ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި

ފުލުހުން ހޯދާފައިވާ މަސްތުވާތަކެތި

ފުރަގަސްފަރާތުގައި ފޮރުވައިގެން ގދ. ތިނަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކުރީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރި އިރު އޭނާގެ ފުރަގަސްފަރާތުގައި ފޮރުވާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް