ރޯދަ ބޯމަތީގައި، ކާބޯތަކެތީގެ އަގު ވެސް މަތީގައި!

ރޯދަމަހާއި ދިމާކޮށް މުހިންމު ބައެއް ކާބޯތަކެތީގެ އަގުތައް 20 ޕަސެންޓާއި 25 ޕަސެންޓާއި ދެމެދަށް ބާޒާރުގައި އުފުލިއްޖެ އެވެ.

މީގެ ތިން މަހެއްހާ ދުވަސްކުރިން ޑޮލަރު ގަނެއްވިކާ އަގު ސަރުކާރުން 10.28ރ. އާއި 15.42ރ. ބޭންޑަކަށް ފެއްތުމާއިއެކު ހުރިހާ މުދަލެއްގެ އަގުން ވެސް ވަނީ ބާޒާރުގައި 50 ހަކަށް ރުފިޔާ ބޮޑުވެފަ އެވެ.

މި ހަފްތާ ފެށުނު އިރު ބާޒާރުގައި މުހިންމު ކާބޯތަކެތީގެ އަގުތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ބިހާއި ކިރުގެ އަގަށެވެ.

ރޯދަމަސް ފެށެން ކައިރިވެފައިވާއިރު ކުކުޅު ބިހުގެ އަގު ހުރީ 2.50ރ އަށް އުފުލިފަ އެވެ. ބާޒާރުގައި ކުކުޅު ބިސް ލިބުން މަދުވެ ބިހުގެ އަގުން 20ލ. ބޮޑުވިއިރު 200ރ. ވިއްކި ބިސް ކޭހެއްގެ އަގުވަނީ 500ރ. އަށް އަގު އުފުލިފަ އެވެ. މިހާރު އެއްގަމު ބައެއް ފިހާރަތަކުން ބިސްވިއްކަނީ 2.90ރ. އަށް އަދި ބައެއް ފިހާރަތަކުން 3ރ. އަށެވެ.
"ބޯޓުތައް އެކޮޅުގައި )ބޭރުގައި( ތާށިވެފައި ބިހެއް ނުލިބޭ. ބިސް ލިބޭ ވަރު މަދުވެއްޖެ. އެހެންވެ ބިސް ވިއްކާ އަގު ބޮޑުވެފައި މިހުރީ،" ހޯލް ސޭލް ކުރާ ވިޔަފާރިވެރިޔަކު ބުންޏެވެ.

ދެން އެންމެ ބޮޑަށް އަގު މައްޗަށް އުފުލުނީ އާންމުންގެ މެދުގައި މަގުބޫލު ކޯސްޓް ކިރެވެ. ބީއެޗްއެމްއިން ވިއްކާ 400 ގުރާމްގެ ކޯސްޓް ވިއްކަނީ 10ރ. ބޮޑުކޮށް 65ރ. އަށެވެ. އަދި 115ރ. އަށް ވިއްކި 900 ގުރާމްގެ ދަޅެއް ވިއްކަނީ 25ރ. ބޮޑުކޮށް 138ރ އަށެވެ. އަދި 2.5 ކިލޯ ގްރާމްގެ ދަޅަކުން 50ރ. ވަނީ ބޮޑުކޮށްފަ އެވެ. އެ ސައިޒުގެ ކޯސްޓް ކިރުދަޅެއް މިހާރު ވިއްކަނީ 350ރ އަށެވެ. އެންމެ ފަހުން ކޯސްޓް ކިރުގެ އަގު ބޮޑުވީ މާޗް މަހުގެ ތެރޭގަ އެވެ.

ރޯދަމަސް ބޯ މަތިވެފައި ވަނިކޮށް މުހިންމު ބައެއް ކާބޯތަކެތީގެ އަގު ބޮޑުވުމާ ގުޅޭ ގޮތުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ ޗެއާމަން ޝާހިދު އަލީ މިއަދު ވިދާޅުވީ ރޯދަ މަހާއި ދިމާކޮށް ތަކެތީގެ އަގު ބޮޑުނުވެ ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން އޯޑަރުތަކާއި އެއްޗިހި ރަނގަޅަށް ޕުލޭސް ކުރެވިފައި މިހުރީ. އަޅުގަނޑުމެންނަށް އިތުރު މައްސަލަތަކެއް ދިމާނުވަންޏާ ރޯދަމަހު ޑިމާންޑާއި އެއްވަރަށް ސަޕްލައި ވެސް ބެހެއްޓޭނެ. ރަނގަޅު ކުއަންޓިޓީ އެއް މިގެންނަނީ. އެގޮތުން އެކަން ކުރެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

ޑޮލަރުގެ އަގާއެކު ތަކެތީގެ އަގުވެސް ބޮޑުވުމާއިއެކު އެސްޓީއޯއިން ވަނީ އަސާސީ 25 ބާވަތެއް ރާއްޖެ އެތެރެކޮށް އަގު ކުޑަކޮށް ވިއްކަން ނިންމާފަ އެވެ. އޭގެ ފުރަތަމަ ޝިޕްމަންޓް މި މަހު 18 ގައި ރާއްޖެ އަންނާނެ ކަމައްވެސް ޝާހިދު ވިދާޅުވި އެވެ.

"އެއާއި އެކު އަޅުގަނޑުމެންނަށް ބޭސިކް ފުޑް އައިޓަމްސްގެ އަގުތަށް ހިފެހެއްޓޭނެ،" ޝާހިދު ވިދާޅުވި އެވެ.

އެސްޓީއޯއިން ސޯހާއި ފިޔާ އަދި ބިސް އިއްޔެ މާލެ ގެނެވޭނެ ކަމަށް ލަފާ ކުރި ނަމަވެސް ޝާހިދު ވިދާޅުވީ އެތަކެތި ރާއްޖެ އައުން ލަސްވީ ބޯޓުތަކުން ޖާގަ ނުލިބިގެން ކަމަށެވެ.

"ކޮލަމްބޯ އަދި އިންޑިޔާގައި އެބަ އުޅޭ ކޮންޖެޝަންއެއް. )ތާށި ކަމެއް( އެހެންވެ އަސްލު އެރައިވަލް ލަސްވަނީ. އެކޮޅުގައި ބޯޓުތަކުން ޖާގަ ލިބުން ލަސްވަނީ ކޮންސްޓްރަކްޝަން މެޓީރިއަލް ގެ ޑިމާންޑް މިކޮޅުގައި އުޅޭތީ. އެއީ އައްޑޫގެ ސާކް ސަމިޓަށް އެކޮޅުން ވަރަށް ގިނަ ތަކެތި މުދާ އުފުލާ ބޯޓުތަކުން އެބަ ގެނޭ،" ޝާހިދު ވިދާޅުވި އެވެ.
ރޯދަމަސް ފާހަގަ ކުރެވިފައިވަނީ ތަކެތީގެ އަގުތަށް އިންތިހާއަށް އުފުލޭ އިސްރާފު ބޮޑު މަހެއްގެ ގޮތުގަ އެވެ. މިއަހަރުގެ ރޯދަ މަސް ފަށަނީ އަންނަމު އެކެއްގަ އެވެ.





ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު