އަހަރެންގެ ހިތް އަނބުރާދީ

ދެކުދިން ގަނޑުފެން އަޅާފައި ހުރި ކިވީ ޖޫސްތަށްޓެއްހިފައިގެން ގޮސް އެތާހުރި ގޮނޑިތަކެއްގައި ޖައްސައިލިތަނާހެން ވިޝާމްއާއި މާއިޒްވެސް ބައިވެރިވިއެވެ. ހައިކަލް ސަލްވާއާއި ވެސް އެއްގަމަށް އަރައިގެން މިސްރާބުޖެހީ އެމީހުން މަޑުކޮށްގެން ތިބި އެދިމާލަށެވެ.

"ޑޭޑް އެންޑް ސަލްވާ. ހާދަ ގުޅޭ ކަޕްލްއެކޭ...." އާޒީން ކިޔާލިއެވެ.

"ޔަޕް...." އަޒަލް ބައިވެރިވިއެވެ.

"އޯ........ސީރިޔަސްލީ؟ " މާއިޒް އަށް އެދެކުދިންގެ ވާހަކަތައް ހުރިގޮތުން ހައިރާންކަމެއް ލިބުނެވެ.

މާއިޒް އާޒީންއާއި ހަތަރުކަޅިހަމަކޮށްލުމާއިއެކު އޭނައާއި ސީދާ ސުވާލުކުރިގޮތުން ކުޑަކޮށް ރަކިވެސްވިއެވެ. އިސްޖަހައިލެވުނެވެ. އާޒީން ބޫޓުން ދޮންވެލިގަނޑު ކޮންނަން ފެށިއިރު އޭނަގެ ހިތަށް ނޭގޭ އުދަގޫތަކެއްވާން ފެށިއެވެ. އެހެންމީހުންނަށް އޭނަގެ ހިތާމަތައް ދުވަހަކުވެސް އިހުސާސްކުރެވޭނެކަމެއް ނޭގެއެވެ. ހިތާހިތުން އަމިއްލަ ނަފުސާއި ހަގުރާމަކުރަމުންގޮސް ޑިޕްރެޝަނުގެ ޝިކާރައަކަށްވެ އަމިއްލައަށް މަރުވާންވެސް ހިތަށް އަރާފަހަރު އާދެއެވެ. އެންމެ ބޮޑަށް އޭނަ ކުށްވެރިކުރާނީ މާއިޒްއެވެ. މާއިޒް ޑޮކްޓަރަކަށްވެގެން އެހެންމީހުނަށް ބޭސްކުރާއިރު އޭނައާއިމެދު ވިސްނާނުލާ އަނިޔާވެރިއެކެވެ. އާޒީން ޖޫސްތަށީގައި ދެއަތުން ވަށާލައިގެން އިންއިރު ހުވަފެނެއްގައި އިންފަދައެވެ. މާއިޒް ދެވަނަފަހަރަށް ސިއްރު ސިއްރުން ބަލާލާފައި އޭނަވިސްނަނީ ކޮންކަމަކާ ބާވައޭ ހިތަށް އެރިއެވެ.

"އަހަންނަށް ގުޅޭ އެއްވެސް އެއްޗެއް ނުފެނޭ..." މާއިޒް ފާޑަކަށް ހީލިއެވެ. ސަލްވާއާއިމެދު އޭނަ އެއްގޮތަކަށްވެސް ހިތްހަމައެއްނުޖެހެއެވެ. އޭނައަށް ސަލްވާ ފެންނަނީ ފޮނި އަންހެންކުއްޖެއްގެ ގޮތުގައެވެ.

"ސޭމް ހިއަރ......." ވިޝާމްވެސް މާއިޒްއާއި ބައިވެރިވެލިއެވެ.

"ސަލްވާގެ މޫނު ފެނުނީމަ އިނގޭނީ ޑޭޑް އެންޑް ސަލްވާ ގުޅޭވަރު. ޝީޒް ޕްރިޓީ............" އާޒީން މާއިޒްއާއި އަރައިރުންވާހިތުން ހިމޭނުން އިންނާކަށް ބޭނުމެއްނުވިއެވެ.

"ލައިކް އެރެބިކް ފާޑެއް ހުރީ ދޯ އާޒް؟ ދޮންބެވެސް ފެއިންޓްވާނެ. އެސްފީނާޖެހިދާނެތީ ސަލްވާ މޫނުފޮރުވައިގެން ހުންނަނީ...." އަޒަލް ޖޫސްތަށި ބަހައްޓާފައި ތެދުވެއްޖެއެވެ. އެފްބީ ޕްރޮފައިލްއަށް އޭނަ ލާފައިހުރި ފޮޓޯއަށް އެވަގުތުކޮޅުވެސް ސަތޭކަވަރަކަށް ލައިކް ލިބުމުން ހިތް އުދުއްސައިގަތެވެ. އެހާވަރަށް ކޮމެންޓްގިނައެވެ. ފޮޓޯތައް އިންސްޓަގްރާމަށް ލާހިތުން ހުރެވެނީއެއްވެސް ނޫނެވެ. މިރޭ ބައެއްފަހަރު ފޫހިކޮށް ދިޔަސް ހަގީގަތުގައި އޭނަ ވަރަށް އުފާވިއެވެ. ފޯރިވެސް އައެވެ. ފޮޓޯ ސެޝަނުގައިވެސް އޭނަ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އާއިލާގެ އެއްވަރުގެ ކުދިންތައް އޭނަގެ ހެދުމާއި މޭކަޕްގެ އިތުރުން ވިޝާމް ރީތިވެގެން ތައުރީފުކުރުމުން ދުވަހަކު އުފާނުވާހާ އުފާވެ މިރޭ އޭނައަށް ޚާއްސަރެއަކަށް ވެއްޖެއެވެ.

"އަންހެނަކު ފެންނައިރަށް ހޭ ހުސްވާ ވައްތަރެއްނޫން އިނގޭ. ކޮޓަރީގައި އުޅޭއިރުވެސް އަބަދުހެން ކަޅު ޖުއްބާލައިގެން އުޅެން ކުޅަދާނައޭ ހިތަށް އަރާ. ގެ ދެން އޯކޭ. ފިނިވާނެ ދޯ. އެކަމަކު މިތަނުގައިވެސް އޭނަ އެއުޅެނީ ހަމަ މަތިމައްޗަށް ހެދުންލައިގެން. މިހާ ހޫނު ރަށެއްގައި ބުރުގާއަޅާކަށް ނުވެސްޖެހޭނެ..............." މާއިޒް އޭނައަށް ފެންނަގޮތަކަށް ވާހަކަދެއްކިއެވެ. ދީނުގައި ފޮރުވަންޖެހެނީ ކިހާވަރަކަށްކަން މާއިޒްއަށް އޮޅުން އަރާފައިއޮތީކަން ނޭގެއެވެ. އޭނަ ހުރީ ސަލްވާއާއި މުޅިން ދެކޮޅަށެވެ. ވިޝާމް އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައިން ހީލަ ހީލާހުރިއިރު އޭނަގެ ހިތްވަނީ ރޮއިރޮއިއެވެ. ފެންނަ މަންޒަރުތަކުން އޭނަގެ ހިތް ކުދިކުދިވެދާނެހެން ހީވާފަހަރު އެބައާދެއެވެ. ހިތަށް ހާދަ އަސަރެއް އެބަކުރެއެވެ. އެތައް އަހަރެއްވާންދެން އޭނަ އިންތިޒާރުކުރި ލޯބި ގެއްލިގެން ދިޔައީއެވެ. ސަލްވާ ބޭވަފާތެރިވީއެވެ. މުއްސަދި މިލިއަނަރަކަށްޓަކާ އޭނަގެ ވަފާތެރިކަމުގައި ކޮޅުފައިންޖެހީއެވެ. އެހާ ބޮޑު އަނިޔާއެއް އެހެން މީހަކަށް ދެވޭނެކަމެއް ނޭގެއެވެ. ކެތްކުރެވޭނީވެސް ވަކިވަރަކަށް ނޫންހެއްޔެވެ. އޭނަގެ ހިތުގައި އަނދަމުންދަނީ ކޮންފަދަ އަލިފާނެއްކަން އޭނައަކަށްވެސް ނޭގެއެވެ. ނަމަވެސް ހައިކަލްއާއިމެދު ހިތުގައި ރުޅިވެރިކަން އުފެދުނެވެ. ސަލްވާ މިލްކުކުރުމުގެ ހައްގެއް ހައިކަލްއަށް ލިބިފައެއްނެތެވެ. ދުނިޔޭގެ ހުރިހާ އެއްޗެއް ލިބުމުންވެސް ހައިކަލްގެ ހިތް ނުފުރެނީއެވެ. އެންމެފަހުން ސަލްވާވެސް ޖަހައިގަތީއެވެ.

"ޑޮކްޓަރ ހައިކަލް އަހަރެންދެކެ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައިކަން ނޭގޭ. އަހަންނަށް ބުނެވުނު އެއްޗަކުން. ޖެހޭނެ ހަގީގަތް ހާމަކުރަން............" ވިޝާމް އެއްލޯ ކުޑަކޮށްލަމުން ބަލަން ހުރިގޮތަކުން އާޒީންއަށްވެސް ވިޝާމްގެ ލޯ ރީތިވިއެވެ. އެދިގު އެސްފިޔަތަކަކީ އަސްލެއްބާވައޭ ހިތަށް އެރިއެވެ. އަޒަލްއާއި ވިޝާމް ގުޅޭވަރުން ހިތަށް އުފާވެރިކަމެއްލިބުނެވެ. އަޒަލްއަށްޓަކާ އޭނަ އުފާކުރިއެވެ.

"އަހަރެމެންނަށްވެސް އަންގައިގެން އުޅެބަލަ...." މާއިޒް އަހާލުމުން ވިޝާމް ބުނީ ހައިކަލްއާއި ވާހަކަދައްކާލާފައި ފަހުން ބުނާނެކަމުގައެވެ. މާއިޒްއަށްވެސް އޭނަ ހެދި ދޮގެއް އޮތްކަމުގައެވެ. މާއިޒްއަށް ކޮންމެވެސް ވަރަކަށް ރޭކާލީނަމަވެސް އެވަގުތު އަހާކަށް ނޫޅުނެވެ.

"އަދިވެސް ޑޮކްޓަރ ހައިކަލް ކިޔަންވީ؟ ބައްޕަ ކިޔާކަށް ނުކެރޭނެތަ؟ " މާއިޒް ދިމާކުރިއެވެ.

"އެކަނި ފާދައިން ލޯ ގެ ރިލޭޝަން އޮތްނަމަ ދޯ. އެކަމަކު އެހެން ގުޅުންތައް އޮތީމަ އަދި ތިހާ ގާތްވާކަށް ނުކެރޭނެ....." ވިޝާމް މާނަވީ ގޮތަކަށް ހީލިއެވެ.

"ތިބުނީ....." މާއިޒް އަހާލިއެވެ.

"ފުރަތަމަ އެއީ އަހަރެންގެ ވެރިޔާ. ސެކަންޑް. ފާދަ އިން ލޯ....އަދި.............." ވިޝާމް އިތުރަށް ބުނަން އުޅެފައި މާނަވީ ހިނިތުންވުމަކަށްފަހު އެވާހަކަ ކުރިޔަށް ގެންދާކަށް ނޫޅުނެވެ. އެހެންމީހުން ވިސްނާނެ އެއްޗެއް އޭނައަށް މުހިއްމެއްނޫނެވެ. ސަލްވާދެކެ އޭނަ ވާ ލޯބި އެހެންމީހުންނަށް އެނގުނަސް އޭނަގެ ފަރުވާލެއްނެތެވެ. ނަމަވެސް ކުއްލިއަކަށް ހަދާންވީ މިރޭ އޭނަ ކައިވެނި ކުރި އަންހެންކުއްޖާއާއިމެދުގައެވެ. އަޒަލްގެ ހުރި ނުކުޅެދުންތެރިކަން ދެނެހުރި އެކަނި މީހަކީ އޭނައެވެ. އަޒަލްއަށް މީހުން ވަކިކުރަންނޭގުމަކީ ދިރިއުޅުމަށް ކުރިމަތިވެފައިވާ ޗެލެންޖެކެވެ. އެކުއްޖާއާއިމެދު ހަމްދަރުދީވެ ވިޝާމް މަޑުމަޑުން އަޒަލްގެ އިސްތަށިގަނޑާއި ކުޅެލިއެވެ. ވިޝާމްގެ އެ އަމަލުން އަޒަލް އަށް ކުޑަ ހައިރާންކަމެއް ލިބިފައި ދުރުކޮށްނުލެވުނީވެސް ކިރިޔާއެވެ. އޭނަގެ ހަށިފާރަވެރިއެއްފަދަ މީހެއްގެ ހައިސިއްޔަތުން ހަޔާތަށް އައިމީހެއް ވެއްޖެއްޔާ އެގޮތަށް ގަޔަށް އަތްލެވިގެން ނުވާނެ ނޫންހެއްޔެވެ؟ ނޫނީ އެފަދަ ކުދިކުދިކަންތައްތަކާއި އަޅާނުލާންވީބާވައެވެ.

ވިޝާމް ތިބި ދިމާލަށް އަންނަން އުޅެފާވެސް ސަލްވާ އެއްޗެކޭ ބުނުމުން ހައިކަލްމެން ހިނގައިގަތީ ބުފޭ މޭޒަކާއި ދިމާލަށެވެ. ސަލްވާ ކައިގެން ހުރެ އެހާވަރުން އެދިމާލަށް ދިޔަ ސަބަބަކަށްވާނީ ވިޝާމްއާއި ދުރުވުމެވެ. ވީވެސް އެހެންނެވެ. ސަލްވާ އެހާ ދުފާ އުޅޭކުއްޖަކަށް ނުވާއިރުވެސް އޭނަ ހެދިބިލެއް ގަނޑެއް ހަދަން އުޅުނެވެ. ބިލެއްގަނޑަކަށް ފޯއްފޮތިތަކާއި ހީރާ ޕަންނާ އަޅައިގެން ތައްޔާރުކޮށްފާ ހައިކަލްގެ އަތަށްވެސް އެތިކޮޅެއް ލައްވާދިނެވެ. ހައިކަލް ހީލާފައި އެބުނީ ކީކޭބާވައެވެ. ހައިކަލް ސަލްވާއަށް ބަލައިލިގޮތްވެސް ވިޝާމްއަށް ކަމަކުނުދިޔައެވެ. ވިޝާމް އެމަންޒަރުތައް ނުދެކެން އަނެއް ފަރާތަށް އެނބުރުނެވެ. އެތަނުގައިވެސް މަޑުކުރާކަށް އޭނަ ބޭނުމެއްނުވިއެވެ. އަތުން ފައިން ގޯހެއްނެހެދެނީސް ވީހާވެސް ދުރަށް ދާންޖެހޭނެއެވެ. ނަމަވެސް އެހެން ފިލައިގެން ދެވޭފަދަ ތަނެއް ނޫނީ ހަފްލާއެއްވެސް ނޫނެވެ. އެހެންމީހުންނަކީ މިރޭ އޭނަގެ މެހުމާނުންނެވެ. އޭނަ ރޯޒްމެހެލްއަށް މިދަނީވެސް ސަލްވާއާއި ކައިރިވާން ނޫންހެއްޔެވެ؟ ކެރިގެން ކުރިމަތިލައިގެން އޭނަ ކާމިޔާބުކުރާނެއެވެ.

ސަލްވާ އެގޮތަށް މިސްރާބު ބަދަލުކޮށްލީ އޭނަ ހުރުމުން ކަން ޔަގީންވެފައި އެކުއްޖާއަށް ޖެއްސުމެއްކޮށްލާހިތްވިއެވެ. އޭނަ ޖެހިލުމެއްނެތި އެދިމާލަށް ހިނގައިގަތުމުން އަޒަލްއާއި މާއިޒް އެކަކު އަނެކަކަށް ބަލާލީ ވިޝާމްގެ މަގުސަދު އެއްގޮތަކަށްވެސް ނުވިސްނިފައެވެ. ވިޝާމް ހަރު ހިނގުމެއްގައިގޮސް ސަލްވާމެން ތިބި ހިސާބާއި އަރާ ހަމަވުމުން ސަލްވާ ހާސްކަމާއިއެކު ބަލައިލުމުން ވިޝާމްއަށް މަޖާވިއެވެ. ހައިކަލްއަށްވެސް ބަލައިލެވުނީ އޭނަގެ ދަނބިދަރިފުޅާއި ދިމާލަށެވެ. ހުދުކުލައިގެ ގަމީހަކާއިއެކު ކަޅު ސޫޓެއްލައިގެން ހުރިއިރު ސްމާޓްކަމުގެ ދެވަނައެއްނެތެވެ. ދިގު އިސްކޮޅާއިއެކު ކަސްރަތީ ހަށިގަނޑުގެ ވެރިޔެއްކަމުން އެތައް ބަޔެއްގެ ތެރޭން ފާހަގަކުރެވެއެވެ. އަޒަލްއާއި ހާދަ ގުޅެއޭ ހިތަށް އަރާފައި ދަރިފުޅަށްޓަކާ އުފާވިއެވެ.

"އަލަށް ކިވީ ޖޫސްބުއީމަ ނޫނީ ވެދާނެ ސްޓީކް ކެވުނީމަކަމަށް. މޭނުބައިކުރާގޮތެއްވީ. އެހާ ލައިކްވާ އެއްޗެއްވެސް ނޫން. ސްޓީކް ކަހަލަ އެއްޗެއްސަކީ ޕާޓީތަކަށް ތައްޔާރުކުރަން ރަގަޅު އެއްޗެއްވެސް ނޫނޯ އެކަމަކު އަޒަލްގެ ފެވެރިޓްވީމަ. ދުފާލީމަކަން ނޭގޭ ދެން އޯކޭވާނީ........" ވިޝާމް ހައިކަލްއާއި ސަލްވާއާއި ދޭތެރޭގައިވި ހަނިޖާގައިން އަތް ދިއްކޮށްލާފައި ފޯއްތަބަކުން ފޯއްފޮތްޗެއް ނަގައިލިއިރު ސަލްވާގެ ގައިގާ އަތް ކިރިޔާ ނުޖެހުނުކަމެވެ. މައުސޫމް އަމަލެއްކަމަށް ހަދާފައި ނުބައި ނިޔަތެއްގައި ގަސްތުގައި ވިޝާމް އެކުރި ޖެއްސުމުން ބިރާއި ސިހުމާއިއެކު ސަލްވާ އެއްފަރާތަށް ޖެހިލަން އުޅުމުން ބެލެންސްވެސް ގެއްލި އޭނައަށް މޭޒުގައި ހިފަހައްޓާލެވިއްޖެއެވެ. ވިޝާމް ހާދަ ނުލަފާވެއްޖެއެވެ. އޭނައަކީ މީހެއްގެ އަންބެއްކަން ވިޝާމްއަށް އެނގެންވާނެއެވެ. މިއީ ކޮންފަދަ އުދަގޫ އިމްތިހާނެއްބާވައެވެ. ހިތާމައާއި ހާސްކަން ލިބުނު ވަގުތުކޮޅަކަށްފަހު ސަލްވާ ހަމަޖެހިލަމުން އަދިވެސް އެދޭތެރޭގައިވާ ދުރުމިން އިތުރުކޮށްލައިފިއެވެ.

"ކެއަފުލް......." ވިޝާމް ދެބުމަ ހިއްލައިލަމުން އަތަށް ބިލެތްކޮޅަކާއި ހީރާޕަންނާ ލައިގެން އަނގަޔަށް ލާފައި ހަފަންފެށިއެވެ. ސަލްވާ "އެކްސްކިއުޒްމީ" އޭ ބުނެފައި އަޒަލްމެން އިށީދެލައިގެން ތިބި ދިމާލަށް ދާން ހިނގައިގަތުމުން ވިޝާމްއަށް ދެން ފަހަތު އަޅުވާކަށް ނުކެރުނެވެ. ހައިކަލްފަދަ ވިސްނޭ މީހެއްގެ ސިކުނޑިއަށް ވަރަށް ފަސޭހައިން އެފަދަ ކަންތައްތައް ނަގައިގަނެވޭނެއެވެ. ސަލްވާ މިރޭ ފިލިޔަދޭށެވެ. ރޯޒްމެހެލް ފަދަ ތަނަވަސް ބޮޑުގެއެއްގެ ތެރެއިން ލިބޭނެ ފުރުސަތުތައް ހިތަށް އަރުވާފައިވެސް ވިޝާމްގެ ހިތް އަވަސްވެލިއެވެ. އޭނަ ހުއްޓާލާނީ އޭނަގެ ލޯބި ކާމިޔާބުކޮށްފައެވެ. ދުނިޔެއާއި ހަގުރާމަކޮށްގެންވެސް އޭނަ ސަލްވާ މިލްކުކުރާނެއެވެ. މަރު ނުވަތަ ކާމިޔާބެވެ.

"މިރޭ އަޅުގަނޑުބޭނުން ވާހަކައެއް ބުނެލަން. ދޮގެއް ހަދައިގެން ކައިވެންޏާއި ހަމަޔަށް އަންނަން ޖެހުނުކަމަށްޓަކާ މާފަށް އެދެން. އަޒަލްއާއި ބެހޭގޮތުން އެކަށީގެންނުވާ ކަހަލަ ވާހަކައެއް ދެއްކުނީ. އައިމް ސޮރީ އެބައުޓް ދެޓް. އަޒަލްއާއި އެފަދަ އެއްވެސް ގުޅުމެއް ބާއްވާފައެއްނުވާނެ. ކުރިއަކުން އަޒަލް ނުވެސް ދަންނަން. އެގެއަށް ގޮއްސަ އަޒަލް ފެނުމަށްފަހު ހިތަށް އެރީ ދެން.....ޖަސްޓް....." ވިޝާމް ހުރީ ހައިކަލްގެ މޫނަށް ބަލައިލަންވެސް އުދަގޫވެފައެވެ. އޭނަގެ ކައިރީގައި ހައިކަލްއަކީ ކުށްވެރިއެކެވެ. ނަމަވެސް އޭނަ އެގޮތަށް ދޮގުހެދުމުން ހައިކަލްއެކޭ އެއްފަދައިން އަމިއްލަ ނަފުސްވެސް ކުށްވެރިކުރެވުނެވެ. ނަމަވެސް މިފަދަރެއެއްގައި ހައިކަލް ބޭރުފުށުން އުފާވެރިކަން ދައްކައިގެން ހުއްޓަސް އެދެލޮލުން ނޭގޭފަދަ ހިތާމަވެރި ކުލަވަރެއް ވިޝާމްއަށް ފެނުނެވެ. އޭގެ ސަބަބުވެސް ވިސްނުނެވެ. އެއްވެސް މީހަކު އެމީހާގެ އަންހެންދަރިފުޅު އެފަދަ ހާލަތެއް ދިމާވެގެން ކައިވެނިކުރާކަށް ނޭދޭނެއެވެ. ޔަގީނުންވެސް އޭނަ އެވާހަކަ ބުނުމުން ހައިކަލްގެ ހިތަށް ފަސޭހަވާނެއެވެ. ސިކުނޑިން އެތައް ބުރަދަނެއް ލުއިވެގެންދާނެއެވެ. ނަމަވެސް ހަގީގަތަކީ ވިޝާމްގެ އިއުތިރާފުން ވިޝާމްއާއިމެދު އޭނަގެ އިތުބާރު މުޅިން ގެއްލުނުކަމެވެ. ވިޝާމް އަޒަލްއާއި ކައިވެނިކުރަން ޖެހުނު ސަބަބާއިމެދު ހިތުގައި ޝައްކު އުފެދުމެވެ. ހަމަ ކުއްލިއަކަށް އަޒަލްއަށް މޮޔަވެގެން އެހާ އަވަހަށް އިންނަން ބޭނުންވާނެހެނެއް ހިޔެއްނުވެއެވެ. ނަމަވެސް އެކައިވެނިކުރެވިފައިވާތީ މިވަގުތު އެއްޗެކޭ ބުނެގެން ނޫނީ ވިޝާމްއާއި ސުވާލުކޮށްގެން ވާނެ ފައިދާއެއްނެތެވެ. ވިއްޔާ ވާނީ ގެއްލުމެވެ.

ހައިކަލްއާއި ވިޝާމް އެއްތާކު ވާހަކަދައްކަން ތިބުމުންވެސް ބައެއްމީހުނަށް އުދަގޫވިއެވެ. މެހެރީނާއާއި ރައުދާ އެކަމާއިވެސް ޖެއްސުންކުރިއެވެ. ވިޝާމްއާއި ސަލްވާފަދަ ރާއްޖެތެރޭ މީހުން ރޯޒްމެހެލްއަށް ވަދެގަތީ ފައިސާގެ ދަހިވެތިކަމުގައެވެ. ރީތި ސިފަތަކެއް ލިބިފައިވިޔަސް އެއާއިލާއާއި ލާއިގު ބަޔެއްނޫނެވެ. އެބަޔެއްގެ ފެންވަރު މީހުންނާއި އެކީގައި ނޫނީ އުޅުމަކީ ހަމަޖެހޭ އުސޫލެއްނޫނެވެ. ދުނިޔެވެސް ލައުނަތް ދޭނެއެވެ.

ސަލްވާ އަޒަލްމެން ތިބި ދިމާލަށް ހިނގާފައި ދިޔައީ ހެދުން ކުޑަކޮށް ހިއްލާލައިގެން ހުރެ ފިޔަވަޅުތަކަށް ސަމާލުވަމުންނެވެ. ވިޝާމްގެ ސަބަބުން އުދަގޫވެ ހިތަށް ލިބިފައިވާ ހާސްކަން ކުޑަކުރަން އޭނަ ހެއްދެވިފަރާތްމަތިން ހަދާންކުރިއެވެ. ހިތާހިތުން ދުޢާކުރިއެވެ. އޭނަ ދެން ކުރިމަތިލާން ޖެހޭ އުދަގޫތައް މިހާރުވެސް އިހުސާސްކުރެވެއެވެ. އެކަންތައްތަކަށް ކެތްކުރާނެ ގޮތެއްވެސް ވިސްނުމަކަށް ނާދެއެވެ. " އެއްވެސް ނަފުސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރެއް ނޫނީ އަދާކުރަން މާތް ﷲ ނުޖައްސަވަތެވެ." ގުރުއާނުގައި ވާ ވަހީބަސްފުޅު ހަދާންކޮށްފައި ކޮންމެވެސް މަގެއް ދައްކަވާނެކަމުގައި ވިސްނާ ޚިޔާލުތައް އެއްފަރާތްކުރިއެވެ.

"އައްސަލާމް އަލައިކުމް." ސަލްވާ އަރާ ހަމަވެފައި އަޒަލްގެ ގައިގާ ކުޑަކޮށް ބައްދައިލުމުން އަޒަލްއަށް ލޮލަށް ގޮތެއް ހަދައިލެވުނެވެ. އޭނަގެ މިއޮތް ރީތި ހެދުންވެސް ހަޑިވެދާނެއެވެ. ސަލްވާ ހަމައެގޮތަށް އާޒީންގެ ގައިގާވެސް ބައްދާލުމުން އާޒީންއަށް ތަފާތު އިހުސާސެއްކުރެވުނެވެ. އެފަދަ ގާތް ކޮންމެ އަމަލެއް ހިތާއި ގުޅޭނެއެވެ. އެހެން މީހެއްގެ ފަރާތުން ކުޑަ ކުލުނެއް ނޫނީ ލޯބީގެ ހަރަކާތަކުންވެސް އެމީހާއާއި މެދު ދެކޭގޮތްވެސް ބަދަލުވެދާނެއެވެ. މާއިޒް ދެކުނީ އެއީ ދެއްކުންތެރިކަމުގެ ގޮތުގައެވެ. އަރަބިންނާއި ވާދަކުރަންވެގެން އަލަށް މިތަނަށް ގެނެސްގެން އުޅޭ ބީރައްޓެހި ސަގާފަތެކެވެ.

"ސަލްވާ ކިހިނެއްތަ؟" އަޒަލް ގަދަކަމުން ހީލިއެވެ. ސަލްވާ އަލަތު ކައިވެންޏަށް މަރުހަބާކިޔާފައި އެ ކައިވެނީގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރާ ވާހަކަ ބުނެލިއެވެ. އަޒަލް ޝުކުރުއަދާކުރިއެވެ.

"ރަގަޅު އަލްހަމްދުލިﷲ....." ސަލްވާ ހިނިތުންވެލިކަން ލޮލުންވެސް އެނގުނެވެ.

"އަޒަލް އަދި އަހަރެން ބޭނުން ވާހަކައެއް ބުނެލަން. އަހަރެން އަޒަލްގެ ފިރިމީހާއާއި ސަލާމް ނުކުރީ އެއީ ދީނީގޮތުން އެކަން ހުއްދަނުވީމަ. ބައެއްމީހުން ބުނާނެ ހައްދުފަހަނަޅާގޮސްގެން ދައްކާވާހަކައޭ. އެކަމަކު ސަލާމްކުރުމުން ހުރި ފައިދާއެއްވެސް ނެތްކަމަށް އަހަރެން ގަބޫލުކުރަނީ. ކޮންމެހެން އޭނަ ދެރަކޮށްލަން ނޫނީ ދަށްކޮށްލަން ކުރިކަމެއް ނޫން. އެހެން ހީނުކުރައްޗޭ. އަހަންނަށް އެނގޭ އަޒަލްމެންނަށް އަދި އެކަހަލަ ވާހަކަތައް ގަބޫލުކުރަން އުދަގޫވެދާނެކަން. އެކަމަކު އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަޒަލްމެންނަށް އެނގޭނެ.........." ސަލްވާ ބުނެލިއެވެ

"އިޓްސްއޯކޭ. އެވަގުތު ވަރަށް ރުޅިވެސް އައި. ހީވީ ހަމަ ޑެލިބެރޭޓްކޮށް ސަލްވާ ގޮތްދައްކަން ކުރިކަމެއްހެން.......ލީވް އިޓް..........." އަޒަލް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

"އެކްސްޓްރީމިސްޓެއް ދޯ. އިސްލާމްދީނަކީ ލުއި ފަސޭހަދީނަކަށް ވާއިރު ދެން ކޮންމެކަމެއް ހައްދުފަހަނަޅާ ދިޔައީމަ އެހެން މީހުންނަށްވެސް އުދަގޫވާނެ. މިމީހުން ބުނާގޮތުން ވިއްޔާ މިނޫންގޮތަކަށް އުޅޭމީހުން ދާން އޮތްތަނަކީ ނަރަކަ.........." މާއިޒް މަލާމާތުގެ ފާޑަކަށް ހީލިއެވެ. ރައްދުދޭން ހިތަށް އަރާފައިވެސް މިއީ އެންމެ އެކަށީގެންވާ ތަނެއް ނޫނީ މުނާސަބާއެއް ނޫންކަން އެނގި ސަލްވާ ހިމޭންވިއެވެ. އެހެންނޫނަސް ދޮންދަރިފުޅާއި އެގޮތަށް ޖަދަލުކުރުމަކީ ރަގަޅުކަމެއްނޫނެވެ. އެކުދިންނާއި ވާހަކަދައްކަންވާނީ ރީތިކޮށެވެ. ހުޅަގު ގައުމުތަކުގައި ގިނަ ދުވަސްވުމުން ވިސްނުން ހުންނާނީ އެކަހަލަ ގޮތަކަށެވެ. ދީން އެނގިފައެއްނުވާނެއެވެ.

މާއިޒް އެވަރުން ހުއްޓައެއްނުލިއެބެ. ސަލްވާގެ ހެދުމަށް މަލާމާތްކޮށްފައި ނުވީތާކަށް ގޭގައި ނަމާދުގެއެއް ހެދުމާއިދެކޮޅަށް ވާހަކަދެއްކުމުން ދެތިން އެއްޗެއް ބުނެލާހިތްވިއެވެ. މާއިޒް ވިސްނާލެއް ގޯހެވެ. އެގޮތަށް ވިސްނާކަށް ނުވާނެއެވެ.

"މާއިޒް. މާތް ﷲއަކީ އެންމެ ލޯބިވާފަރާތްކަމުގައި ވެއްޖެއްޔާ ދީނުގައި ކުރަން ޖެހޭ އެއްވެސް ކަމެއް ބުރައަކަށް ނުވާނެ. ކޮންމެފަދަ ތަނެއްގައި ކޮންމެފަދަ ވަގުތެއްގައިވެސް އެފަރާތްމަތިން ހަދާންކޮށް އެންގެވިގޮތަށް އުޅުމަކީ މީހާ ހައްދުފަހަނަޅާ ދިޔުންކަމަށް ގަބޫލުކުރާކަށް ނުވާނެ. ޕްލީޒް ތިންކް އެބައުޓް ދިސް. އަހަރެމެންގެ ކްރިއޭޓަރއާއި އޮންނަ ގުޅުން ސްޓްރޯންގްވުމުން އަހަންނަށްވެސް އެކަން ރިއަލައިޒްވީ. އަހަރެމެން ދެކެ އެއަށްވުރެ ލޯބިވާ ފަރާތެއްނުވާނެ. ވީއިރު މިގޮތަށް އުޅުމުން ހައްދުފަހަނަޅާދިޔުމެކޭ ކިޔޭނެހެން ހިޔެއްނުވޭ. ނަމާދުގެއެއް ހުރީމަ..............." ސަލްވާ ވާހަކަދެއްކީ އަޒަލްމެންގެ ހިތް ބަދަލުވާނެކަމުގެ އުއްމީދުގައެވެ.

"ސަލްވާ. ދީނީ ލެކްޗާއެއް ފަށާނެކަމެއްނެތް. އެންމެންގެ ޚިޔާލު އެއްގޮތެއްނުވާނެ. މިޒަމާނުގައި އެހާ މާތްމީހުންނެއް ނޫޅޭ. މުޅިންވެސް ދެއްކުންތެރިކަން. ތިކަހަލަ ހެދުން އަޅައިގެން އުޅޭ މީހުން ކޮށްލާ ނުބައިކަންތަކުގެ ވާހަކަވެސް އަހަރެމެން އަހަމޭ. އެންމެ ރަގަޅުވާނީ ދީނޭ ކިޔައިގެން ވާހަކަ ނުދެއްކިއްޔާ. އެމީހަކު އުޅޭނެގޮތަކަށް އެމީހަކު އުޅުނީމަ އެވީ. އަހަރެމެންގެ ޕޭރެންޓުން ބުނެދިންގޮތަށް ދޯ އަހަރެމެންވެސް މިއުޅެނީ. ވީ ބިލީން އިން ގޯޑް.. ހުރިހާ ރޫލްތަކެއް ފޮލޯ ނުކުރިޔަސް މިވަރުންވެސް ވާނެ......................" މާއިޒް ސަލްވާގެ ޖުމްލަ މެދުކަނޑުވައިލިއެވެ. އެވަގުތު ހައިކަލް އައުމުން އިތުރަށް އެވާހަކަ ކުރިޔަށް ގެންދެވޭނެގޮތެއްނުވިއެވެ. ހައިކަލް އަޒަލްއާއި އާޒީންއާއިވެސް ސަމާސާކޮށް ވާހަކަދެއްކިއެވެ. އެކުދިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. ހައިކަލް ހަދިޔާއަކަށް ދިން އެއްޗެހިން އަޒަލް އެންމެ އުފާވީ ހަނީމޫން ޓްރިޕްއެވެ. އެމީހުންނަށް އެކަނި މާގިނަވަގުތުތައް ހޭދަކުރެވުނަ ނުދޭން ފާރަލައިގެން ތިބި އާއިލާމީހުން އެތަނަށް ޖަމާވެ މަޑުމަޑުންގޮސް ސަލްވާއަށް ދުރަށް ދާން މަޖުބޫރުކުރުވިއެވެ. ފަހަތަށް ޖެހެމުންޖެހެމުންގޮސް އޭނަ އެއްފަރާތްވެލުމަށްފަހު ތަންކޮޅެއް ދުރުގައި ހުރެ އިންތިޒާރުކުރީ ހައިކަލްއަށެވެ. އެކަނިހުއްޓަސް ސަލްވާއަށް އެކަމެއް އިހުސާސެއްނުކުރެވުނެވެ. އޭނަހުރީ ނިކަން ގަޔާވެގެން ފޯނުން ގުރުއާން ކިޔަވާށެވެ. ގުރުއާން ހިތުދަސްކުރުމަށް އަޒުމްކަނޑައެޅުމަށްފަހު އެހެން ލިބޭ ހުސްވަގުތުތަކުގައި ކުރާކަމަކީއެއީއެވެ. ވަގުތަކީ އަގުހުރި އެއްޗެއްކަމުން އެންމެ ވަގުތެއްވެސް ބޭކާރުކޮށް ދުއްވާލަން ބޭނުމެއްނުވަނީއެވެ.

އެރޭ ވިޝާމްއާއި އަޒަލް ރިޒޯޓުގައި ހަނީމޫން ހަދާގޮތަށް މަޑުކުރިޔަސް އެހެން އެންމެން ފުރައިގެން ދިޔައީއެވެ. ވިޝާމްއާއި އަޒަލްއަށްޓަކާ ތައްޔާރުކޮށްފައިވަނީ ޕްރެޒިޑަންޝަލް ސޫޓެކެވެ. އެތަން ހަދާފައިވާލެއް ފުރިހަމަކަމާއި އިޝްގީކަމުން އާޝޯހުވާވަރުވެއެވެ. ހިތްތަކަށް ފިނިކަންދޭހާ ޗާލުކޮށް މަންޒަރުތައް ހުރިއިރު އެހާމެ ލުއި މީރުވަހާއި މަޑު މިއުޒިކެވެ. ދެމީހުން ކޮޓަރިއަށް ވަނުމާއިއެކު އަޒަލް ބުނެގެން ދެމީހުން އެކީގައި ސެލްފީތައް ނެގިއެވެ. ވިޝާމް ޝުއޫރުތައް ފޮރުވަން ކުޅަދާނަކަމުން އޭނަގެ ދެލޮލަށް ބަލާލާފައިވެސް އޭނަ ހުރީ ދެރަވެފައޭ ބުނާކަށް އެކަކަށްވެސް ނުކެރޭނެއެވެ. އެހާވެސް އުފާވެރި ތަސްވީރެކެވެ. އަޒަލްއާއިއެކު އެނދުގައި އިށީދެގެންނާއި ކޮޅަށްތިބެވެސް ސެލްފީތައް ނެގިއެވެ.

"އިނަފް؟ " ވިޝާމް އެންމެފަހުން އާފުރެން ފެށުމުން އަހައިލިއެވެ.

"މޯދޭން އިނަފް ހެހެ. ތޭންކްސް ވިޝާމް.........." އަޒަލް ބޮޑުވާއިނގިލި ދައްކާލީ ހިތްހަމަޖެހުނުކަން އަންގާދިނުމަށެވެ. ވިޝާމް ޖަވާބެއްނުދީ ނިދާ ހެދުން ހިފައިގެން ހިނގައިގަތީ ފާޚާނާއާއި ދިމާލަށެވެ.

"ޔޭ.. ޔޭ.....އައިމް ސޯ އެކްސައިޓެޑް...." އަޒަލް އަވަސްއަވަހަށް އެބަރު ހެދުން ބާލާފައި އޭނަ އާއްމުކޮށް ނިދަންއުޅޭކަހަލަ ޕިޖާމާއެއްލުމަށްފަހު ބުޅި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައި އެނދަށް އަރާ ޖައްސާލިއެވެ. ފޯނުގައި ހުރި ފޮޓޯތައް އޭނަ އިންސްޓަގްރާމަށް ލާންފެށުމުން ވަގުތުން ލައިކްތައް އޮހެންފެށިއެވެ. އަޒަލް ހައްތަހާ ފޯރިއެރިއެވެ. ތެދުވެގެންގޮސް ލޯގަނޑުކައިރީގައި ހުރެ ބަލައިލިއެވެ. ހަގީގަތުގައިވެސް އޭނަގެ މޭކަޕް ހާދަ ފުރިހަމައެވެ. އާޒީން ހާދަ މޮޅެވެ. ލޯގަނޑުން ފެންނަންހުރީ ރީތިކަން ހުސްކޮށްފައިވާ އަންހެންކުއްޖެކެވެ. އެކަމަކު އޭނަ ހުންނަނީ ކިހިނެއްހެއްޔެވެ؟ އޭނަގެ އަސްލަކީ ކޮބާހެއްޔެވެ؟ ގަޑިއެއްހާއިރުވެފައި ވިޝާމް ނުކުތްއިރު ކޮންމެވެސް ވަރަކަށް ސިގިރެޓްވަސް ހިފާލުމުގެ އިތުރުން އެދެލޯ ރަތްވެފައިވާކަން އަޒަލްއަށް ފާހަގަކުރެވުނެވެ. ވިޝާމް ހިތާމަކުރަނީ ކޮންކަމަކާއި ބާވައެވެ. ފުރަތަމަ ރޭވެސް އަޒަލް އަމިއްލަ ހިތާ ސުވާލުކުރަން ޖެހުނެވެ.

"އަހަރެން ހީކުރީ ވިޝާމް ފާޚާނާގައި އިންދާ ނިދުނީކަމަށް........ " އަޒަލް ހީލިއެވެ. ވިޝާމްވެސް އައީ ލައިގެން ހުރި ކޯޓުފަޓުލޫނު ބާލާފައި ޓީޝާޓަކާއި ދިގު ސޯޓެއްގައެވެ.

"ފޮޓޯތަކަށް ހާދަވަރަކަށް ކޮމެންޓް އެބައާދެޔޭ. ސީ ދިސް........" އަޒަލް ތެދުވެގެން އައިސް ވިޝާމް ކައިރީގައި ހުއްޓިފައި އޭނަ ލާފައި ހުރި ފޮޓޯތައް ދައްކަންފެށިއެވެ. ކުޑަކުއްޖަކަށް ކެންޑީ ލިބުމުން ލިބޭފަދަ އުފާވެރިކަމެއް އަޒަލްއަށް ލިބިފައިވެއެވެ. ކޮންމެގޮތެއްވިޔަސް ކޮންމެ އަންހެންކުއްޖަކަށްވެސް ކައިވެނީގެ ރޭ ޚާއްސަވާނެއެވެ. އަޒަލް ބޭނުންވާ ބައިވެރިޔެއް ނުލިބުނަސް ފޮޓޯތައް ލާފައި ތައުރީފު އޮހެންފެށުމުން އަޒަލްއަށްވެސް އެނިމުނީއެވެ. އަޒަލްގެ ހެދުމުން ފެށިގެން ފިރިމީހާއަށް ދާންދެން ރީތިވެގެން އެވާހަކަތައް ދައްކާފައި ހުއްޓެވެ. އަޒަލް މަޖާވެލާފައި ބައެއް ކޮމެންޓްތައް ކިޔައިދިނުމުން ވިޝާމްވެސް ހީލިފަހަރު އަޔަސް އޭނަ ހިތާހިތުން އެކަމާއި ނުރުހުނެވެ. އަޒަލް އޭނަގެ ފޮޓޯ ލުން އެއީ ވަރަށް ކަމުނުދާ ކަމެކެވެ. ނަމަވެސް އެވާހަކަ ބުނެގެން އަޒަލް ދެރަކޮށްލާކަށް ނުވެސްވާނެއެވެ. އޭނަ ބޭނުންވަނީ އެކަނިވެރިކަމެވެ. އެކަނިއިނދެގެން ހިތް ފުރެންދެން ކަރުނަ އޮއްސުމެވެ. މިރޭ ހާދަވަރަކަށް އޭނަގެ ހިތަށް އަސަރުކޮށްފިއެވެ. ސަލްވާ ސަލާމް ނުކުރި ހިސާބުން ފެށިގެން ކޮންމެ ކަމެއް އޭނަގެ ހިތްހަލާކުކުރުވިއެވެ.

"އަހަރެން މިދަނީ ވައި ޖައްސާލަން....." ވިޝާމް އެންމެފަހުން ބުނެލިއެވެ.

"ދަންވަރު....." އަޒަލް ކަންބޮޑުވިއެވެ.

"ޖިންނިއެއް އަހަރެން ގެންގޮސްފާނެތީތަ؟ " ވިޝާމް ހޭންފެށިއެވެ.

"އެހެނެއްނޫން.....ޖަސްޓް.... އޯކޭ ދިޔަސް. ޖިންނިއަކާއި ދިމާވެއްޖެއްޔާ ގިވް އެ ހަގް ފްރޮމް މީ. އައިމް ޑްރެއިންޑް. އެހެންވީމަ ނިދާލާނަން. ހެނދުނު ގޮވާދެއްޗޭ. ފުދޭވަރަކަށް ނިދި ހަރުވާނެ...." އަޒަލް އެނދަށް ވެއްޓިގަންނަމުން ބާލީހެއްގައި ބައްދައިލިއެވެ.

"އައި މިސް މައި ޓެޑީސް..." އަޒަލް އަމިއްލަ ނަފުސަށް އިވޭހާ މަޑުން ކިޔަސް ވިޝާމްއަށް ރީތިކޮށް އެބުނި އެއްޗެއް އެނގުނެވެ. ބޮޑު ދެލޯ ތަންމިނަށް ހުޅުވާލައިގެން ފޯނުޗެކް ކުރަން އޮތްއިރު ތުންފަތުގައި ހިނިތުންވުމެއްވިއެވެ. މިއިން އިރެއްގައިވެސް އޭނަ ނިދާނެކަމާއިމެދު ވިޝާމްއަށް ޝައްކެވެ.

އަޒަލްގެ މައުސޫމްކަމުން ވިޝާމްގެ ހިތަށް ހަމްދަރުދީވަންނަން އުޅުނެވެ. އޭނަ އަމިއްލަ އެދުމެއް ފުރިހަމަކުރަންވެގެން އަޒަލްފަދަ ކުއްޖަކަށްވެސް އޮޅުވައިލެވުނީއެވެ. ބޮޑު ކެއްސެއްދެވުނީއެވެ. ނަމަވެސް އޭނަ އަޒަލްއަށް ދެރަގޮތެއް ނަހަދާނެއެވެ. ވެވުނުވަރަކުން އެހީތެރިވެސް ވާނެއެވެ. އޭނަ ކައިވެނިކުރީވެސް އެނަމުގައެވެ. އެހީތެރިވުމުގެ ނަމުގައެވެ. އަޒަލްއަށްވެސް އެކަމާއި ދެކޮޅެއްނެހެދޭނެއެވެ. ވީއިރު އޭނަ އޮޅުވައިލީކަމަކަށްވެސް އަޒަލްއަށް ނުބުނެވޭނެތާއެވެ.

ޕްރެޒިޑެންޝަލް ސޫޓުގެ ފަހަތުގައިވާ ދޮރުން ނުކުމެވުނީ ވަރަށް އަރާމު ތަނަކަށެވެ. ހުދު ދޮންވެލިގަނޑު ނިމުމެއްނެތެވެ. އިށީންނަން ހަދާފައިވާ އަރާމު ބީޗްޗެއަރތަކެވެ. ގަހެއްގައި އެލުވާފައިވާ ހެމޮކެއްވެސް ހުއްޓެވެ. އެހިސާބުގައިވާ ލައިޓަކުން ފަނޑު އައްޔެއްވެސް ދީފައި އޮތުމުން ހިތްގައިމުކަމުގެ އިންތިހާއެވެ. ހުރިހާ އަޑުތަކެއް ކެނޑި މުޅިރަށްވެސް ނިދާފައިވާކަހަލައެވެ. ސިގިރެޓެއް ރޯކޮށްލުމަށްފަހު ދޮންވެލިގަނޑުމަތީގައި ޖައްސާލެވުނުގޮތަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހިމޭން އަދި މޮޅިވެރިކަމުގެ ތަސްވީރެކޭ އޭނަ ތަފާތެއްނެތެވެ. ކުރެހުންތެރިއަކު ފިހިގަނޑުން ކުލަޖައްސައިލަން އެންމެ އެދޭނެފަދަ މަންޒަރެކެވެ.

"އަހަރެން އެބަޖެހޭ ކޮންމެގޮތެއް ހަދާފައިވެސް އެ ސުވާލުގެ ޖަވާބު ހޯދަން. ސަލްވާ ކީއްވެ ބިޓްރޭ ކުރީ؟ އުމުރުން އެހާ ދުވަސްވީ މީހަކާއި ކައިވެނިކުރަން ޖެހުނީ ކީއްވެތަ؟ އިންތިޒާރުކުރާނަމޭ ބުނެފައި މަޑުނުކުރި ސަބަބެއް އޮންނާނެ. ހައިކަލް ސްމާޓްވުން އެއީ އެހެންކަމެއް. އެކަމަކު އޭނަގެ އުމުރަކާއި ނުވެސް ގުޅޭ. ސަލްވާޖެހޭނީ އަހަންނަށް ޖަވާބުދޭން. އެސުވާލުގެ ޖަވާބުތައް ސަލްވާގެ ދުލުން އަޑުއަހާފައި ނޫނީ އަހަރެން ހުއްޓައެއްނުލާނަން. އަހަންނަށް އަދިވެސް ގަބޫލެއްނުކުރެވޭ. އެހާވަރުން ކިޔެވީ އެންމެ މީހަކަށްޓަކާ. ސަލްވާ އަމިއްލައަށް ބުނީ ވިޝާމް ޑޮކްޓަކަށްވާށޭ. އޭރުން މެރީކުރާނަމޭ. މޮޅު މީހަކަށްވާށޭ. އެހާވަރުން ލޯނުނަގައިގެން ކިޔެވުމުގެ ބޭނުމެއް މިއަދު ނެތް. ހުރިހާ އަހަރެއް މިދިޔައީ ބޭކާރުވެގެނެއްނު. ކީއްވެ؟ ކީއްވެ؟" ވިޝާމް ބޭނުންވީ ހަޅޭއްލަވައިގަންނާށެވެ. އޭނަގެ ދީވާނާ ހިތް ލޯތްބަށްޓަކާ ތެޅިފޮޅޭތާ މިވަނީ ކޮންދުވަހެއް ހެއްޔެވެ؟ އެއްވެސް ރަހުމަކާއި ނުލައި ސަލްވާ އޭނަގެ ހިތް ހަލާކުކޮށްލީއެވެ. ވިޝާމް އިސްތަށިގަނޑުގެ ތެރެއަށް އަތްމަހައިލިއެވެ. އޭރު އޭނަގެ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އޮހިގެންފިއެވެ.

(ނުނިމޭ)

comment ކޮމެންޓް