ޖަލުން ފިލައިގެން ފުވައްމުލަކަށް ގޮސް އުޅުނު 15 ގައިދީއަކު ފުލުހުން އަތުލައިގެންފި

ދިގު މުއްދަތަކަށް ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ 15 ގައިދީއަކު ފިލައިގެން ގޮސް ޏ. ފުވައްމުލަކުގައި އުޅެނިކޮށް ފުލުހުން އަތުލައިގަނެ ޑީޕީއާރްއެސް އާ ހަވާލުކޮށްފި އެވެ.

ފުވައްމުލަކުގައި ފިލައިގެން އުޅެނިކޮށް، ޑީޕީއާރްއެސް އާއި ފުލުހުން ދޮޅުމަސް ދުވަސް ކުރިން ހޯދަން ފެށި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް ގައިދީންގެ ތެރޭގައި ހިމެނެނީ ބޮޑެތި ކުށްތައް ކޮށްގެން، 25 އަހަރަށް ހުކުމް ކޮށްފައި ތިބި މީހުންނާ 15 އަހަރާއި 12 އަހަރުގެ މުއްދުގެ ޖަލު ހުކުމުގައި ތިބި ގައިދީންތަކެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފިލައިގެން އުޅުނު ގައިދީންގެ ތެރޭ ހިމެނެނީ މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީގެ ހުކުމް ތަންފީޒު ކުރަމުންދާ 15 ގައިދީއެއް ކަމަށެވެ. ފިލައިގެން އެރަށުގައި އިތުރު ގައިދީން އުޅޭތޯ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އެ ހޯދުންތައް ވެސް ކުރިޔަށް ގެންދަނީ ޑީޕީއާރްއެސްއާ ގުޅިގެނެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި ފަހަކަށް އައިސް ކުށްކުރުން އިތުރުވެފައި ވަނީ ފިލައިގެން އުޅޭ ގައިދީންގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި އަތުލައިގަތް 15 ގައިދީން ފުވައްމުލަކަށް ގޮސްފައި ވަނީ ބޭސް ފަރުވާއަށް ނުވަތަ ކޮންމެ ވެސް ކަމަކު މާލެ ގެނައި ތަނުން ފިލައިގެން ކަމަށެވެ.

ފަހަކަށް އައިސް ތަފާތު ސަބަބު ތަކާ ހެދި މާލެ ގެންނަ ގައިދީން ފިލުން އާންމު ވުމާއި ގުޅިގެން ސަރުކާރުން ވަނީ މާފުށީ ޖަލުން ޑޮކްޓަރަށް ދައްކަން ގައިދީން މާލެ ގެނައުމުގެ ބަދަލުގައި މާފުށީގައި ރަނގަޅު ޑޮކްޓަރުން ބައިތިއްބައިގެން ގައިދީންނަށް ފަރުވާ ދޭ ގޮތަށް ނިންމައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު