މިފަހަރު ވެސް ކުޑަ ގައުމުން ބޮޑު ގައުމަށް ހުރަސް އެޅީ ޓޫކިލޯ

އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ރޭ އަމިއްލަ ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗު 1-1 ލަނޑުން ހަމަހަމަ ވެގެން ނިމިއްޖެ އެވެ.

މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. އިންޑިޔާގެ ސުނިލް ޗެތުރީ ލަނޑެއް ޖަހާފައި ވަނިކޮށް ރާއްޖެއަށް ލަނޑު ޖަހައި ދިނީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖަހައި މުބާރާތުންގެ ރަން މެޑަލް ހޯދައިދިން ހުނަރުވެރި ފޯވާޑް މުހުތާރު ނަސީރު )ޓޫކިލޯ( އެވެ.

ދިވެހި ޓީމަށް ސަޕޯޓްކުރަން ރޭ ދަނޑަށް ވަދެ ތިބި އެތަކެއް ހާސް "ރަތް" ސަޕޯޓަރުން ސިއްސުވައިލައި ހިނދު ކޮޅަކަށް ހުއްޓުވައިލީ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ މެޗްގެ 17 ވަނަ މިނެޓުގައި ރާއްޖޭގެ ގޯލަށް ބޯޅަ ވައްދައިލުމުންނެވެ. ނަމަވެސް މެޗްގައި ދިވެހި ކުޅުންތެރިން، ކަރު އެލުވައި ނުލައި ހިތްވަރު ކުރުމުގެ އިނާމް މެޗްގެ 44 ވަނަ މިނެޓުގައި ލިބި ސަޕޯޓަރުން ކައްކުވައިލި އެވެ. އުފާވެރި އެ ވަގުތުކޮޅު ދިވެހިންނަށް ތަނަވަސްކޮށްދިނީ މުހުތާރު ނަސީރު )ޓޫކިލޯ( އެވެ. އިންޑިޔާގެ ގޯލުގެ ކަނަށް ޓޫކިލޯ ބޯޅަ ކޮއްޕައިލީ ގޯހެއް ނުހަދެ އެވެ. ވާދަވެރި، "ދިވެހި އިންޑިޔާ" ބައްދަލުވުންތަކުގައި ކުޑަ ގައުމުގެ ޓޫކިލޯ ވެފައި ވަނީ ބޮޑު އިންޑިޔާއަށް އޮތް ބޮޑު ބިރަކަށެވެ.

މެޗްގެ ދެވަނަ ހާފުގައި ހުނަރުވެރި ފޯވާޑް ދަނގަޑޭ ކުޅެން ނުކުތުމުން ވައިސް ކެޕްޓަން ވަނީ އަސްފާގުގެ އަތުގައި ކެޕްޓަން ބޭންޑް އަޅުވައިދީ ޓީމްގެ ކެޕްޓަންކަން ސާބިތު ކޮށްދިނުމަށް ހިތްވަރު ދީފަ އެވެ. އެ ހިތްވަރުގައި އަޝްފާގު ވަނީ ފުރަތަމަ ބޯޅައިން އިންޑިޔާ ކޮށިއަރުވާލައި ނުރައްކާތެރި ހަމަލާއެއް ދީފައެވެ. މުޅި މެޗް އިންޑިޔާގެ ކޮންޓްރޯލުން ވީއްލި ދިވެހި ޓީމް ފެންވަރު ދައްކާލީ އެހިސާބުންނެވެ. އޭގެ ފަހުން އެފަދަ އެތަކެއް ހަމަލާއެއް އިންޑިޔާ ގޯލަށް ދިވެހި ޓީމުން ދިނެވެ.

ހަތަރު ރީނދުލެއް ފެނިގެންދިޔަ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ދިވެހި ޓީމްގެ އާޖެންޓީނާ ކޯޗް ޑިއޭގޯ ކްރުސިއާނީ ބުނީ ފުރަތަމަ ހާފުގައި އިންޑިއާ އިން ކުޅެމުންދިޔަ ދިގު ބޯޅަތައް ދިފާއުކުރުމުގައި ރާއްޖޭގެ ޑިފެންޑަރުންނަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އޭގެ ސަބަބުން ކުޅުންތެރިގެ ކުޅުމަށް ބަދަލުތަކެއް އައި ކަމަށެވެ. މުޅި މެޗަށް ބަލާއިރު ޓީމް ދެކި ކުޅުމަކީ ހިތް ހަމަޖެހޭ ކުޅުމެއް ކަމަށް އިޝާރާތްކޮށް ކޯޗް ވަނީ ދިވެހި ޓީމްގެ މެދުތެރޭގެ މައި ތަނބު ކަމަށްވާ އިބްރާހިމް އާރިފް )ބަކާ( ކުޅުމަށް ތައުރީފް ކޮށްފަ އެވެ. ފޯލިތަކެއް ފަދައިން އިސްތަށިގަނޑު ދިގުކޮށްފައި ހުންނަ ބަކާގެ ކުޅުން ސިފަ ކުރަމުން ކޯޗް ބުނީ ދަނޑުމަތީގައި ބަކާ ފެނިފައި ވަނީ "ސުޕާ މޭން" ފަދައިން ކަމަށެވެ.

ކޯޗް ބުނީ، މުޅި މެޗްގައި ވެސް ބަކާ ދެއްކީ ފުރިހަމަ ކުޅުމެއް ކަމަށާއި އޭނަ ނެރުނު ހިތް ވަރަކީ އެހެން ކުޅުންތެރިންނަށް ވުރެ، ގަދަ ހިތްވަރެއް ކަމަށެވެ.

ފުރަތަމަ ހާފުގައި މެޗް ތެރެއަށްވަދެ ކުޅެގަތުމަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އިންޑިއާގެ ކުޅުމުގެ ރޭވުންގަނޑު ދިވެހި ޓީމަށް ނަގައި ނުގަނެވުމުން ކަމަށް ކޯޗް ވަނީ ބުނެފަ އެވެ. އޭނާ ބުނީ ފުރަތަމަ ހާފުގެ ކުރީކޮޅު ދިވެހި ޓީމުގެ ގޯލަށް އިންޑިއާއިން ކުރަމުންދިޔަ ނުރައްކާތައް މައިތިރި ކުރުމުގައި އުނދަގޫތަކާ ލައްވައިލި ކަމަށެވެ.

"ނަތީޖާއާމެދު ވެސް ވަރަށް ހިތް ހަމަޖެހޭ. އިދިކޮޅު އިންޑިއާ ޓީމްގެ ފިޒިކަލް ރަނގަޅު. މެޗްގެ ކުރީ ކޮޅު ޓީމަށް ނުކުޅެވުނީ މެޗްގެ ތެރެއަށް ރަނގަޅަށް ނުވަދެވިގެން. މެޗްގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ބަކާ. އެނާގެ ހިތްވަރަށް ހަމަ ސާބަސް. މެޗްގައި ބަކާ ދެއްކީ ސުޕާމެންގެ ކުޅުމެއް،" ކޯޗް ކްރިސިއާނީ ބުންޏެވެ.

ކްރުސިއާނީ ބުނީ މެޗުގެ ފުރަތަމަ 11 ގައި ކުޅެން ނެރުނު ދެ ޑިފެންޑަރުން ކަމަށްވާ ސޮބާ އާއި މުހައްމަދު ޖަމީލް )ޖަމްބޭ( ގެ ކުޅުމާއި ދެވަނަ ހާފުގައި ނުކުމެ އަޝްފާގު ވެސް މޮޅަށް ކުޅެފައިވާ ކަމަށެވެ. ހަމައެއާއެކު ފޯވާޑް ޓޮމްގެ ފިޓްނަސް ދަށް ކަމަށް ވެސް ޗޯޗް ބުންޏެވެ. އަދި ބުނީ ހަމަހަމަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ލީޑެއް ނުހޯދުނީ ޓޮމް ފިޓް ނުވުމުގެ ސަބަބުން ކަމަށެވެ. އެކަމަކު މެޗްގެ 50 މިނެޓުގައި ޓޮމް ކުރި މަސައްކަތާ މެދު ކޯޗް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

އިންޑިއާގެ ކޯޗް އަރްމަންޑޯ ކޮލާސޯ ބުނީ، އޭނާގެ ޓީމް ނުކުތީ ދިވެހި ޓީމަކީ މޮޅު ޓީމެއްކަން ދެނެ، މެޗް ކާމިޔާބު ކުރަން ކަމަށެވެ. އަދި ބުނީ މެޗްގެ ކުރީ ކޮޅު ލަނޑުޖަހާ ލީޑެއް ހޯދުނު ނަމަވެސް، ޓީމްގެ ކުޅުމާއި ގުޅުމަށް ބުރޫއެރީ ދެވަނަ ހާފުގައި ހުނަރުވެރި ފޯވާޑް އަލީ އަޝްފާގު ކުޅުމުގައި ބައިވެރިވުމުން ކަމަށެވެ. އޭނާގެ ސަބަބުން ޓީމްކުޅުން ބަދަލުކޮށް އަޝްފާގް އޮބި އެޅުމަށް ޑިފެންޑަރުނަށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.

"އިންޑިއާގެ ފުޓްބޯޅަ މިހާރު މި އޮތީ ވަރަށް ބޮޑު ބަދަލެއްގެ ތެރޭގައި. އަހަރެން ޓީމު ބައްޓަންކުރާ ގޮތް ވެސް ވަރަށް ތަފާތުވާނެ. އަދި އަހަރެން ޓީމު ލައްވައި ކުޅޭ ސްޓައިލް ވެސް ވަރަށް ތަފާތުވާނެ. އިންޑިއާގެ ކުޅުން ވަރަށް ތަފާތުވާނެ. މިރޭވެސް އެކަން ދިވެހި ސަޕޯޓަރުންނަށާއި ނޫސްވެރިންނަށް ފެންނާނެ ކަން ޔަގީން. މެޗްގައި ޓީމް ދެކީ ކުޅުމާމެދު ހަމަ ވަރަށް ހިތް ހަމަޖެހޭ،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޮލާސޯ ބުންޏެވެ.

އިންޑިޔާ ގައުމީ ޓީމާ ކޮލާސޯ ހަވާލުވީ މި އަހަރު ކުރީކޮޅު އޮތް އޭޝިއަން ކަޕުގައި އިންޑިއާ އަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ކުރީގެ ކޯޗު އިންގްލެންޑުގެ ބޮބް ހޯޓަން މަގާމުން އިސްތިއުފާ ދިނުމުންނެވެ.

ރޭ ރާއްޖެއާއި އިއްޑިއާ ކުޅުނު ރަހުމަތްރި ކަމުގެ ފުޓްބޯޅަ މެޗް ބައްލަވާލުމަށް ރައީސް މުޙައްމަދު ނަސީދާއި ނައިބު ރައީސް ޑރ މުހައްމަދު ވަހީދުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ހަސަން ލަތީފު ވަނީ ދަނދަށް ވަޑައިގަތެވެ. މެޗަށްފަހު އެ ބޭފުޅުން ދިވެހި ޓީމް ދެއްކި ކުޅުމަށް ހިތްވަރުދެއްވި އެވެ.

އިންޑިއާ އާއި ދެކޮޅަށް ރާއްޖެ ރޭ ކުޅުނު ރަހުމަތްތެރި ކަމުގެ މެޗަކީ، ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ. އަދި އިންޑިއާ ޓީމް ވެސް ވަނީ މި މުބާރާތުގެ ދެ ވަނަ ބުރަށް ކޮލިފައިވެފަ އެވެ. އެގޮތުން ދެ ވަނަ ބުރުގައި އިންޑިއާ ނުކުންނަން ޖެހެނީ ޔޫއޭއީއާ ދެކޮޅަށެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު