މަޖިލީހުގެ ތަޅުމުގައި ޕީޕީއެމް ބައްޔެއް ނުވާނެ: ނިހާން

10 މެއި 2017: ސަރުކާރު ހިންގާ ކޯލިޝަނުގެ ސިލްސިލާ ޖަގަހަ ޖަލްސާތައް ފެށުމުގެ ގޮތުން، އެމްޑީއޭގެ ޖަގަހަގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންތިޚާބުން ބަލިވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޕީޕީއެމް ބަލި ނުކުރެވޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުމުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ ޖަގަހަގައި މިރޭ ޕީޕީއެމް، އެމްޑީއޭ އަދި ޑީއާރޕީ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، 2014 ވަނަ އަހަރު ރައްޔިތުންގެ ދެއްވި އިޙްތިރާމާއި އެއްބާރުލުމާ އެކުގައި މަޖިލީހުގައި ޕީޕީއެމްއިން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ އެދުންތަކާއި ވިސްނުންތަކަށް ބަލައިގެން ކަމަށެވެ. އަދި މިހާރުވެސް ޕީޕީއެމްގެ ޕީޖީ ގްރޫޕުގައި ހަރަކާތްތެރި 46 މެމްބަރުން އެބަ ތިބި ކަމަށާއި ކޯލިޝަންގައި ހިމެނޭ އިތުރު ފަސް މެމްބަރު ހިމެނިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ޕާލަމެންޓް ތަޅުމުގައި އަޅުގަނޑުމެން ބައްޔެއް ނުވާނެ،" ނިހާން ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާނު ވިދާޅުވީ ދިވެހި ތާރީޚުގައި ރާއްޖޭގެ މިނިވަންކަން ނަގާލުމަށްޓަކައި ރާއްޖެ އަރައިގަތުމަށް މަސައްކަތް ކުރި މީހުންގެ ލިސްޓެއް ހަދާފައި އޮތް ނަމަވެސް އޭނާ ދެކޭ ގޮތުގައި ޖުމްލަކޮށް ރާއްޖެއަށް އެންމެ ބޮޑު ގެއްލުންތަކެއް ދީފައިވާ އެކަކީ ރައީސް ނަޝީދު ކަމަށެވެ.

"އެއީ ދިވެހިންގެ އަދަބު އަޚުލާގާ ދިވެހިންގެ އާންމު އިޖްތިމާއީ ފޭރާން ކަފާ ވީދާ ސުންނާފަތި ކުރީތީ އެއްވެސް އަގަކަށް އެއްވެސް ކޮލެޓްރަލް އަކަށް އަޅުގަނޑުމަނަށް ނުލިބޭނެ ވަރުގެ ގެއްލުމެއް އަޅުގަނޑުމެންގެ ގައުމަށް ލިބިގެން މިދިޔައީ،" ނިހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަތުރުތަކުގައި ރަށްތަކުގެ ފަޅުތައް ބަންދު ކުރުމާއި، ރަށްރަށުގައި ހުޅުޖަހަން އަމުރުކުރުމާއި އެފަދަ ކަންކަން ކުރުވަނީ އެމަނިކުފާނު އަޑީގައި ހުރެގެން ކަމަށެވެ. އަދި އެކަންތައްތައް ކުރަނީ އެންމެނަށް ފެންނަ ހެން "ރޯމާ އަލީގައި" ތިއްބާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ގާތް މީހަކަށް ނުބަލައި، ގާނޫނީ ގޮތުން ކުށެއް ކޮށްފި ނަމަ އެމީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި ގާނޫނީ ބާރު ހިންގައި ދަމަހައްޓާ ސަރުކާރެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ ގާނޫނު އަރައި ހަމަކުރުވާ ހަމަ އެކަނި ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރުކަން މިއަދު ތާރީޚުގައި ލިޔެވިގެން ގޮސްފި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް