ސާވަރ އަޕްގްރޭޑުކުރާތީ އެމަޖެންސީ ނޫން ކަންކަމަށް އައިޖީއެމްއެޗުން މިއަދު މެމޯ ނުހެދޭ

އައިޖީއެމް ހޮސްޕިޓަލް --- ސަން ފައިލް ފޮޓޯ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސާވަރ އަޕްގްރޭޑުކުރުމުގެ މަސައްކަތް ކުރިޔަށް ދާތީ، އެމަޖެންސީ ނޫން ކަންކަމުގައި މެމޯ ހެދުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެ ހޮސްޕިޓަލުގެ ތަރުޖަމާނު އަހްމަދު މައުސޫމް "ސަން"އަށް ވިދާޅުވި ގޮތުގައި، ރޭ 11:00 އިން ފެށިގެން އައިޖީއެމްއެޗުގެ އައިޓީ ޑިޕާޓްމެންޓުން ދަނީ އެ ހޮސްޕިޓަލުގެ ސާވަރގެ ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުންނެވެ.

މައުސޫމް ވިދާޅުވީ އެ މަސައްކަތްތައް ކުރިޔަށް ދާތީ، މެމޯ ހެއްދުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެހެންކަމުން މިއަދު އެ ހޮސްޕިޓަލުން މެމޯ ހެދުމުގެ ޚިދުމަތް ދެމުން ދަނީ މިއަދު ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކާއި އެހެނިހެން ޚިދުމަތްތަކަށް އެކަނި ކަމަށް މައުސޫމް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން ކުރިއާލައި މެމޯ ހައްދަވާ ދެއްތޯ ފަސޭހައަކަށް. މިސާލަކަށް މާދަމާ ހަދަންޖެހޭ ޓެސްޓުތަކާއި އެހެނިހެން ކަންކަމަށް މިއަދު މެމޯ ހެދުން. އެ ޚިދުމަތް އަޅުގަނޑުމެން މިއަދު ވަނީ މެދުކަނޑާލާފައި،"

ނަމަވެސް ހޮސްޕިޓަލުގެ ޚިދުމަތްތައް ހުއްޓާ ނުލާ ކަމަށާއި، ކޮންމެހެން މިއަދު ހޯދަންޖެހޭ ޚިދުމަތްތަކަށް މެމޯ ހަދައިދެމުން ގެންދާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި މިހާރު ކުރިޔަށްދާ ސާވާގެ ޓެކްނިކަލް މަސައްކަތާއި އަޕްގްރޭޑު މިރޭގެ ނިޔަލަށް ނިމި، މާދަމާއިންް ފެށިގެން ހުރިހާ ޚިދުމަތެއްވެސް އާންމު ހާލަތުގައި ދެވޭނެއެވެ.

comment ކޮމެންޓް