ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިންމާލައިފި

މޭ 6، 2017: ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އިންތިޚާބުކުރާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް މިއަދު ނިންމާލައިފިއެވެ.

ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ދެ ކައުންސިލެއްގެ އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން ޖެހެއެވެ. އެއީ ހދ. ކުރިނބީ ކައުންސިލާއި ށ. ފޯކައިދޫ ކައުންސިލެވެ.

ކުރިނބީ ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރު ބާއްވަންޖެހިފައި ވަނީ ތިން ވަނައަށްދާ ބޭފުޅަކު ހޮވުމަށެވެ. އެ ކައުންސިލަށް ތިން ކައުންސިލަރުން އިންތިޚާބުކުރަންޖެހޭއިރު ތިން ވަނައަށް އެންމެ ގިނަ ވޯޓު ތިން ކެންޑިޑޭޓަކު ވަނީ ހޯދާފައެވެ. އަދި ފޯކައިދޫ ކައުންސިލަށް ވެސް ތިން ކައުންސިލަރުން ހޮވަންޖެހޭއިރު، ދެ ކެންޑިޑޭޓަކު ވަނީ ތިންވަނަ އަށް އެންމެ ގިނަ ވޯޓޫ ހޯދާފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ނަގާފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީން 305 ގޮނޑި ކާމިޔާބުކުރިއިރު، ޕީޕީއެމް އިން ކާމިޔާބުކޮށްފައި ވަނީ 191 ގޮނޑިއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން 19 ގޮނޑި ކާމިޔާބުކުރިއިރު، ޖުމްހޫރީ ޕާޓީން ވަނީ 20 ގޮނޑި ކާމިޔާބުކޮށްފައެވެ. ޑީއާރްޕީން އެއް ގޮނޑި ކާމިޔާބުކުރިއިރު، އަމިއްލަގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުން ވަނީ 101 ގޮނޑި ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް