މެސީ ވަރަށް އަވަހަށް އެއްބަސްވުން އާކުރާނެކަމަށް ބާސާއިން ބުނެފި

ބާސެލޯނާއިން ގަބޫލުކުރާ ގޮތުގައި އެޓީމުގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ ވަރަށް އަވަހަށް އެ ކްލަބާއެކު އެއްބަސްވުން އާކުރޭނެ --- ފޮޓޯ: އޭޕީ

ބާސެލޯނާއާއެކު ލިއޮނަލް މެސީ ހަދާފައިވާ އެއްބަސްވުން، ވަރަށް އަވަހަށް އާކުރާނޭކަމަށް އެ ކްލަބުން ބުނެފިއެވެ.

މެސީ ބާސާއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖޫން 2018ގައި ހަމަވާއިރު، އުމުރުން 29 އަހަރުގެ އާޖެންޓީނާ ފޯވާޑް ބާސާގައި އިތުރަށް މަޑުކޮށްފާނެތޯ މިއީ މިހާރު ވަރަށް ފުޅާދާއިރާއެއްގައި ކުރެވެމުންދާ ބަހުސެކެވެ.

ބާސާއިން މެސީއަށް މުޅިން އާ ހުށަހެޅުމެއް ހުށަހަޅާފައިވީ ނަމަވެސް، މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް ދެފަރާތަށް އަދިވެސް ވަނީ އެކަމުގައި އެއްބަސްވުމަކަށް ނާދެވިފައެވެ.

އެހެންނަމަވެސް ފަސްފަހަރު ބެލަންޑޯ އެވޯޑް ހާސިލްކޮށްފައިވާ މެސީ، ބާސާގައި މަޑުކުރާނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތްކަމަށް ބާސާއިން ބުނެއެވެ.

"އެއްބަސްވުން ވަރަށް އަވަހަށް އާކުރެވޭނެ، އަދި އަހަރެމެން މިބަލަނީ ވަރަށް އަވަހަށް އެކަން އިއުލާނުކުރެވޭނޭ ކަމަށް" ބާސާގެ ތަރުޖަމާނު ޖޯޒެފް ވިވޭސް ބުންޏެވެ.

މެސީގެ ކޮންޓްރެކްޓާ ބެހޭގޮތުން ކޮމެންޓް ކުރިނަމަވެސް، ބާސާގެ ކޯޗު ލުއިންސް އެންރިކޭގެ ބަދަލުގައި ގެންނާނީ ކާކުތޯ ކުރެވުނު ސުވާލަށް މާކަ އެދެވޭ ޖަވާބެއް ވިވޭސް ނުދިނެއެވެ.

"އަހަރެމެން ނޫޅެން ކޯޗަކަށް ގެންނަނީ ކާކުކަން އަވަސްއަރުވާލައިގެން އިއުލާނުކުރާކަށް،" އޭނާ ބުންޏެވެ.

އޭނާ ބުނީ، ސީޒަން ނިމުމާ ގާތްވެފައިވާއިރު ބާސާ ގުނަމުން ދަނީ ވަރަށް ނާޒުކު ދުވަސްކޮޅެއް ކަމަށާއި، ކްލަބުގެ މެނޭޖްމަންޓުގެ ހުރިހާ ވިސްނުމެއްވެސް ހުރީ ޓީމަށް އެހީތެރިވެދިނުމަށް ކަމަށެވެ.

"ކޯޗަކާ ގުޅޭގޮތުން ތާރީޚެއް ކަނޑައަޅަން އަދި އަވަސްއަރުވާލައިގެން އުޅޭވަރެއް ނުވޭ."

ސްޕެނިޝް ލަ ލީގާގެ ތާވަލަށް ބަލާއިރު އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ 84 ޕޮއިންޓެވެ. އެހެން ވަނަވެސް މިވަގު ލަނޑުގެ ތަފާތުން ބާސާއަށް ކުރި ލިބުނު ނަމަވެސް އެޓީމުވަނީ ލީގުގައި ރެއާލަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ. މި ސީޒަންގައި ބާސާއަށް ލީގުގައި ބާކީ އޮތީ އެންމެ ދެމެޗެވެ.

comment ކޮމެންޓް