މަސްތުވާ ތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ޅ. ނައިފަރު ---ސަން ފައިލް ފޮޓޯ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނާއި ޅ. ކުރެންދޫ ޕޮލިސް ސްޓޭޝަނުން ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު، 17 އަހަރުގެ ކުޑަކުއްޖަކާއި 21 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެމީހުންގެ ތެރެއިން 17 އަހަރުގެ ކުޑަފިރިހެން ކުއްޖާ ހައްޔަރުކޮށްފައި ވަނީ، މި މަހުގެ 9 ވަނަ ދުވަހުގެރޭ 23:35 ހާއިރު، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނައިފަރު ހުޅަނގު ފަރާތު ގޮނޑުދަށުންކަމަށެވެ.

އެކުއްޖާ ހައްޔަރުކުރުމަށް ފަހު އޭނާގެ ހަށިގަނޑާއި އެސަރަހައްދު ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ހަދާފައިވާ ސެލޯފިންކޮޅު ތަކެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެދެމީހުންގެ ތެރޭން 21 އަހަރުގެ މީހާ ހައްޔަރުކުރީ މާލެއިން ފުރައިގެން ކުރެންދޫއަށް ދަތުރުކުރި ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެމީހާ ހައްޔަރުކުރީ މި މަހުގެ ނުވަ ވަނަ ދުވަހުގެރޭ 03:15 ހާއިރު ކުރެންދޫ ބަނދަރު ސަރަޙައްދުން ކަމަަށް ފުލުހުން މައުލޫމާތު ދެއެވެ.

ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ވަނީ މުއްދަތު ޖަހައިަފައެވެ. އެގޮތުން 17 އަހަރުގެ ކުއްޖާއަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 21 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ފުލުހުން ބުނީ މި ދެމައްސަލަވެސް ނައިފަރު ޕޮލިސް ސްޓޭޝަނާއި ކުރެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ތަހުގީގު ކުރަމުން ދާކަމަށެވެ.

comment ކޮމެންޓް