ޞިއްޙީ ފަރުވާދޭ ވިލިތައް އުފައްދައި ބަލިމީހުންނަށް ހޭހަންކުރަން ފެށީ މުސްލިމުންނެވެ.

ޒަމާނީ ފާމަސީގެ ބިންގާ އެޅީ މުސްލިމުން ----

ނޯޓް: މިމަޒުމޫނަކީ ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ ލިޔުއްވައިފައިވާ މަޒުމޫނަކަށް ބައެއް މައުލޫމާތު އިތުރުކޮށްގެން ލިޔެފައިވާ މަޒުމޫނެކެވެ. ޑޮކްޓަރ ނަދުވީއަކީ ޢަލީގަޅުމުސްލިމް ޔުނިވަރސިޓީގެ ތަސްނީފާއި ތައުލީފާ ބެހޭ ޑިޕާރޓްމަންޓުގެ އެހީތެރިޔެކެވެ. އިންޑިޔާގައި ހިނގާ އިސްލާމީ ވަރަށް ގިނަ މުހިންމު ޢިލްމީ ހަރަކާތްތަކެއްގެ މުޢާވިނެކެވެ. ޚާއްޞަކޮށް އިންޑިޔާގެ ޖަމާއަތެ އިސްލާމީގެ ތަޞްނީފާ ބެހޭ އެކެޑެމީގެ ސެކްރެޓަރީއެވެ.

*********

މިޒަމާނުގެ ޢިލްމުތަކާއި ފަންނުތަކުގެ ތާރީޚު ލިޔުމުގައި އޮންނަނީ ހުޅަނގުގެ ނުފޫޒެވެ. އެހެންކަމުން ޢާއްމު ގޮތެއްގައި ކޮންމެ ޢިލްމެއްގެވެސް ނުވަތަ ފަންނެއްގެވެސް ފެށުން އެބައިމީހުން ގެންދަނީ ދުއިސައްތަ ނުވަތަ ދުއިސައްތަ ފަންސާސް އަހަރު ކުރިޔަށެވެ. ނުވަތަ ސަތޭކަ ވަރަކަށް އަހަރު ކުރިޔަށެވެ. ކޮންމެ ކަމެއްވެސް ފެށި މީހަކަށް ނުވަތަ އެކަމެއްގެ ބާނީ (Pioneer) އަކަށް ހަދަނީ ވިލާތުގެ ކޮންމެވެސް ފިރިހެނެކެވެ. ނުވަތަ އަންހެނެކެވެ. މިގޮތުން ނަރުސްކަން ނުވަތަ ބަލިމީހުންނަށް ހޭހަންކުރުމުގެ ފެށުމުގެ ޝަރަފު ދެނީ ނައިޓިންގޭލް (Florence Nightingale 1820-1910) އެވެ ކިޔުނު އިނގިރޭސި ބޭކަނބަލަކަށެވެ. އެކަމަނާ އަކީ އިނގިރޭސިންގެ އަޝްރާފުންގެ ތެރޭގާއި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާ ނަރުސްކަމުގެ ޚިދުމަތް ޚިޔާރުކުރައްވައި އެފަންނަކީ ޙުރުމަތްތެރި އަދި ޝަރަފުވެރި ކަމަކަށް ހެއްދެވިކަމަށް ހުޅަނގުން ދަޢުވާކުރެއެވެ. ނަމަވެސް މިއީވެސް ހުޅަނގުން ކުރާ މިބާވަތުގެ ދޮގު އެހެނިހެން ދަޢުވާތައްވެސް ފަދައިން ފުލެއް ބިތެއް މައްޗެއް ނެތް ދަޢުވާއެކެވެ. ހަޤީޤަތުގައި މިފަންނުގެ ފެށުމުގެ ޝަރަފު އަރުވަން ޖެހެނީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރަޖަ މަތިވެރި ޞަޙާބިއްޔާއިންނަށެވެ. އެބޭކަނލުން އެޚިދުމަތް ކުރެއްވީ ފުރިހަމަ ހުނަރުވެރިކަމާއި އެހައިމެ ކުލުނުވެރިކަމާއެކުގައެވެ.

ޝައްކެއްނެތެވެ. ނަބަވީ ދައުރުގައި ޢަރަބިކަރައިގައި ބޭސްވެރިކަން އޮތީ މިޒަމާނުގެ ފަންނީ މިންގަނޑު ތަކަށް ބަރާބަރަށް ފެތިފައެއް ނޫނެވެ. އެދުވަސްވަރު ޢަރަބިންނާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކާ މާބޮޑަކަށް ދެނެފަރިތައެއް ނޫނެވެ. އެހެންކަމުން ބޭރުޤައުމުތަކުގައި ދިރެމުންދިޔަ ބައެއް ފަންނުތަކަށާއި ޢިލްމުތަކަށް ޢަރަބީން ތަންކޮޅެއް ބީރައްޓެއްސެވެ.

އެދުވަސްވަރު ޔޫރަޕު އޮތީ ޖަހާލަތުގެ ކަނުއަނދިރީގެ ތެރޭގައެވެ. ޣާފިލުކަމުގައި ނިދައިފައެވެ. ޢިލްމާއި މަދަނިއްޔަތު އޮތީ އިރުމަތީގައެވެ. އެޒަމާނުގައި ބޭސްވެރިކަމުގެ ފަންނުގައި އެންމެ ބޮޑަށް މަޝްހޫރުވެފައި އޮތީ ދެމަރުކަޒެކެވެ. އެއް މަރުކަޒަކީ އީރާނުގެ ރަށެއްކަމުގައިވާ ޖަންދީޝާޕޫރުގައި ހުރި މަރުކަޒެކެވެ. ދެވަނަ މަރުކަޒަކީ މިސުރުގެ އިސްކަންދަރިއްޔާގައި ހުރި މަރުކަޒެކެވެ. އެދެތާނގައިވެސް ޤާބިލް އުސްތާޛުންގެ ޓީމުތަކެއް މަސައްކަތްކުރައްވަމުން ގެންދެވިއެވެ. ވަރަށް ގިނަ ދަރިވަރުން އެބޭކަލުންގެ ބެއްލެވުމުގެ ދަށުން ބަލިމީހުންނަށް ފަރުވާ ދެމުން ގެންދިޔައެވެ. އެޒަމާނުގެ ނިސްބަތުން އާ ހޯދުންތައްވެސް ހޯދަމުން ގެންދިޔައެވެ. އެދެތާނގެ ދަރިވަރުންގެ ތެރޭގައި ޢަރަބީންގެ ދަރިވަރުންވެސް ހިމެނުނެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މިގޮތުން ފާހަގަކުރެވޭ ބޭސްވެރިންކުރެ އެކަކީ ޙާރިޘު ބުނު ކިލްދާއެވެ. އޭނާ ދަސްވެނިވެލެއްވީ ޖަންދީޝާޕޫރުގެ " މެޑިކަލް ކޮލެޖުން"ނެވެ. އޭނާ ދިރިއުޅުއްވީ ޠާއިފުގައެވެ. އެނާއަކީ މިޒަމާނުގެ އިސްތިލާޙުގައި ބުނެވޭފަދަ "ގަދަރުހުހި މެޑިކަލް ކޮލެޖެއްގެ ގްރެޖުއޭޓެކެވެ." ދުރުދުރަށް ނަންހިނގައިފައިވާ ޑޮކްޓަރެކެވެ.

މެދުގައި އެވަނީ ހަށިގަނޑުގައި ލޭ ދައުރު ކުރާ ގޮތް ---

ސުނަނު އަބީދާއޫދުގެ ރިވާޔަތެއްގައިވާ ގޮތުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރަޖަމަތިވެރި ޞަޙާބީންގެ ތެރެއިން ސަޢުދު ބުނު އަބީވައްޤާޞު ރަޟިޔަﷲ ޢަންހުއަށް އެއްފަހަރަކު ވަރަށް ބޮޑު އާލަސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޢުދުގެފާނުގެ ޙާލުކޮޅު ބައްލަވަން ވަޑައިގެންފައި އެކަލޭގެފާނަށް ލަފާދެއްވިއެވެ. " ކަލޭގެފާނު ޙާރިޘު ބުނު ކިލްދާގެ ގާތަށް ވަޑައިގަންނަވާށެވެ. އޭނާއަކީ ރަނގަޅަށް ފަރުވާ ކުރާ ބޭސްވެރިއެކެވެ." (އަބޫ ދާއޫދު ކިތާބުއްޠިއްބި ، 3875)

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އަރަބިކަރައިގައި ޤަބީލީ ބޭސްވެރިކަމުގެ މަޢުލޫމާތުތައް ޙިއްސާކުރެވުމުން އުނގެނެމުން ގެންދިޔައެވެ. ތަޖްރިބާ ބަދަލުކުރެވެމުން ދިޔައެވެ. ޢަރަބި ޤަބީލާތަކުގެ ގުޅުމުގެ ތެރެއިންނެވެ. ބަލިމީހުނަށް ފަރުވާދޭނެ ގޮތާއި ބޭސްތައްވެސް ދަސްވެ އެއްޤަބީލާއެއްގެ މަޢުލޫމާތާއި ތަޖްރިބާ އަނެއް ޤަބީލާއަކާ ޙިއްސާ ކުރެވެމުންދިޔައެވެ. ކޮންމެއަކަސް އެޒަމާނާ ގުޅޭ އަދި އެޒަމާނުގެ ފެންވަރާ ކުފޫހަމަވާ ގޮތަށް ޢަރަބީންގެ ތެރޭގައިވެސް ބޭސްވެރިކަން އޮތެވެ. އެޒަމާނުގެ ބޭސްވެރިކަމުގައި ޞަޙާބިއްޔާއިންގެ ޙިއްސާ ޞަޙާބީންނަށްވުރެ ބޮޑުކަމުގައިވެސް ދަންނަވާންޖެހެއެވެ. ޢާއްމު ބޭސްވެރިކާމާއި، ކަނޑިފާރުބޭހުގެ ތެރެއަށް ވަދެވަޑައިގެން ތިއްބަވައި ، ކުޅަދާނަފުޅުކަމާއެކު ބަލިމީހުނަށް ފަރުވާކުރައްވައި ހޭހަން ކުރެއްވުމުގެ ގޮތުން ފާހަގަކޮށްލެވޭ ޞަޙާބިއްޔާއިންގެ ތެރޭގައި ތިރީގައި މިދަންނަވާ ދަރަޖަމަތިވެރި ބޭބޭކަނބަލުން ހިމެނިވަޑައިގެންނެވިއެވެ.

  1. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ
  2. އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމުސަލަމާ ރަޟިޔަﷲ ޢަންހާ
  3. އައްސައްޔިދާ ނުސައިބާ ބިންތި ކަޢުބު މާޒިނިއްޔާ ރަޟިޔަﷲ ޢަންހާ
  4. އައްސައްޔިދާ އުއްމު އައިމަން ރަޟިޔަﷲ ޢަންހާ
  5. އައްސައްޔިދާ ކުޢައިބާ ބިންތި ސަޢުދު ރަޟިޔަﷲ ޢަންހާ
  6. އައްސައްޔިދާ ޝައްފާއު ބިންތި ޢަބްދުﷲ ރަޟިޔަﷲ ޢަންހާ
  7. އައްސައްޔިދާ އުއްމު ޒިޔާދު އަޝްޖަޢިއްޔާ ރަޟިޔަﷲ ޢަންހާ
  8. އައްސައްޔިދާ އުއްމު މުޠާޢު ރަޟިޔަﷲ ޢަންހާ
  9. އައްސައްޔިދާ އުއްމު ޢަޠިއްޔާ ރަޟިޔަﷲ ޢަންހާ
  • އައްސައްޔިދާ ރުބައްޔަޢު ބިންތި މުޢައްވިޛު ރަޟިޔަﷲ ޢަންހާ
  • އައްސައްޔިދާ ޙަމްނާ ބިންތި ޖަޙުޝު ރަޟިޔަﷲ ޢަންހާ
  1. އައްސައްޔިދާ މުޢާޛާ އަލްޣިފާރިއްޔާ ރަޟިޔަﷲ ޢަންހާ
  2. އައްސައްޔިދާ އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާ
  • އައްސައްޔިދާ އުއްމު ކަބްޝާ އަލްޤުޟާޢިއްޔާ ރަޟިޔަﷲ ޢަންހާ
  • އައްސައްޔިދާ އުއްމު ސިނާނު އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާ
  1. އައްސައްޔިދާ އުމައިމާ (ނުވަތަ އުމައްޔާ، ނުވަތަ އަމީނާ) ބިންތި ޤައިސު އަލްޣިފާރިއްޔާ ރަޟިޔަﷲ ޢަންހާ
  2. އައްސައްޔިދާ ރުފައިދާ އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާ
  • އައްސައްޔިދާ ލައިލާ އަލްޣިފާރިއްޔާ ރަޟިޔަﷲ ޢަންހާ

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރަޖަމަތިވެރި ޞަޙާބިއްޔާއިންގެ ބޭސްފަރުވާގެ

ޚިދުމަތަށް ތިން ދިމާޔަކުން އަޅުގަނޑުމެންނަށް އަލިއަޅުވައިލެވިދާނެއެވެ.

  1. ހަނގުރާމައިގައި މައިދާނުގައި ޒަޚަމީންނަށް އަވަސްފަރުވާ (first aid) ދެއްވުން

ޖާހިލިއްޔަޒަމާނުގައިވެސް، އިސްލާމީ ދައުރުގެ ކުރީކޮޅުގައިވެސް ޢާއްމުކޮށް ހަނގުރާމަ ކުރެވުނީ ކަނޑިއާއި ލޮންސި އާއި ތީރުންނެވެ. ޖާހިލިއްޔަޒަމާނުގެ އަސްކަރީ ކުރިމަތިލުންތަކުގައި އަންހެނުންގެ ބޭނުންކުރެވުނީ ސިފައިންގެ ހިތްވަރާއި ސާބިތުކަން ދެމެހެއްޓުމަށެވެ. ސިފައިންގެ ފިރިހެންވަންތަކަމުގެ ޖަޒަބާތު ދިރުވަން ބާރުއެޅުވުމަށްޓަކައެވެ. އަންހެންކުދީންގެ ނެށުމާއި،ލަވަކިޔުމާއި،ސިފައިންނަށް ހިތްވަރު ދިނުމުގެ ތެރެއިންނެވެ.

ނަމަވެސް އިސްލާމީ ދައުރުގައި އިސްލާމީ ލަޝްކަރުތަކުގައި އެފަދަ ޙުރުމަތެއްނެތް ގޮތްގޮތަކަށް އަންހެނުންގެ ބޭނުމެއް ނުކުރެއެވެ. މުސްލިމުންގެ އަސްކަރީ މައުރިކާތަކުގައި ޞަޙާބިއްޔާއިންގެ ދައުރަކީ މުޖާހިދުންނަށް ފެންދެއްވުމެވެ. މައިދާނަށް ވެރިފައި ހުންނަ ހަތިޔާރު އެއްކުރައްވައި މުޖާހިދުންނަށް ރައްދުކުރެއްވުމެވެ. ޚާއްޞަކޮށް ނަރުހުންގެ ގޮތުގައްޔާއި ކަނޑިފާރުބޭސްވެރީންގެ ހައިޘިއްޔަތުން މުޖާހިދުންނަށް ޚިދުމަތްކުރެއްވުމެވެ. އެބޭކަނބަލުން ޝަހީދުންގެ ހަށިކޮޅުތައް މައިދާނުން ނަންގަވައި ޚާއްސަ ދިމަދިމާޔަށް ގެންދަވައެވެ. ޒަޚަމީން ރައްކާތެރި ތަންތަނަށް ގެންގޮސްދެއްވައެވެ. ބޭސް އަޅުއްވައިދެއްވައެވެ. ބަލިމީހުންނަށް ފަރުވާދެއްވައި ހޭހަންކުރައްވައެވެ. މިދެންނެވި ހައިޘިއްޔަތުން އަވަސްފަރުވާ (first aid) ދެއްވައި އިންތިހާ ދަރަޖައިގެ ކުޅަދާނަފުޅުކަމާއެކު ނުހަނު މޮޅަށް ކަނޑިފާރުބޭސް ކުރެއްވި އެތައް ޞާޙާބިއްޔާއިންނެއްގެ ނަންފުޅު އިސްލާމީ ތާރީޚުގެ ފޮތްތަކުގައި ވަނީ ރެކޯޑްކުރެވިފައެވެ.

އައްސައްޔިދާ ރުބައްޔަޢު ބިންތި މުޢައްވިޛު ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ.

" އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ހަނގުރާމަތަކަށް ގޮސް އުޅުނީމުއެވެ. ސިފައިންނަށް ފެންދީ އުޅުނީމުއެވެ. ޝަހީދުންނާއި ޒަޚަމީން މަދީނާއަށް ގެނައުމުގެ މަސައްކަތްކޮށް އުޅުނީމުއެވެ. (ޞަޙީޙު ބުޚާރީ، ކިތާބުއްޠިއްބު : 5679، ކިތާބުލްޖިހާދު : 2883)

ދެވަނަ ރިވާޔަތުގައި ޞަރީޙުކޮށް ބަޔާންކުރެއްވިފައިވާ ގޮތުގައި އެބޭކަނބަލުން ބަލިމީހުނަށް ފަރުވާދެއްވައި ހޭހަންކުރައްވައި އުޅުއްވިއެވެ. އާދެ، އައްސައްޔިދާ ރުބައްޔަޢު އާބެހޭ ގޮތުން ރިވާވެފައިވެއެވެ.

" ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އެކަމަނާ ވަރަށްގިނަ ފަހަރަށް ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވިއެވެ. ޝަހީދުންގެ ހަށިކޮޅުތަކަށް ފަރުވާދެއްވައި އުޅުއްވިއެވެ. ޝަހީދުން ހަށިކޮޅުތައް މަދީނާއާށް ގެންނަވާން މަސައްކަތް ކުރެއްވިއެވެ." (އުސުދުލް ޣާބާފީމަޢުރިފަތިއްޞަޙާބާ " (107/4

އައްސައްޔިދާ އުއްމު ޢަޠިއްޔާ އަންޞާރިއްޔާ ރަޟިޔަﷲ ޢަންހާއާ ބެހޭގޮތުން މުއައްރިޚުން ލިޔުއްވައިފައިވެއެވެ. "އެކަމަނާއަކީ ޖާހިލިއްޔަޒަމާނުގައިވެސް އިސްލާމީ ދައުރުގައިވެސް ޢާއްމުބަލިތަކާއި އޮޕަރޭޝަންތަކުގެ މަޝްހޫރު މާހިރާއިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. (ތާރީޚުއްޠިއްބު އަހުމަދު ޝައުކަތު އައްޟާޠީ ،ޞަފުޙާ 130)

ޚުދު އުއްމުޢަޠިއްޔާގެ އަރިހުން ރިވާވެފައިވެއެވެ. " އަހަރެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ހަނގުރާމަތަކުގައި ބައިވެރިވަމެވެ. އަހަރެން ސިފައިންނަށް ކައްކައިދެމެވެ. ސިފައިން ކޭމްޕާ ދުރުގައި ތިބޭ އިރު ކޭމްޕް ބަލަހައްޓައިދެމެވެ. ޒަޚަމީންނަށް ފަރުވާދީ ބަލިމީހުންނަށް ބޭސްކޮށްދެމެވެ." (ޠަބަޤާތުލް ކުބުރާ،އިބްނު ސަޢުދު" (307/6

ފާހަގަކުރެވޭ އެކިއެކި ހަނގުރާމަތަކުގައި ޒަޚަމީންގެ ގައިކޮޅުގައި ބޭސްއަޅުއްވައި ދެއްވައި ޢާއްމުބަލިތަކަށް ފަރުވާދެއްވި ބޭބޭކަނބަލުންގެ ވާހަކަވެސް އިސްލާމީ ތާރީޚުގައި ޞަރީޙުކޮށް ބަޔާންކުރެވިފައިވެއެވެ. އެގޮތުން ނުސައިބާ ބިންތި ކަޢުބު އަލްމާޒިނިއްޔާ އަލް އަންޞާރިއްޔާއާ ބެހޭގޮތުން ތާރީޚު ފޮތްތަކުގައިވެއެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައި ވަނީ އުއްމު ޢައްމާރާގެ ނަންފުޅުންނެވެ. އެކަމަނާ ބަދުރު ހަނގުރާމާގައި ޒަޚަމީ ޞަޙާބީންގެ ގައިކޮޅުގައި ބޭސްއަޅުއްވައި ޞިއްޙީ ފަރުވާދެއްވައި އުޅުއްވިއެވެ. (އައްޠިއްބު އިންދަލް ޢަރަބު، އަޙްމަދު ޝައުކަތު އައްޝަޠީ، ސަފުޙާ :56)

(ނުނިމޭ)

comment ކޮމެންޓް