ދެ ސެލެބްރިޓީ ކަމަށްވާ އަރްބާޒް އާއި މަލައިކާގެ ކައިވެނި ރޫޅާލައިފި

މަލައިކާ އާއި އަރްބާޒް ވަރިވީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓުގައި---

މިފަހަކަށް އައިސް ފޯރީގައި ދެކެވުނު އެއް ވާހަކައަކީ ބޮލީވުޑްގެ މަޝްހޫރު ދެތަރިންކަމަށްވާ މަލައިކާ އަރޯރާ ޚާން އާއި އަރްބާޒް ޚާންގެ ކައިވެނި ރޫޅެން އުޅޭ ވާހަކަ އެވެ. ގިނަ މައްސަލަތައް ޖެހުމުން ކޯޓަށް ވެސް ވަރަށް ގިނައިން ދިޔަ ވާހަކަ އެވެ.

މިދިޔަ ނޮވެމްބަރުގައި ވަރިވުމަށް އެދި ބަންދްރާ ކޯޓަށް މި ދެމީހުން ހުށަހެޅި މައްސަލާގައި އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަރްބާޒް އާއި މަލައިކާ ވަރިވެފައިވާ ކަމަށް ކަނޑައަޅާފަ އެވެ.

މިދެމީހުންގެ ވަކީލުންނާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ދިން މުއްދަތުގައި ވެސް ދެމީހުން ސުލްހަ ނުވުމުން ބުރާސްފަތި ދުވަހު ބޭއްވި އަޑު އެހުމަށް ފަހު ވަނީ ދެމީހުން ވަރިކޮށްދީފަ އެވެ.

އަރްބާޒް އާއި މަލައިކާގެ 18 އަހަރުވީ ކައިވެނި ރޫޅުނު އިރު ފިރިހެން ކުއްޖެއް ވެސް ހުރެ އެވެ. ދަރިފުޅުގެ ބައްޕަ ބޭނުން ކޮންމެ ވަގުތެއްގައި ދަރިފުޅަށް ބައްދަލުކުރުމުގެ ހުއްދަ ދިނުމަށް ފަހު ދަރިފުޅު ހުންނާނީ މަލައިކާގެ ކައިރީގައި ކަމަށް ކޯޓުން ކަނޑައެޅި އެވެ.

އެ ދެމީހުން ބުރާސްފަތި ދުވަހު ކޯޓުގައި ވަރިވެފައިވާއިރު ދަރިފުޅު ގޮވައިގެން ވަރަށް ގިނައިން ދެމީހުން އެކުގައި ތަންތަނަށް ގޮސް އުޅެ އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ މުންބާއީގައި ޖަސްޓިން ބީބާ ބޭއްވި ޝޯއަކަށް ވެސް ދަރިފުޅު ގޮވައިގެން އެ ދެމީހުން ދިޔަ ކަމަށްވެ އެވެ.

އަރްބާޒް އާއި މަލައިކާ ވަރިވި ކަމުގައި ވިޔަސް އަރްބާޒްގެ އާއިލާއާ މަލައިކާ ވަރަށް ގުޅުން ބޮޑެވެ. ވަރަށް ގިނައިން އެ ގެއަށް ގޮސް އުޅެ އެެވެ. ހަފްލާތަކުން ވެސް އެ އާއިލާގެ މެންބަރުންނާ އެކު ފެެނެ އެވެ. ދާފިފަހުން ޚާންގެ އާއިލާ ރާއްޖެ އައިއިރު ވެސް މަލައިކާ އެމީހުންނާއެކު އަ އެވެ.

comment ކޮމެންޓް