ކުރިނބީ ކައުންސިލަށް ކުރިމަތިލި ތިން ކެންޑިޑޭޓަކު އެއްވަރުވެ ދެވަނަ ބުރަކަށް!

ކުރިނބީ ކައުންސިލްގެ އިންތިޚާބުގައި އެއްވަރުވި މުހައްމަދު ޝާފީ، އަހުމަދު މުޖުތަބާ އަދި އިސްމާއީލް އާސިފް ---

ހދ. ކުރިނބީ ކައުންސިލަށް ކުރިމަތިލި ތިން ކެންޑިޑޭޓަކު އެއްވަރުވެ ދެވަނަ ބުރަކަށް ދާންޖެހިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރިނބީ ކައުންސިލްގެ އިންތިޚާބު ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު ވަނީ ކާމިޔާބުކޮށްފައެވެ. އިންތިޚާބު ކާމިޔާބު ކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލް ފައްތާހު އަބޫބަކުރަށް ލިބިފައި ވަނީ 242 ވޯޓެވެ. އަދި ދެވަނަ އަށް ގޮނޑި ކަށަވަރު ކުރި ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިފައި ވަނީ 229 ވޯޓެވެ.

ކުރިނބީ ކައުންސިލަށް އިންތިޚާބު ކުރަންޖެހެނީ ތިން ކައުންސިލަރުން ކަމުގައިވާއިރު، މިފަހަރުގެ އިންތިޚާބުގައި ތިން ވަނައަށް ތިން ކެންޑިޑޭޓަކު ވަނީ ގޮސްފައެވެ. އެއީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. އެމްޑީޕީގެ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްބޭފުޅަކީ މިހާރުވެސް ކުރިނބީ ކައުންސިލްގެ ރައީސްކަން ކުރައްވާ އަހުމަދު މުޖުތަބާއެވެ.

މިހާރުގެ ރައީސް މުޖުތަބާ އާއި އެމްޑީޕީގެ އަނެއް ކެންޑިޑޭޓް މުހައްމަދު ޝާފީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް އާސިފަށް ލިބިފައި ވަނީ 218 ވޯޓެވެ. އެހެންކަމުން ކުރިބީ ކައުންސިލްގެ ދެވަނަ ބުރެއް ބާއްވައި ތިން ވަނަ ގޮނޑި ކަށަވަރުވާ ބޭފުޅަކު ކަނޑައަޅަން ވަނީ ޖެހިފައެވެ.

އެ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ޖަވާދާއަށް ލިބިފައި ވަނީ 202 ވޯޓެވެ.

ދެހާސް ސާދަ ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރިބީ ކައުންސިލްގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ. އެފަހަރު އެ ކައުންސިލަށް އިންތިޚާބުވެފައި ވަނީ އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.

comment ކޮމެންޓް