ޒިދާންއާއެކު ކުޅެލަން ޑިބާލާ ޝައުގުވެރިވޭ!

ޔުވެންޓަސްގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާ ---

ޒައިނުއްދީން ޒިދާންއާއެކު ކުޅެލުމުގެ ފުރުސަތު ލިބިއްޖެ ނަމަ، އުފަލާއެކު އެކަން ގަބޫލުކުރާނޭކަމަށް، ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައުލޯ ޑިބާލާ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އަންނަ މަހު ތިން ވަނަ ދުވަހު ކާޑިފްގައި، ޒިދާންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ޔުވެންޓަސް ކުޅެން ހަމަޖެހިފައިވާ އިރު، ޑިބާލާ ބުނީ ޒިދާންއަކީ ކުރިން މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާއިރު، މިހާރު އެއީ މިސާލު ޖަހާލެވޭފަދަ މޮޅު ކޯޗެއް ކަމަށެވެ.

ޒިދާން އޭނާގެ ފުޓްބޯޅަ ކެރިއަރު އޭގެ އެންމެ އުހަށް ގެންގޮސް މީހުންގެ ތެރޭގައި މަގުބޫލުކަން ހޯދީ ޔުވެންޓަސްގައެވެ. އޭނާ ވަނީ 1998 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ކުރީން ޔުވެންޓަސްގައި ދެފަހަރު އިޓާލިއަން ލީގު، އަދި ބެލަންޑޯ އެވޯޑު ހާސިލްކޮށްފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޔުވެންޓަސްގެ ސަޕޯޓަރުންގެ ހިތްތަކުގެ އެންމެ ފުނުން ޖާގަ ހޯދައިފައިވާ ޒިދާން، ކޯޗެއްގެ ގޮތުގައި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްދޭން ނުކުންނައިރު، އެކަމަށް ހުރަސްއެޅުމުގެ ފުރުސަތު ޑިބާލާއާއި ޔުވެންޓަސްއަށް ވަނީ ހުޅުވިފައެވެ.

"އޭނަ [ޒިދާން]އާ އެކު ކުޅެން އަހަރެން ބޭނުން. އެންމެނަށް ވެސް އެނގޭ އޭނާގެ ފެންވަރު،" ސްކައިސްޕޯޓް އިޓާލިއާއަށް ޑިބާލާ ބުންޏެވެ.

"އަހަރެންނަށް ވަރަށް ކަމުދޭ ދަނޑުމަތީގައި އޭނާ ބޭނުންކުރާ އުކުޅުތައް، އިދިކޮޅު ކުޅުންތެރީން ކަޓުވާލާފައި އެދާގޮތް. ވަރަށް ހަމަޖެހިލައިގެން ވަރަށް ފަސޭހަކަމާއެކު އޭނަ ކުޅެލަނީ.

"އެއީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން އެންމެނަށްވެސް ފެނިގައި އޮންނާނީ. މިހާރު އޭނާ އެދަނީ ކޯޗެއްގެ ގޮތުގައިވެސް އެކަން ސާބިތުކޮށްދެމުން."

comment ކޮމެންޓް