މޯލްޑިވިއަން އައިޑަލް ބޮބް ކާމިޔާބުކޮށްފި

މޯލްޑިވިއަން އައިޑަލްގެ ހުށަހެޅުމެއްގައި މުހައްމަދު ތަސްނީމު (ބޮބް) --- ފޮޓޯ/ އަވަސް

ޕަބްލިކް ސާވިސް މީޑިއާއިން ކުރިޔަށް ގެންދާ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަން، މުހައްމަދު ތަސްނީމް (ބޮބް) ކާމިޔާބުކޮށްފިއެވެ.

ދެވަނަ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ބޮބް ކާމިޔާބުކުރީ ގްރޭންޑް ފިނާލޭގައި އަހްމަދު ހަމޫދު (އެލްވިން)އާއި ޝަމްވީލް މުހައްމަދު (ބަރޯ)އާ ވާދަކޮށްގެންނެވެ.

އައިޑަލްގެ މި ސީޒަންގެ އެންމެ ކުރިން ފެށިގެންވެސް ބޮބް ދިޔައީ ރަނގަޅު، ވަރުގަދަ ޕަފޯމަންސްތަކެއް ޝޯގައި ދައްކަމުންނެވެ.

މި ސީޒަނުގެ ރަނަރއަޕަކަށް ހޮނުވީ ހަމޫދެވެ. ތިންވަނައަށް ދިޔައީ ޝަމްވީލެވެ.

މިރޭ ބޭއްވި ގްރޭންޑް ފިނާލޭ ޝޯގައި، މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގެ ޓައިޓަލް ހޯދި ތަސްނީމަށް ޓްރޮފީ ހަވާލުކުރެއްވީ، ޝޯގައި ބައިވެރިވަޑައިގެންނެވި، ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ.

މޯލްޑިވިއަން އައިޑަލް ކާމިޔާބުކުރި ތަސްނީމަށް ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން 250،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާ އިރު، އޭޝިއަން ބްރޯޑްކާސްޓިންގް ޔޫނިއަން (އޭބީޔޫ)ގެ ޓީވީ ސޯންގް ފެސްޓިވަލްގައި ޕަފޯމް ކުރުމުގެ ފުރުސަތުވެސް ދީފައިވެއެވެ.

މީގެ އިތުރުން ދިރާގުގެ ފަރާތުން، ތަސްނީމު، ހަމޫދު އަދި ޝަމްވީލަށް އެކުންފުނީގެ ބްރޭންޑް އެމްބެސެޑަރުކަން ދިން އިރު، ދިރާގު ޕޯސްޓްޕެއިޑާއި، ދިރާގު ޓީވީ އަދި ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެއް އެއް އަހަރު ދުވަހަށް ދީފައިވެއެވެ. އަދި އައިފޯން 7 އަކާއި ޓީވީއެއް، ތިން ބައިވެރިންނަށް ދީފައިވެއެވެ.

އެސްޓީއޯގެ ފަރާތުން ޓޮޕް ތްރީގެ ބައިވެރިންނަށް ހިޓާޗީ އެއާކޮންޑިޝަނަރެއްގެ އިތުރުން އެސްޓީއޯ ސުޕަމާޓުން އެއް އަހަރު ދުވަހަށް ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ދިންއިރު، އެލައިޑް އިންޝުއަރަންސްގެ ފަރާތުން ތިން ބައިވެރިންނަށް 1.3 މިލިޔަން ރުފިޔާގެ ހެލްތު ޕްލޭނަކާ އެކު އެލައިޑުގެ ގޯލްޑް ކާޑު ދިނެވެ.

ޕީއެސްއެމްއިން ބުނި ގޮތުގައި، މޯލްޑިވިއަން އައިޑަލްގެ ގަދަ ތިން ބައިވެރިންނަށް ސްޕޮންސަރުންގެ ފަރާތުން ހުށަހަޅާފައިވާ އިނާމުތަކުގެ އަގު، 5.8 މިލިޔަން ރުފިޔާއަށް އަރައެވެ.

މިރޭގެ ގްރޭންޑް ފިނާލޭ ޝޯގައި ދިވެހި މިއުޒިކް ލެޖެންޑް އަހްމަދު ނާޝީދު (ފުލޫ ނާޝިދު)އަށް ޚާއްސަ ޓްރިބިއުޓު ޕަފޯމަންސެއް ދީފައެވެ.

މީގެ އިތުރުން، މިރޭގެ ޝޯގެ ކުރިން އޮތް ރެޑް ކާޕެޓް އިވެންޓުގައި، މޯލްޑިވިއަން އައިޑަލްގެ މިދިޔަ އަހަރުގެ ރަނަރއަޕް ޝަލަބީ އިބްރާހީމްގެ ލަވަ "އާދޭސް"ގެ އިތުރުން، މިދިޔަ އަހަރުގެ ގަދަ 10ގައި ހިމެނުނު މުހައްމަދު މުއައްޒިން ނައީމުގެ ލަވަ "ލޭކޮކާ" ވަނީ ޕްރިމިއާ ކޮށްފައެވެ.

އަދި ފުރަތަމަ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދުގެ އިނގިރޭސި ލަވައެއްވެސް މިރޭ ޕްރިމިއާ ކުރިއެވެ.

comment ކޮމެންޓް