ހުޅުމާލެއަށް ބީއެމްއެލްގެ ބިޒްނަސް ސެންޓަރަކާއި އިތުރު އޭޓީއެމްތަކެއް

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކެއް --- ސަން ފައިލް ފޮޓޯ

ބޭންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ސެންޓަރަކާއި، އިތުރު އޭޓީއެމްތަކެއް ހުޅުމާލޭގައި ގާއިމުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީއާއި ބޭންކުގެ މެނޭޖްމެންޓުގެ އިތުރު ބޭފުޅުން އިއްޔެ ވަނީ، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބަލާލުމަށް އެ ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައެވެ.

ބޭންކުން އިއްޔެ ހާމަކުރި ގޮތުގައި، އޮކްޓޫބަރު މަހު ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގް ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލްގައި ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ.

ބޭންކުން މިއަދު ހާމަކުރި ގޮތުގައި، އިއްޔެގެ ޒިޔާރަތަށްފަހު ބޭންކުން ވަނީ، ހުޅުމާލޭގައި ބީއެމްއެލްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ނިންމައިފައެވެ.

އެގޮތުން ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރީގައި ބީއެމްއެލްގެ ދެ އޭޓީއެމެއް ގާއިމުކުރުމުގެ އިތުރުން، ހުޅުމާލޭގައި ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް މިއަހަރު ނިމުމުގެ ކުރިން ގާއިމު ކުރުމަށް ބީއެމްއެލްއިން ނިންމާފައިވާކަން ބީއެމްއެލްއިން ހާމަކުރިއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން ހުޅުމާލޭގައި ހުރި އޭޓީއެމްގެ އަދަދު ހައަކަށް އިތުރުވާނެއެވެ. އަދި ބިޒްނަސް ސެންޓަރުގެ ސަބަބުން ހުޅުމަލޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

comment ކޮމެންޓް