ވާލޯބިން ހަދާ ބޮޑު ގޯސް!

ވަރަށް ރީތި ޒުވާން އަންހެން ކުއްޖެކެވެ. ތައުލީމު ލިބިފައިވާ ގަދަރުވެރި އާއިލާއެއްގެ ކުއްޖެކެވެ. ސުކޫލުގައި އުޅެނިކޮށް ދިމާވި ލޯބިވެރިޔަކާހެދި ގޮތަކަށް "މޮޔަ"ވި އެވެ. ނަތީޖާ އަކަށްވީ އެފިރިހެން ކުއްޖާ ބުނިހާ ގޮތެއް ހެދުމެވެ. އެންމެ ފަހުން އިއްފަތްތެރިކަން ނަގާލައި އެވަރުން ނުވެގެން ބުނިހާ ގޮތަކަށް ފޮޓޯ ނަގާ ވެސް ފޮނުވައި ހެދީ އެވެ.

ނަތީޖާއަކަށްވީ އެފޮޓޯތަކުގެ ބިރު ދައްކައިގެން ފިރިހެން ކުއްޖާގެ "އަޅަކަށް" އެއަންހެން ކުއްޖާ ހެދުމެވެ. ބޭނުން ކޮންމެ ކަމެއް ކުރަމުން ދިޔައީ އެފޮޓޯތައް ބޭޒާރު ކުރާނެ ކަމުގެ ބިރު ދައްކައިގެންނެވެ. އެންމެ ފަހުން އަންހެން ކުއްޖާ ވިލޯބީގެ ބަދަލުގައި މިއަދު އެއަންހެން ކުއްޖާ ވަނީ މުޖުތަމައުއަށް ބޭޒާރުކޮށްލައިފަ އެވެ.

އެންމެ ކުއްޖެއް ނޫނެވެ، ދިވެހި ޖިންސުއްލަތީފުންނެއްގެ ބަދުއަޚްލާގީ އެތައް ފޮޓޯއެއް، އެތައް ވީޑިއޯއެއް އެވަނީ އާންމުވެފަ އެވެ. ފިރިހެނުންނަށް ވުރެ އަންހެނުންގެ އެމަޅީގައި ޖެހޭލެއް އިތުރެވެ. ގިނައިން ހުންނަނީ އަމިއްލައަށް ނަގާފައި ހުންނަ ވީޑިއޯއާއި ފޮޓޯ އެވެ. އެއީ ރުހިގެން ކުރާ ކަންތައްތައްކަން އެ މަންޒަރުތަކުން ހެކިދެ އެވެ.

"އަޅުގަނޑުމެންނަށް އަންނަ ކޭސްތަކުގައި އެކަކު އަނެކަކަށް ފޮނުވާފައި ހުންނަ ބަދުއަހުލާގީ އެކިއެކި ފޮޓޯތައް ބޭނުންކޮށްގެން ބުލެކްމެއިލް ކުރަން އުޅުމުގެ މައްސަލަތައް ބޮޑު،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތަކަށް ބަލާއިރު ލޯބިވެރިން މައްސަލަ ޖެހުމަށް ފަހު އެކަކު އަނެކަކު ބޭޒާރު ކުރަން އެފަދަ އެތައް ފޮޓޯއެއް ވީޑިއޯއެއް ލީކްކޮށްފައި އެބަހުއްޓެވެ. ކުރިން ފާހަގަކުރިހެން ގިނައިން ބޭޒާރުވެފައި ވަނީ އަންހެން ކުދިންނެވެ. އެފުރުސަތު ނުދިނުމަށް ވިސްނަންޖެހެ އެވެ.

ވާގޮތް ބަލާއިރު ބުނަނީ ވީލޯބިން ކުރެވުނު ކަމެއް ކަމަށެވެ. އޭރު އޮންނަނީ މުޅި މީހާ ބޭޒާރުވެ، ފަލީހަތްވެ މުޅި އާއިލާ ލަދު ގަންނަ ހިސާބުގަ އެވެ. ކޮންމެ މީހެއްގެ އަތުގައި ސުމާޓް ފޯނެއް އޮތަސް އަދި ކިތަންމެ އިތުބާރު ކުރިޔަސް ކުރަން ވާނެ ކަންތަކާއި ނުކުރަން ވާނެ ކަންތައް ހުންނާނެކަން ދައްނަންޖެހެ އެވެ.

"ފުރާވަރަށް އަރަމުން އަންނަ ކުދިން، ހާއްސަކޮށް އަންހެން ކުދިންގެ ތެރޭގައި ލޯބިވެގެން ގޮސް އަނެއް މީހާ ބުނާ ހުރިހާ ކަމެއް އެބަ ކޮށްދެވޭ. މިސާލަކަށް ދެމީހުން އެކަހެރިވާ ވަގުތެއްގައި ފޮޓޯއެއް ނެގިދާނެ. ސެލްފީއެއް ނެގިދާނެ. އޭތި ހަމަ ބުރައިބް ކޮށްފާނެ. އެހެން ނަގާ ފޮޓޯއެއް މާނަ ކުރެވިދާނެ އެކަހެރި ގޮތަކަށް، ނުވަތަ އެނޫން ގޮތަކަށް ވެސް މާނަ ކުރެވިދާނެ. އެހެން ކަމުން އަޅުގަނޑުމެން އަމިއްލަ ނަފްސާ ދޭތެރޭ ވިސްނަން އެބަޖެހޭ،" އަންހެނުންގެ ހައްގުގައި މަސައްކަތްކުރައްވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވެފައިވެ އެވެ.

ތިކުރަނީ ޖަލަށްލެވޭނޭ ފަދަ ކުށެއް!

މިފަދަ އަމަލުތަކުގެ ސަބަބުން ޅަދުވަހު ޖަލުގައި ދުވަސްތައް ހޭދަކުރަންޖެހުމުގެ ފުރުސަތު އެބައޮތެވެ. އެފަދަ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ޖަލު ހުކުމްތައް، އަންހެން ކުދީންގެ މައްޗަށް ވެސް ފަހުގެ ތާރީހެއްގައި ކޮށްފައި އެބަހުއްޓެވެ.

މިހާރު އަމަލުކުރާ ޕީނަލްކޯޑުގެ އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ތެރެއިން އޮރިޔާން ކާޑް އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ އަތުގައި ގެންގުޅުން، ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެ ގެނައުމަކީ ކުށެކެވެ.

އެކުށަކީ ޖުނަޙްގެ އެއް ވަނަ ދަރަޖައިގެ ކުށަކަށްވާއިރު އެއް އަހަރުގެ ޖަލުހުކުމެއް އަދަބުގެ ގޮތުގައި ކަނޑައެޅެ އެވެ.

ގާނޫނީ ފުންނާބު އުސް ބޭފުޅަކު ވިދާޅުވީ ދިވެހީންގެ ތެރެއިން ވަކި މީހެއްކަން އެނގޭ ގޮތަށް ލީކްވެފައި ހުންނަ އޮރިޔާން ކާޑުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. މީގެ ކުރިން ބައެއް ފަރާތްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކްވެފައިވުމުން ދައުވާކުރަން ފޮނުވާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ގިނަ ފަހަރަށް މިވާގޮތަކީ އަމިއްލަ ބޭނުމަށް ނަގާ ފޮޓޯއެއް އެ މަރާމާތު ކުރުމަށް ޓަކައި (ލެޕްޓޮޕް ނުވަތަ ފޯނު) ކޮންމެވެސް ތާކަށް ދިނުމުން ނޫނީ ކޮންމެވެސް ގޮތަކުން އެމީހުންގެ ފޯނަށް ނޫނިއްޔާ އެހެން މީހަކަށް ލިބުމުން ސްޓޯކުރުމުން ފަޅާމިއަރަނީ. ރާއްޖޭގައި ވެސް އޮރިޔާން ކާޑް އުފައްދައި ގެންގުޅޭ ނަމަ ފިޔަވަޅު އަޅާ،" ގާނޫނީ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބައެއް ފަރާތްތަކުން ސަމާސައަށް ގެންގުޅޭ އެފަދަ ފޮޓޯތައް އެމީހެއްގެ އަތުން ފެނި ފުލުހުން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ "އެއްވެސް ކަމެއްގެ ގޮތުގައި ނުބަލައި" ކުރަމުންދާ ކަމެއް ކަމަށާއި މިފަދަ ކަންކަން އިންތިހާއަށް އިތުރުވެފައި ވަނީ މުޖުތަމައުގެ އަހުލާގަށް އައިސްފައިވާ ބަދަލުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އާއްމުކޮށް އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންތައްތަކާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަންތައްތައް ފެތުރޭ ނަމަ އެފަދަ ކަންތައްތައް ފުލުހުން ބަލަމުން ގެންދާ ކަމަށާއި ނުވަތަ ކޮންމެ ވެސް ފަރާތަކުން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާ ކަމަށެވެ.

އެފަދަ ފުރުސަތުތަކަށް އޮތް މަގެއް!

އެފަދަ ކަންކަން އާންމުވުމުގެ ނަތީޖާއަކަށް ވަނީ އަންހެނުންގެ އިހުތިރާމް ދަށްވުމެވެ. ހުތުރު ބަސްބަހުން މުހާތަބުކުރުމެވެ. އެކަން ވަނީ ފިރިހެނުންގެ އަވާގައިޖެހި އެފުރުސަތު އަންހެނުން ދޭތީކަން އެފަދަ ހާދިސާތަކުން އެނގެ އެވެ. ހައްލަކީ އެފަދަ އަމަލުތަކުން ރައްކާތެރިވުމެވެ.

ނެޝެނަލް ބިއުރޯ އޮފް ކްލެފިކޭޝަންގެ ޑިރެކްޓަރު ހުސެއިން ޝަރީފް ވިދާޅުވި ގޮތުގައި އެފަދަ މަންޒަރުތައް އިންޓަނެޓުގެ އެކިއެކި ވަސީލަތްތަކުގައި އާންމުވާއިރު އެއީ އާންމު އިޖުތިމާއީ މައްސަލަތަކެއް އުފެދޭނެ ސަބަބެކެވެ. އެއީ ދެން އުފެދޭ ޖީލެއް ވެސް އެފަދަ ކަންކަން ކުރަން އޮތް ފުރުސަތެއް ކަމަށް ހުސެއިން ވިދާޅުވި އެވެ.

ހައްލަކީ އިސްލާމީ އުސޫލް!

އައްޝައިހް މުޙައްމަދު ޠައްޔިބު ބިން އަބްދުލް ހަކީމް ވިދާޅުވީ، އިސްލާމްދީނުގައި އަންހެނުންނަށް ވަނީ އެކަނބަލުންގެ ޙައްޤުތައް އެއްމެ ފުރިހަމައަށް ހޯދައިދެވިފައި ކަމަށާއި ނަމަވެސް އެކިއެކި ނަންނަމުގައި ތަފާތު ފިކުރުތަކުގެ މީހުން އަންހެނުންގެ ޙައްގުތައް ނިގުޅައި ގަތުމަށާއި ޖާހިލިއްޔަ ޒަމާނުގައި އުޅުނު ފަދަ ގޮތަކަށް އަންހެނުންގެ އުޅުމާއި ގުޅުން ބައްޓަން ކުރުމައްޓަކައި އަންހެނުންގެ މިނިވަންކަމުގެ ނަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.

މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ

ދީނީ އިލްމުވެރިންގެ ނަސޭހަތަކީ އަންހެނުންގެ ރައްކާތެރިކަމަށް، އެއީ ހިލޭ ފިރިހެނުންގެ ޖިންސީ އުފާތަކުގެ އަޅުންނަށްނުވެ ދީނީ އުސޫލްތަކަށް އަމަލުތައް ބެހެއްޓުމެވެ. ހައްލަކީ އެއީއެވެ.

އަންހެނުންނަކީ ހަމައެކަނި ފިރިހެނުންގެ ޖިންސީ އުފާތައް ހާސިންކުރަން ތިބި ބައެއް ނޫނެވެ. އަދި އެ ފުރުސަތު ދޭކަށް ވެސް ނުޖެހެ އެވެ. އެކަން ކުރެވެން އޮތީ އަމަލުތައް ރަނގަޅުކޮށްގެންނެވެ. ކިތަންމެ ލޯބިވިޔަސް ކުރަންވާ އަދި ނުކުރަންވާ ކަންތައް ހުންނާނެ އެވެ.

comment ކޮމެންޓް