އެމްބީސީން ހާޒިރުނުވުމުން ދައުލަތުގެ މީޑިއާ އެ ކޮމިޝަނާ ހަވާލުކުރުމުގެ ހުކުމް ތަންފީޒޮށްދިނުމަށް އެދުނު މައްސަލަ ބޭރުކޮށްލައިފި

ޓެލެވިޒަން މޯލްޑިވްސް ]ޓީވީއެމް[ އާއި ދިވެހިރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުދަލާއި ދައުލަތުގެ ބަޖެޓުން އެ ދެ ތަނަށް ދީފައިވާ ފައިސާ 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްބީސީ[އާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ނެރެފައިވާ ހުކުމް ތަންފީޒުކޮށްފައިނުވާތީ، އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އެކޯޓަށް އެމްބީސީން ހުށަހެޅި މައްސަލަ މިއަދު ކޯޓުން ބޭރުކޮށްލައިފި އެވެ.

މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު ކޯޓަށް ހުށަހެޅި އެ މައްސަލަ ބޭރުކޮށްލާފައިވަނީ، މިއަދު ހެނދުނު 10:00 ގައި ފަށަން ހަމަޖެހިފައި އޮތް ޝަރީއަތަށް ގަޑިޖެހުނު އިރުވެސް އެމްބީސީން ހާޒިރު ނުވުމުންނެވެ. އެ ޝަރީއަތަށް ހާޒިރުވުމަށް ހަމަޖެހިފައި އޮތީ އެމްބީސީގެ ޗެއާމަން އިބްރާހިމް މަނިކެވެ.

މަނިކު ވިދާޅުވި ގޮތުގައި، އޭނާ ގަޑިއަށް ކޯޓަށް ހާޒިރުވި އެވެ. ނަމަވެސް، އަޑުއެހުމަށް ވަދެވަޑައިނުގެން ބޭރުގައި މަޑުކުރެއްވީ އެމްބީސީގެ ވަކީލް މިއަދު ހެނދުނު އޮތް އިތުރު އަޑުއެހުމެއްގައި އުޅުއްވާތީ ކަމަށެވެ. ވަގުތަށް އަޑުއެހުމަށް ވަޑައިނުގެންފިނަމަ މައްސަލަ ބޭރުކޮށްލާނެކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

"ވަކީލް ޗިޓު ވެސް ހަވާލުކުރި. އެކެމަކު އެވަގުތު 9:30 ގައި އޮތް އަޑުއެހުމުގައި ވަކީލް އުޅުއްވާތީ އަޅުގަނޑު ކޯޓު ބޭރުގައި މަޑުކޮށްގެން ހުރީ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް އިރު ފަހުން އަޅުގަނޑު އެތެރެ އަށް ވަނީ. އަޅުގަނޑަށްވެސް އޭތި އެއޮތީ އޮޅިފައި. އަޅުގަނޑު އެތާ ]އެޑުއެހުމުގައި[ ނެތިއްޔާ ކޯޓުން ]މައްސަލަ[ބޭރުކޮށްފާނެކަން،" އެމްބީސީގެ ޗެއާމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ މާދަމާ އަނބުރާ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

މިހާރު އެމްއެންބީސީ ވަންގެ ނަމުގައި ހިންގާ ޓީވީއެމާއި، ރާއްޖެ ރޭޑިއޯގެ ނަމުގައި ހިންގާ ދިވެހިރާއްޖޭގެ އަޑު އެމްބީސީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ކުރި ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު