އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ސިންގަޕޫރަށް، ރާއްޖެއަށް 8 ވަނަ

އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ އަށްވަނަ ހޯދި ރާއްޖޭގެ ޓީމު --- ފޮޓޯ/ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ދެކުނު ކޮރެއާގެ ޖިއޮންޖޫގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ސިންގަޕޫރުން ހޯދިއިރު، ރާއްޖެއިން އަށްވަނަ ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ސިންގަޕޫރުން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި މެލޭޝިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މުބާރާތުގެ ތިންވަނަ ހޯދީ ހޮންކޮންއެވެ.

އެ މުބާރާތުގެ ހަތްވަނަ އަދި އަށްވަނަ ހޮވުމަށް އިއްޔެ ކުޅުނު މެޗުގައި ޗައިނީޒް ޓައިޕޭ އަތުން ބަލިވެ، ރާއްޖެއަށް ލިބިފައިވަނީ އަށްވަނަ މަގާމެވެ. އެ މެޗުގައި ޓައިޕޭ އަތުން ރާއްޖެ ބަލިވެފައިވަނީ 51-30 ޕޮއިންޓުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ލައްވާލީ ނެޓްބޯޅައިގައި އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ވަރުގަދަ ގައުމުތައް ކަމަށްވާ ސްރީލަންކާ، ހޮންކޮންގް ތައިލެންޑްގެ އިތުރުން ޕާކިސްތާނާއެކު 'ގުރޫޕް އޭ'ގައެވެ. ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައިވަނީ ހަމައެކަނި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މުބާރާތުގައި ކުޅުނު ގިނަ މެޗުތަކެއްގައި ރާއްޖޭގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި މިއަހަރު ދިހަ ޓީމަކުން ވާދަކޮށްފައިވެއެވެ. ރާއްޖޭގެ އިތުރުން ދެން ވާދަކޮށްފައިވަނީ ޗައިނީޒް ޓައިޕޭއާއި، ހޮންކޮންއާއި، އިންޑިއާއާއި، ދެކުނު ކޮރެއާއާއި، މެލޭޝިއާއާއި، ޕާކިސްތާނާއި، ސިންގަޕޫރާއި، ސްރީ ލަންކާ އަދި ތައިލެންޑެވެ.

comment ކޮމެންޓް