މިރޭ އައިޑޮލަކަށް ވާނީ ކޮން ބައިވެރިޔެއް؟

އައިޑޮލްގެ ގަދަ ތިން ބައިވެރިން، މިރޭ އޮތީ ފައިނަލް ޝޯ----

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ވެސް ނިމުމަކާ ހަމައަށް އައީއެވެ. ރޭ ކުރިޔަށް ދިޔައީ ފައިނަލަށް ދިޔަ ގަދަ ތިން ބައިވެރިންގެ ގަދަ ހިފުންތަކެވެ. އަދި ބެލުންތެރިންގެ ހިތްތައް އަތުލަން ދައްކާލެވޭނެ އެންމެ ފަހު ހުށަހެޅުންތައް ބައިވެރިން ރޭ ވަނީ ދައްކާފައެވެ.

އައިޑޮލްގެ ދަތުރު ފެށިގެން އައި އިރު ތިބި ސޯޅަ ބައިވެރިންގެ ތެރެއިން ފުރޭނިގެން އައިޑޮލްގެ ފައިނަލަށް ދަތުރު ކުރީ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހުމަދު އަދި ޝަމްވީލް މުހއްމަދު (ބަރޯ) އެވެ.

ރޭ ބޭއްވި ގާލާ ރައުންޑުގެ އެންމެ ފަހު ޝޯ ނިމި، ފައިނަލް ޝޯ މިރޭ އޮންނަ އިރު އެންމެން ވެސް ތިބީ މިފަހަރުގެ އައިޑޮލް ބަލާލަން ކެތްމަދުވެފައެވެ. އައިޑޮލް ސީޒަން ދޭއް ކާމިޔާބު ކުރާނީ ކޮން ބައިވެރިޔެއް ބާވައެވެ؟

ރޭގެ ޝޯގައި ބޮބް ލަވަކިޔަނީ---

ރޭގެ ޝޯގައި ހުރިހާ ބައިވެރިންގެ ފަރާތުންވެސް ފެނުނީ ވަރަށް ހިތްގައިމު އަދި އެހާމެ ފޯރިގަދަ ލަވަތަކެވެ. ކޮންމެ ބައިވެރިއަކުވެސް ރޭ ވަނީ އެ ބައިވެރިޔަކަށް ދެއްކުނު އެންމެ "ބެސްޓް" ދައްކައިފައެވެ. އެ ބައިވެރިން ހުށަހަޅައިދިން ހަ ލަވައިން ޖަޖުންނާ ބެލުންތެރީން އަންތަރީސްކޮށްލިއެވެ.

ރޭގެ ޕާފޯމެންސްތައް ވަރަށް ޗާލެވެ. ހަމަ އެކަނި ކަމުދިޔައީ އަޅުގަނޑަކަށް ނޫނެވެ. ޖަޖުން ވެސް ދިނީ ހުސް ޕޮޒިޓިވް ކޮމެންޓެވެ. އަދި ކޮންމެ ބައިވެރިޔަކުވެސް ދެވަނަ ލަވަ ހުށަހަޅައިދީ ނިމުމުން ޖަޖުން ކޮޅަށް ތެދުވާން ޖެހުނީ ގައިމު ހިތްގައިމު ވީމަތާއެވެ.

މިރޭގެ ޝޯއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު ބައިވެރިންގެ ސަޕޯޓަރުންގެ ފޯރިވެސް އެހާމެ ގަދައެވެ. ކޮންމެ ބައިވެރިޔަކުވެސް އެތަކެއް ހާސް ސަޕޯޓަރުންނެއް އެބަ ތިއްބެވެ.

މރޭގެ ޝޯގައި ބަރޯ ލަވަކިޔަނީ---

ކ.މާފުއްޓަށް އުފަން ބޮބް އަކީ އައިޑޮލްގެ އެއްވެސް އެލިމިނޭޝަން ޝޯއެއްގައި "ބޮޓަމް ތްރީ"ގައި ހިމެނުނު ބައިވެރިޔެއް ނޫނެވެ. އައިޑޮލްގައި ހުރި ވަރުގަދަ އެއް އަޑެވެ. އައިޑޮލްގެ ދަތުރު ފެށުނީއްސުރެވެސް އެއް ހަމައެއްގައި ހިފަހައްޓާލައި، ޖަޖުންގެ ފަރާތުން އަބަދުވެސް ރަނގަޅު ކޮމެންޓް ލިބެމުން އައެވެ.

އުމުރުން 21 އަހަރުގެ ހަމޫދު ގަދަ ތިނެއްގައި ހިމެނޭނެ ކަމަށް ހީކުރީ ކާކުހެއްޔެވެ؟ ފުރަތަމަ މީހުން ހަމޫދަށް މަލާމާތް ކުރިއެވެ. ނަމަވެސް ޖަޖުންގެ ދޭ އިރުޝާދުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި އެންމެ ފަހުން އައިޑޮލްގައި އެފަދަ ދެވަނަ އެއްނުވާ އަޑަކަށް ހަމޫދުގެ އަޑު ވީއެވެ. ފޭނުންތައް ވެސް ގިނަވެއްޖެއެވެ. ނަތީޖާ ނެރެފިއެވެ.

ބަރޯ އަކީ ވެސް ވަރަށް ގިނަ ބައެއްގެ ސަޕޯޓާ އެކު މިހާ ހިސާބަށް އައިސްފައި ހުރި ބައިވެރިއެކެވެ. ޖަޖުން ރަނގަޅު ކުރަން ބުނާ ކަންކަން ރަނގަޅުކޮށް، ކުރި އަރައި ގަދަ ތިނަކަށް ވާސިލްވީއެވެ.

ރޭގެ ޝޯގައި ހަމޫދު ލަވަކިޔަނީ---

ކޮންމެއަކަސް ރޭ ބައިވެރިން ދެއްކި ހުށަހެޅުންތަކަށް ޖަޖުން ދޭނީ 50 ޕަސެންޓް މާކުހެވެ. ބާކީ އޮތް 50 ޕަސެންޓް އޮތީ ބެލުންތެރިންގެ އަތްމަތީގައެވެ. ޖަޖުންގެ 50 ޕަސެންޓް މާކުހާއި ބެލުންތެރިން ކުރާ 50 ޕަސެންޓް ވޯޓު އެއްކޮށްލުމުން އެންމެ މަތިން ލިބޭ ބައިވެރިޔަކަށް އައިޑޮލްގެ ޓައިޓަލް ކަށަވަރުވާނެއެވެ.

މިރޭ އޮންނަ ފައިނަލް ޝޯގައި ނޭވާ ހިފާއްޓާލަންޖެހޭ ވަގުތު ކޮޅު އަންނާނެއެވެ. މިފަހަރުގެ އައިޑޮލް އިއުލާން ކުރާނެއެވެ. އެމީހަކަށް ކަމުދާ ބައިވެރިޔަކު އައިޑޮލް އަކަށް ހެދުމަށް މިއަދު އިރޮއޮއްސި ހަޔަކާ ހަމައަށް އެސްއެމްއެސް ކުރަމުން ގެންދަންވީއެވެ. މިރޭގެ ޝޯ ވަރަށް ޝައުގުވެރިވާނެއެވެ.

comment ކޮމެންޓް