ކެޓްރީނާ ވެސް 'ތަގްސް އޮފް ހިންދުސްތާން' އާ ގުޅިއްޖެ

އާމިރު ޚާން އަދި އަމީތާބް ބައްޗަން އާ އެކު 'ތަގްސް އޮފް ހިންދުސްތާން'ގެ ކާސްޓާ ކެޓްރީނާ ކައިފް ވެސް ގުޅިއްޖެ އެވެ.

އެކަން ހާމަކޮށްފައި ވަނީ އާމިރު ކުރި ޓުވީޓެއްގައެވެ. އާމިރު ވަނީ ކެޓްރީނާ އަކީ ފިލްމުގެ އެންމެ ފަހު "ތަގް" ކަމަށް ބުނެ އޭނާއަށް މަރުހަބާ ކިޔައިފައެވެ.

ކެޓްރީނާ މިވަގުތު ހުރީ ސަލްމާން ޚާން އާއެކު 'ޓައިގާ ޒިންދާ ހޭ' ގެ ޝޫޓިން އަށް އަބޫ ދާބީގައެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ އެ ފިލްމަކީ 2012 ވަނަ އަހަރު ރިލީޒް ކުރި 'އެކް ތާ ޓައިގާ'ގެ ސީކުއެލް އެވެ.

'ތަގްސް އޮފް ހިންދުސްތާން' ވެގެން ދާނީ ކެޓްރީނާ އާއި އާމިރު އެކުގައި ފެނިގެންދާ ދެވަނަ ފަހަރަށެވެ. ކެޓްރީނާ އާއި އާމިރު ވަނީ 'ދޫމް 3' ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.

އެ ފިލްމަކީ މެގަސްޓާރ އަމީތާބް ބައްޗަން އަދި އާމިރު އެކުގައި ފެނިގެންދާ ފަހަރު ނަމަވެސް، ކެޓްރީނާ އާއި އަމީތާބް ވަނީ މީގެ ކުރިން އެކުގައި މަސައްކަތް ކޮށްފައެވެ.

އަމީތާބް، އާމިރު އަދި ކެޓްރީނާގެ އިތުރުން 'ދަންގަލް' އިން މަގުބޫލުކަން ހޯދި ބަތަލާ ފާތިމާ ސަނާ ޚާން ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓު ކުރާ އެ ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ދިވާލީ އާ ދިމާކޮށެވެ.

comment ކޮމެންޓް