅަނގުގެ ޖާސޫސީ ބައެއް މައުލޫމަތާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އާދީއްތަ ދުވަހު އުތުރުކޮރެޔާ އިން ތަޖްރިބާކުރީ ނިއުކްލިޔާ އައްޑަނައެއް ގޮތަށް ބޭނުންކުރުމުގެ ގާބިލްކަން ލިބިފައިވާ ސްޓްރެޓީޖިކް މިސައިލެކެވެ. މިއީ ކުރިން އުތުރުކޮރެޔާ ބޭނުންކުރި ޓެކްނޮލޮޖީއަށްވުރެ މަތީފެންވަރުގެ ޓެކްނޮލޮޖީއެއްގެ މިސައިލެއްކަމަށް ބެލެވޭކަމަށް ވެސް ހުޅަނގުގެ ޖާސޫސީ މައުލޫމަތުތައް ބުނެ އެވެ.

އުތުރުކޮރެޔާގެ މިސައިލް ތަޖްރިބާއާ ގުޅިގެން އެމެރިކާއަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ. މިފަހަރު އދ.ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ވެސް ބާއްވާފައެއް ނުވެ އެވެ. އަދި އުތުރުކޮރެޔާއަށް އިންޒާރެއް ވެސް ދީފައެއް ނުވެ އެވެ. އދ. ގައި ހުންނަވާ އެމެރިކާގެ ހަރުކަށި ސަފީރު ނިކީ ހިލީ ވިދާޅުވީ އުތުރުކޮރެޔާއާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރުމުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދެމިއޮންނާނެކަމުގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ދާދިފަހުންވަނީ އުތުރުކޮރެޔާއަށް ބިރު ދެއްކުމަށް ފަހު އެގައުމުގެ ރައީސް ކިމް ޖޮންގް އުންއާ ބައްދަލުކުރައްވައި ސުލްހައިގެ ވާހަކަތައް ދައްކަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިގޮތުން ސުލްހައިގެ ވާހަކަތައް ދެއްކޭ ފަދަ މާހައުލެއް ގާއިމްވެއްޖެ ނަމަ އުތުރުކޮރެޔާގެ ޒައީމް ކިމްޖޮންގް އުން އާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގަންނަވާނެ އުފަލެއްކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް