ފަތުރުވެރިންނާ އެކު ދަތުރު ކުރި ތުރުކީގެ ބަހެއް ފުރޮޅާލައި 23 މީހަކު މަރުވެއްޖެ

ތުރުކީގައި ފަރުބަދަމަތީ ސަރަހައްދަކުން ބަހެއް ވެއްޓުމުގެ ސަބަބުން 23 މީހަކު ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް

އަންކާރާ (މެއި 14): ތުރުކީގެ މާމަރިސް ރިސޯޓު ކައިރިން ފަތުރުވެރިންނާ އެކު އިއްޔެ ދަތުރު ކުރަމުން ދިޔަ ބަހެއް ފަރުބަދަމަތީ ސަރަހައްދަކުން ވެއްޓުމުގެ ސަބަބުން 23 މީހަކު މަރުވެއްޖެ އެވެ.

ތުރުކީގެ މީޑިއާތަކުން ބުނާ ގޮތުގައި އެހާދިސާގައި 11 މީހަކަށް އަނިޔާވެފައިވާ އިރު ހާދިސާ ހިނގި ވަގުތު ބަހުގައި ތިބީ އެގައުމުގެ ފަތުރުވެރިން އެކަންޏެވެ. އަދި އެއީ މަންމައިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާއަކަށް މީހުން ގެންދިޔަ ބަހެއް ކަމުން، ބަހުގައި ގިނައިން ތިބީ އަންހެނުންނާއި ކުޑަކުދިން ކަމަށް ތުރުކީގެ މީޑިއާތަކުން ބުނެ އެވެ.

ބަސް ފުރޮޅާލީ އޭގެ ބްރޭކްސް މަސައްކަތްކުރުން ހުއްޓުމުގެ ސަބަބުން ކަމަށް މުގްލާ ޕްރޮވިންސުގެ ގަވަރުނަރު އަމްރިކް ސިސެކް ވިދާޅުވި ނަމަވެސް އެހެން ބައެއް ފަރާތްތަކުން ވަނީ އެއީ ޑްރައިވަރުގެ ކުށެއް ކަމަށް ބުނެފަ އެވެ. ސިސެކް ވިދާޅުވި ގޮތުގައި ފުލުހުން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފަ އެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް