އަދްނާން ސާމީގެ އަންހެން ދަރިފުޅުގެ ނަމަކަށް މަދީނާ

އަދްނާން ސާމީ އާއި އޭނާގެ އަންހެނުން --

ޕާކިސްތާނަށް އުފަން ކުޅަދާނަ ލަވަކިޔުންތެރިޔާ އަދްނާން ސާމީގެ ފުރަތަމަ އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ މަދީނާ ކަމަށް ހާމަކޮށްފި އެވެ.

އަދްނާންގެ އަންހެނުން ރޯޔާ ފަރްޔާބީ އެދެމީހުންގެ ފުރަތަމަ ދަރިފުޅު ވިހާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. މިއީ އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު ނަމަވެސް، އަދްނާންގެ ފުރަތަމަ ކައިވެނިން އޭނާއަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.

އެންމެ ފަހުން ލިބުނު ދަރިފުޅަށް މަދީނާ ކިޔާފައި ވާއިރު ފިރިހެން ދަރިފުޅަށް ކިޔާފައި ވަނީ އަޒާން އެވެ.

އަންހެން ދަރިއަކު ލިބުނުކަން ހާމަކޮށް އަދްނާން އާންމު ކުރި ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ އެ ދެމަފިރިން ތިބީ އަންހެން ކުއްޖަކު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ.

އަދި އެ ދަރިފުޅުގެ ސަބަބުން އޭނާއަށް ލަވަކިޔަން އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި، އެ ދަރިފުޅަކީ އޭނާގެ ދުނިޔެ ކަމަށެވެ.

އަދްނާންގެ އަންހެނުން އަދި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް ވަނީ ބުނެފައެވެ.

މިޔުޒިކްގެ ދާއިރާއިން ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ އަދްނާން، ރޯޔާ އާއި ކައިވެނި ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ.

comment ކޮމެންޓް