ރެއާލާއި ޔުވެންޓަސް ކުޅޭ ފައިނަލް މެޗުގެ ރެފްރީއަކަށް ފީލިކްސް ބްރައިކް

ޖަރުމަނުގެ ރެފްރީ ފީލިކްސް ބްރައިކް ވަނީ، މި ސީޒަންގައި ޗެމްޕިއަންސް ލީގު ފަސް މެޗެއްގައި ރެފްރީކަންކޮށްފައި -- ފޮޓޯ: ގެޓީ

އަންނަ މަހު ރެއާލް މެޑްރިޑާއި ޔުވެންޓަސްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފްރީއަކަށް ޖަރުމަނުގެ ފީލިކްސް ބްރައިކް ޔުއެފާއިން ހަމަޖައްސައިފިއެވެ.

ޖަރުމަނުގެ އިންޓަނޭޝަނަލް ރެފްރީ ބްރައިކް އަކީ 2007 ވަނަ އަހަރުން ފެށިގެން މެޗް އޮފިޝަލްކަން ކުރަމުން އަންނަ ތަޖްރިބާހުރި ރެފްރީއެކެވެ. އޭނާ ވަނީ، 2014/15 ސީޒަންގައި ރެއާލާއި އެތުލެޓިކޯ ބައްދަލުކުރި ކުއާޓާފައިނަލްގެ ރެފްރީކަމާއި އަދި 2014 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލް މެޗުގެ ރެފްރީކަންވެސް ކޮށްފައެވެ.

ބްރައިކް ވަނީ، މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ފަސް މެޗެއްގައި ރެފްރީކަންކޮށްފައެވެ. އޭގެ ތެރޭގައި ގަދަ-16ގެ ފުރަތަމަ ލެގުގައި ޕޯޓޯއާއި ޔުވެންޓަސް ކުޅުނު މެޗު ހިމެނެއެވެ. މީގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާ އެންޑަލެކްޓް ކުޅުނު މެޗުގެ ރެފްރީ އިންޗާޖަކީ އޭނާއެވެ.

އުމުރުން 41 އަހަރުގެ ބްރައިކްސް އަކީ، މިދިޔަ އަހަރު ބޭއްވި ޔުއެފާ ޔޫރޯގެ ރެފްރީންގެ ޓީމުގައި ވެސް ހިމެނުނު ރެފްރީއެކެވެ. އޭނާ ވަނީ، ގްރޫޕް ސްޓޭޖްގައި ސްވިޑްން - ވޭލްސް އަދި އިންގްލެންޑް -ވޭލްސް ކުޅުނު މެޗުގެ ރެފްރީކަން ކޮށްފައެވެ.

މީގެ އިތުރުން ޔޫރޯގެ ކުއާޓަރފައިނަލްގައި ޕޮލެންޑާއި ޕޯޗްގަލް ބައްދަލުކުރި މެޗުގެ ރެފްރީކަންވެސް ކުރީ ބްރައިކްއެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅޭނީ، ޖޫން 3 ވަނަ ދުވަހު ވޭލްސްގެ ކާޑިފް ސިޓީގައެވެ.

ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ އޮފިޝަލުން

  • ރެފްރީ: ފީލިކްސް ބްރައިކް (ޖަރުމަން)
  • އެސިސްޓެންޓް: މާކް ބޯޝް، ސްޓެފަން ލުޕް (ޖަރުމަން)
  • ފޯތު އޮފިޝަލް: މިލޮރާޑް މަޒިޗް (ސާބިއާ)
  • އެޑިޝަނަލް އެސިސްޓެންޓް: ބަސްޓިއަން ޑެންކާ، މާކޯ ފްރިޒް (ޖަރުމަން)
  • ރިޒާވް އެސިސްޓެންޓް ރެފްރީ: ރަފައެލް ފޮލްޓީން (ޖަރުމަން)
comment ކޮމެންޓް