މިރޭ އޮތީ އައިޑޮލްގެ ގަދަ ހިފުން، ވަރަށް ފޯރި ގަދަވާނެ!

އައިޑޮލްގެ ގަދަ ތިން ބައިވެރިން----

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ ރިއަލިޓީ ޝޯ، މޯލްޑިވިއަން އައީޑޮލް ސީޒަން ފެށިގެން ކުރިޔަށް ގޮސް މިރޭ ވެގެންދާނީ އެ ޝޯގެ އެންމެ ފޯރިގަދަ ރެއަށެވެ. ގަދަ ތިން ބައިވެރިންގެ ގަދަ ހިފުން މިރޭ އޮންނާނެއެވެ. ވަރަށް ވެސް ފޯރިގަދަވާނެކަން ޔަގީނެވެ.

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ފެށިގެން އައީ 16 ބައިވެރިންނާއި އެކުއެވެ. ބާރަ ބައިވެރިންނާ އެކު އައިޑޮލްގެ ގާލާ ރައުންޑު ފެށިގެން ކޮންމެ ހަފްތާ އަކުވެސް ބައިވެރިޔަކު ދިޔައީ މުބާރާތުން ވަކިވަމުންނެވެ. މިހާރު ތިބީ ޖަޖުންނާއި ބެލުންތެރިންގެ އެންމެ ފެވަރިޓް ތިން ބައިވެރިންނެވެ. ގަދަ ތިން ބައިވެރިންނަކީ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހުމަދު އަދި ޝަމްވީލް މުހައްމަދު (ބަރޯ) އެވެ.

މިތިން ބައިވެރިންގެ އެންމެ ފަހު ހުށަހެޅުންތައް މިރޭ ފެންނާނެއެވެ. މިރެއަކީ އެ ތިން ބައިވެރިންނަށް ބެލުންތެރިންގެ ހިތްތައް ކަތިލަން ލިބޭނެ އެންމެ ފަހު ރެއެވެ. އެހެންކަމުން ހަމަ ޔަގީނުންވެސް މިރޭ އެ ތިން ބައިވެރިން ސްޓޭޖް ގުގުމާލާނެއެވެ.

އައިޑޮލްގެ ގަދަ ތިނެއްގައި ހިމެނޭ ބޮބް--

ސޯޝަލް މީޑިއާގައި ވެސް މިއަދު އެހާމެ ފޯރި އެބަހުއްޓެވެ. އެމީހަކު އައިޑޮލް އަކަށް ބޭނުންވާ މީހާގެ ފޮޓޯތައް ޝާއިއުކޮށް، ޓްވީޓް ކުރަމުން އެބަ ގެންދެއެވެ. ހަމޫދު، ބޮބް އަދި ބަރޯ މިރޭ ދައްކާ ޕާފޯމެނެސްތަކަށް ޖަޖުން މާކުސްދޭނެއެވެ. ނަމަވެސް އެއީ 50 ޕަސެންޓް މާކުހެވެ. ދެން އޮތީ އެ ބައިވެރިންގެ ސަޕޯޓަރުންގެ ހިތްވަރެކެވެ.

ބައިވެރިންނަށް ބަލައިލާއިރު ފައިނަލަށް ގޮސް މިތިބީ ޖަޖުންގެ ފަރާތުން ރަގަނޅު ކޮމެންޓު ލިބެމުން، ކުރިއަރަމުން އައި ތިން ބައިވެރިންނެވެ. އެ ތިން ބައިވެރިންގެ ތެރެއިން ކޮންމެ ބައިވެރަކަށް އައިޑޮލްގެ ޓައިޓަލް ލިބުނަސް ދެން ތިބި ބައިވެރިންވެސް ވާނީ ފަހުރު ވެރި ވަނަ ތަކުގައި ހިމެނިގެން ދާ ބައިވެރިޔަކަށެވެ.

އައިޑޮލްގެ ގަދަ ތިނެއްގައި ހިމެނޭ ހަމޫދު---

ހަމޫދަކީ ވަރަށް އަވަހަށް ކަންކަން ދަސްކޮށް، ޖަޖުންދޭ އިރުޝާދުތަކަށް ތަބާވެ، ކުރި އަރަމުން އަައި ބައިވެރިޔެކެވެ. އައިޑޮލްގެ ދަތުރު ފެށިގެން އައި އިރު ގިނަ ބައެއްގެ "މަލާމާތް" ރައްދުވި ކަމުގައިވީ ނަމަވެސް ގަދަ ފަހަކާ ހަމައަށް އައިއިރު އޭނާ ހުރީ ގިނަ ބައެއްގެ އައިޑަލްއަށް ވެފައެވެ. ޓައިޓަލްއަށް އޭނާ ވާދަކުރަމުން އެދަނީ އޭރު ލިބުނު ނެގެޓިވް ކޮމެންޓުތަކުން ހިތްވަރު ލިބިގެންނެވެ.

ބޮބް އަކީ މިފަހަރުގެ އައިޑޮލްގެ އެންމެ ވަރުގަދަ އެއް އަޑެވެ. ފެށުނީއްސުރެ ކޮންމެ ރެޔަކުހެން ޖަޖުންގެ ހިތްތައް ފަތަހަކޮށް، ބެލުނތެރިން ހިތްތައް އޭނާގެ މައްޗަށް ލަންބުވަމުން ގެންދިޔައެވެ. ވަރުގަދަ އަޑުގެ ބޮބަށް ވެސް އެހާމެ ގިނަ ސަޕޯޓަރުން އެބަ ތިއްބެވެ. އައިޑަލްގެ ދިގު ދަތުރުގައި މިހާތަނަށް އަދި "ބޮޓޮމް ތްރީ" އަކަށް ނުދެ އެވެ. ބޮބްގެ އަޑުން ގެނެސްދޭ ލަވަތަކަށް ބެލުންތެރިން ތިބީ ހަމަ ރަނގަޅަށްވެސް ހެއްލިފައެވެ. ބޮބްގެ ކިއުން އެހާވެސް ފުރިހަމައެވެ.

ގަދަ ތިނެއްގައި ހިމެނޭ ބަރޯ---

ދެން ހުރީ ބަރޯއެވެ. ބަރޯ ގަދަ ތިނަކަށް ދިޔުމުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އޭނާ ގަދަ ތިނެއްގައި ހިމެނުން ހައްގު ނޫން ކަމަށް ބުނި ނަމަވެސް ނަތީޖާ ނެރުނީ ޖަޖުންނާއި އާންމުންގެ ވޯޓާ އެކުގައެވެ. އޭނާގެ ސަޕޯޓަރުންވެސް ބައިވަރެވެ.

ޮކޮންމެއަކަސް މިރޭ އެ ތިން ބައިވެރިންވެސް ދައްކާނީ އެންމެ ފުރިހަމަ ހުށަހެޅުންތަކެވެ. ޖަޖުން ދޭނީ 50 ޕަސެންޓް މާކުހެވެ. މާދަމާ ރޭ އޮންނަ ފައިނަލް ޝޯގެ ޓައިޓަލް ހައްގުވާ މީހަކަށް ވޯޓް ދޭނީ ދެން އެބައެއްގެ ސަޕޯޓަރުންނެވެ. އެހެންވީމާ ކޮންމެހެންވެސް މިރޭގެ ޝޯ ބަލަން ވާނެއެވެ. ވޯޓް ކުރަން ތައްޔާރުވެގެން 10:30 އަށް މިރޭ ޓިވީއެމް ޓިއުން ކޮށްލާށެވެ.

comment ކޮމެންޓް