'އާޝިގީ'ގެ އެކްޓަރު ރާހުލް ރޯއި އެނބުރި އަންނަނީ!

ރާހުލް ރޯއި --

މީގެ 27 އަހަރު ކުރިން ރިލީޒް ކުރި ކާމިޔާބު ފިލްމު 'އާޝިގީ' އިން ފިލްމީ ދާއިރާ އަށް ނުކުމެ ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ރާހުލް ރޯއި ގިނަ ފިލްމުތަކަކާ އެކު އަލުން ފިލްމީ ދާއިރާ އާއި ގުޅުމަށް ތައްޔާރުވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުން ރާހުލް ވަނީ ފަސް ފިލްމަކަށް ސޮއި ކޮށްފަ އެވެ. އަދި ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަ އިރު ރާހުލް ވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް އުފައްދައިފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ވެސް ރާހުލް ވަނީ ފިލްމަކުން ފެނިގެން ގޮސްފަ އެވެ. ނަމަވެސް އެއީ މާ ކާމިޔާބު ވެގެން ދިޔަ ފިލްމެއް ނޫނެވެ.

ރާހުލް ރޯއި---

ރާހުލް ބުނީ އެއަށް ފަހު އޭނާ ދިރިއުޅެމުން ދިޔައީ އޮސްޓްރޭލިއާގައި ކަމަށާއި ދާއިމީ ރެސިޑެންސީގެ މައްސަލަތަކުގެ ސަބަބުން އޭނާ އަށް މުމްބާއީގައި މާގިނަ ދުވަހު މަޑު ނުކުރެވޭ ކަމަށެވެ.

"އެހެންވެ އެއްވެސް ފިލްމަކަށް އެއްބަސް ނުވެވުނު،' ރާހުލް ބުންޏެވެ.

ނަމަވެސް ރާހުލް މިހާރު އިންޑިއާ އަށް ބަދަލުވެފައިވާ އިރު، ޖުމްލަ ފަސް ފިލްމަކަށް މިވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން ދެ ފިލްމަކީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ދެ ފިލްމެވެ.

ރިއަލިޓީ ޝޯ'ބިގް ބޮސް' ފުރަތަމަ ސީޒަން ކާމިޔާބު ކުރި ރާހުލް ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެ ގިނަ އެވޯޑުތަކެއް ހޯދައިފަ އެވެ.

comment ކޮމެންޓް