ރައްޔިތުންގެ އުންމީދުތައް ވަރަށް މަތި، ވަސީލަތްތައް އިތުރުވެފައެއް ނެތް: އަޒްލީން

ސްޓެލްކޯ އިންޖީނުގެތަކުގެ އިސްވެރިންގެ މަހާސިންތާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ އުންމީދުތަކާއި ބޭނުންތައް ބޮޑުވެފައިވާ އިރު، އެ ވަސީލަތްތައް އިތުރުވެފައި ނެތް ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މައި ކަރަންޓް އުފައްދާ ކުންފުނި ސްޓެލްކޯ އިންޖީނުގެ ގެތަކުގެ އިސްވެރިންނަށް ބާއްވާ މަހާސިންތާ ފެށުމަށް މިއަދު ސްޓެކްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ، ވަސީލަތްތަކުގެ މަދުކަމާއެކީގައި އިންސާނުންގެ ބޭނުންތައް ބޮޑުވެފައި ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން، ލިބެން ހުރި އެކިކަހަލަ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ހިތްހަމަޖެހުމާ ހަމައަށް އެފަދަ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ކުރަންޖެހިފައި އޮތް ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުނގަޑުމެންގެ ޗެލަންޖަކީ ކޮޅުނެތްކޮޅަށް މައްޗަށް ޖެހިފައިވާ ބޭނުންތަކަށް މަދު ވަސީލަތްތަކުގެ ތެރެއިން ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުން. މި ވަސީލަތްތަކަކީ އަޅުނގަޑުމެން އުންމީދުކުރާ މިންވަރަށް ހުރި ވަސީލަތްތަކެއް ނޫންކަން ރައްޔިތުންނަށް ޔަގީންކޮށްދިނުމާ އެކު ކަރަންޓްގެ ހިދުމަތަކީ ރައްޔިތުން އެދޭ ފެންވަރަށް މިންވަރަށް ދެވޭ ކަރަންޓުގެ ހެދުމަތަކަށް ހެދުމަކީ މިއަދު އަމާޒުކުރަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޓެލްކޯ އިންޖީނުގެ ތަކުގެ އިސްވެރިންގެ މަހާސިންތާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ރައްޔިތުންނަށް އިތުބާރާއި ޔަގީންކަމާއެކީގައި އަތްފޯރާ އަގެއްގައި ކަރަންޓް ދިނުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވާ އަޒްލީން ވިދާޅުވީ، މިހާރަށް ވުރެ ހެޔޮ އަގެއްގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ހަކަތައިގެ ވަސީލަތްތައް ގެންގުޅޭ ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެގޮތުން ބައިނަލްއަގްވާމީ ގައުމުތަކުގެ އެހީތެރިކަން ވެސް ހޯދައި އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވަން ސަރުކާރުން ފަށާފައިވާކަން މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ތެލަށް ބަރޯސާނުވެ އިޔާދަކުރަނިވި ހަކަތަ ނުވަތަ އެފަދަ އެހެންކަހަލަ ހަކަތައެއް ބޭނުންކޮށްގެން ކަރަންޓް އުފައްދަން ޖެހިފައިވާ ކަމަށެވެ.

ސްޓެލްކޯއަކީ ދިވެހިން ފަހުރުވެރިވާ އަދި އެހެން ކުންފުނިތަކަށް ނަމޫނާ ކުންފުންޏެއް ކަމަށް ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްދިނުމުގައި މުވައްޒަފުންގެ އަމާޒަކަށް ވާން ޖެހޭނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ އަމާޒާއެއްގޮތަކަށް މަސައްކަތްކުރުން ކަމަށެވެ.

ސްޓެލްކޯ އިންޖީނުގެ ތަކުގެ އިސްވެރިންގެ މަހާސިންތާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަދި ރައްޔިތުންނާ ގާތުން ހިދުމަތް ދޭ ނަމަ އެ ރައްޔިތު މީހާގެ ހިޔާލަކީ ކޮބައިތޯ ބަލައި އެ ހިޔާލުގެ މައްޗަށް މުވައްޒަފުންގެ ވިސްނުން ބައްޓަންކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސްޓެލްކޯ އިން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހިންގާ 34 އިންޖީނު ގެއެއްގެ އިސްވެރިންނަށް މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ފެށި މަހާސިންތާ އަކީ ދިހަ އަހަރަށް ފަހު ފަހު ސްޓެލްކޯ އިން ބާއްވާ އެފަދަ ފުރަތަމަ މަހާސިންތާ އެވެ.

މަހާސިންތާގައި އިންޖީނުގެތަކުގައި ހުރި މައްސަލަތަކާއި ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ހިދުމަތް ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ހިދުމަތް ދިނުމަށް މަޝްވަރާ ކުރާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

comment ކޮމެންޓް