އިމަނުއެލް މެކްރޮން ފްރާންސުގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

ރައީސް އިމަނުއެލް މެކްރޮން އާއި ކުރީގެ ރައީސް ފްރާންސުވާ ހޮލާންޑޭ -- ފޮޓޯ: ގެޓީ

ޕެރިސް (މެއި 14): ފްރާންސުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިމަނުއެލް މެކްރޮން ރައީސްކަމުގެ ހުވާކުރައްވައިފި އެވެ.

މިމަހުގެ ހަތް ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި 66 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި މެކްރޮންއަކީ އެގައުމުގެ އެންމެ ޒުވާން ރައީސެވެ. އަދި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި އޭނާ ވަނީ ފްރާންސުގައި އޮތް ބައިބައިވުން ނެތިކޮށްލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ީމީގެ އިތުރުން މެކްރޮން ވަނީ އޭނާގެ ވެރިކަމުގައި އީޔޫ 'އިސްލާހު' ކުރައްވާނެ ކަމަށާއި، ވިޔަފާރިއާ ރަށްޓެހި މާހައުލެއް އެގައުމުގައި ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އިމަނުއެލް މެކްރޮން އާއި އަނބިކަނބަލުން ބްރިޖިތް ޓްރޯނިއު -- ފޮޓޯ: ރޮއިޓާސް

މެކްރޮންގެ ސަރުކާރުގެ ބޮޑުވަޒީރު މާދަމާ އިއުލާން ކުރައްވާނެ ކަމަށް ފްރާންސުގެ މީޑިއާތަކުން ބުނެ އެވެ.

ެުފްރާންސުގެ ކުރީގެ ރައީސް ފްރާންސުވާ ހޮލާންޑޭ ވެރިކަމުން ފައިބައިވަޑައިގެންނެވި އިރު އެގައުމުގައި ވަޒީފާ އަދާ ނުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ގައުމުގެ އިގުތިސާދު ވަނީ މަޑުޖެހިފައެވެ.

ރައީސް ހޮލާންޑޭގެ ވެރިކަމުގައި މެކްރޮން ވަނީ ގައުމުގެ މިނިސްޓާ އޮފް އިކޮނޮމީ، އިންޑަސްޓްރީ އެންޑް ޑިޖިޓަލް އެފެއާސްގެ މަގާމު ފުރުއްވާފައެވެ.

އަދި ރައީސް ކަމަށް ވާދަ ކުރެއްވުމަށްޓަކައި މެކްރޮންގެ އެން މާޗް ޕާޓީ އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މެކްރޮންއާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ކަނާތު ފިޔައިގެ މަރީން ލަ ޕެން ވަނީ އަންނަ މަހު އޮންނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ޕާޓީއަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. (ބީބީސީ)

comment ކޮމެންޓް