'ދަންގަލް' ވެސް 1000 ކުރޯޑްގެ އާމްދަނީއެއް ހޯދައިފި

ދަންގަލް ގެ މަންޒަރެއްގައި އާމިރު --

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި ސުޕަސްޓާ އާމިރު ޚާންގެ ކާމިޔާބު ފިލްމު 'ދަންގަލް' އިން 1000 ކުރޯޑް ރުޕީޒްގެ އާމްދަނީއެއް ހޯދައިފި އެވެ.

'ދަންގަލް' އިން 1000 ކުރޯޑްގެ އާމްދަނީއެއް ހޯދާފައި ވަނީ ޗައިނާގައި އެ ްފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު އެވެ.

ޗައިނާގެ 9000 ސްކްރީނެއްގައި އެ ފިލްމު ދައްކަމުން އަންނަ އިރު ދެ ހަފްތާގެ ތެރޭގައި އެ ފިލްމަށް ވަނީ 200 ކުރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

އިންޑިއާ އިން ވެސް 'ދަންގަލް' އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް ލިބުނު އިރު ޗައިނާގައި އެ ފިލްމު ރިލީޒް ކުރީ 'ޝުއާއީ ޖިއާއޯ ބާބާ'ގެ ނަމުގަ އެވެ.

ޗައިނާގައި އެ ފިލްމަށް ލިބެމުން އަންނަ ތަރުހީބު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި 'ދަންގަލް' އިން 'ބާހޫބަލީ 2: ދަ ކޮންކްލޫޝަން' ފަހަތަށް ޖައްސާލުމަށް ފަހު އިންޑިއާގެ އެންމެ ކާމިޔާބު ފިލްމަށް ވުމަކީ ވެސް ގާތް ކަމެކެވެ.

'ބާހޫބަލީ 2' އިން މިހާރު ވަނީ 1300 ކުރޯޑްގެ އާމްދަނީއެއް ހޯދުމާ ކައިރިވެފަ އެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފިލްމަށް ލިބެމުން އަންނަ ތަރުހީބު ވަނީ ކުޑަ ވާނެ ކަމަށް ލަފާކުރެވެ އެވެ.

'ދަންގަލް' އިން މިހާރު އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ބޮޑު ތަފާތަކުންނެވެ. 'ދަންގަލް' އަށް މިހާތަނަށް ލިބުނު އާމްދަނީ 1045 ކުރޯޑް ައަށް އަރާ އިރު، 761 ކުރޯޑާ އެކު ދެވަނަގައި އޮތީ އާމިރުގެ ފިލްމު 'ޕީކޭ' އެވެ. އަދި 625 ކުރޯޑާ އެކު ތިން ވަނައިގައި އޮތީ ސަލްމާން ޚާންގެ ބަޖްރަންގީ ބާއިޖާން އެވެ.

'ދަންގަލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިންގައި އިންޑިއާ އަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު)ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެެވެ.

comment ކޮމެންޓް