ރޫނީއަށް ހައްގުވާވަރަށް ތައުރީފެއް ނުކުރޭ!

މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް ވޭން ރޫނީ: އޭނާއަކީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ --- ފޮޓޯ/ އޭޕީ

ވޭން ރޫނީގެ ނަމަކީ ދުނިޔޭގެ ފުޓްބޯޅައިގައި އާ ނަމެއް ނޫނެވެ. އެ ނަން ގިނަ ބަޔަކަށް އެނގެނީ އެއް އިރެއްގައި އިނގިރޭސި ފޯވަޑް ވޭން ރޫނީގެ ނަން މަޝްހޫރުވެގެން ދިއުމުންނެވެ. ނަމަވެސް މިހާރު އެ ނަން ފަނޑުވަމުންދަނީ ރޫނީއަށް ތައުރީފްކޮށް ވާހަކަދައްކާ މީހުން މަދުވުމުންނެވެ.

ރޫނީގެ ނަން މިހާރު އިނގިރޭސި މީޑިއާގައި ވެސް ދައްކަނީ ވަރަށް މަދުންނެވެ. ރޫނީއަކީ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެގެންދިޔަ ނަމަވެސް، ހަގީގަތުގައި އެ ނަން ފަނޑުވެގެންދާންވީ އެއްވެސް ސަބަބެއް ނެތެވެ. ބައެއް މީހުން މިއަދު ރޫނީ ބަލައިނުގަތް ކަމުގައިވިޔަސް، އިނގިރޭސި ގައުމީ ޓީމަށް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޓީމަށް ހަގީގަތުގައި ރޫނީއަކީ އަދިވެސް ބަޠަލެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް ވޭން ރޫނީ ޕެނަލްޓީއެއް ފޮނުވާލަނީ: އޭނާއަކީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ --- ފޮޓޯ/ އޭޕީ

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކްލަބު ޔުނައިޓެޑްގެ ބަޠަލް އަދި ގައުމީ ބަޠަލުގެ ގޮތުގައި ފާހަގަކޮށްލެވޭ ރޫނީއަށް ތައުރީފް ހައްގުކަމުގައި ވިޔަސް، އޭނާއަށް ތައުރީފްކުރާ ބަޔަކު ނެތޭ ބުނަމަކީ ވެސް މިއަދު ކުށަކަށް ނުވާނެއެވެ. ރޫނީ ރެކޯޑެއް މުގުރާލިޔަސް އެ ވާހަކަ އެހާ ގިނައިން ދައްކަން ބޭނުންނުވަނީ ކަމަށް ވެސް ވެދާނެއެވެ.

ވޭލްސްގެ ފުޓްބޯޅަ ލެޖެންޑް ރޮބީ ސަވޭޖް ވެސް ސިފަކުރާގޮތުގައި، ރޫނީއަކީ މީހުން އެންމެ ތައުރީފްނުކުރާ ނުވަތަ ބަލައިނުގަންނަ އިނގިރޭސި ކުޅުންތެރިޔާއެވެ. ސަވޭޖް ބުނީ، އަދިވެސް ރޫނީއަކީ ކުރީގެ ރޫނީ ކަމަށާއި އޭނާއަކީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ކަމަށެވެ.

"އޭނާއަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް. ރޫނީއަކީ ކުރިއެކޭ އެއްގޮތަށް އަދިވެސް ވަރަށް ގަދައަޅައި މަސައްކަތްކުރާ ކުޅުންތެރިއެއް. ރޫނީއަކީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި އެންމެ ބަލައިނުގަންނަ ކުޅުންތެރިޔާ،" އުމުރުން 31 އަހަރުގެ ރޫނީއާ ގުޅޭގޮތުން ބީބީސީ ރޭޑިއޯ 5 ލައިވްގައި ވާހަކަދައްކަމުން ސަވޭޖް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް ވޭން ރޫނީ(މ): އޭނާއަކީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ --- ފޮޓޯ/ އޭޕީ

ރޫނީއަށް ޔުނައިޓެޑްގެ ޓީމުން ޖާގަ ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނީ މިސީޒަނުގައި އެ ކްލަބުގެ ކޯޗުކަމާ ހޯސޭ މޮރީނިއޯ ހަވާލުވުމަށްފަހުއެވެ. ކްލަބުގެ ކެޕްޓަން ރޫނީއަށް މިސީޒަނުގައި އެޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އެންމެ 22 މެޗުގައެވެ. އެކަން އެހެން އޮތްއިރު މިސީޒަނަށްފަހު އެހެން ކްލަބަކަށް ރޫނީ ބަދަލުވާނެ ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ.

އޯގަސްޓް 2004ގައި 27 މިލިއަން ޕައުންޑަށް އެވަޓަންއިން ޔުނައިޓެޑާ ގުޅުނު ރޫނީ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި 13 އަހަރުދުވަހު ތެރޭގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދައި، ރެކޯޑްތަކެއް ވެސް މުގުރާލައިފައެވެ. އެ މުއްދަތުގެ ތެރޭގައި ރޫނީ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު ފަސް ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގަކާއި، އެފްއޭ ކަޕަކާއި، ތިން ލީގު ކަޕް އަދި ކްލަބު ވޯލްޑް ކަޕެއް ވެސް ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑު، ރޫނީ މުގުރާލީ ވެސް މިސީޒަނުގެ ތެރޭގައެވެ. ބޮބީ ޗާލްޓަން ހަމަކުރި 250 ލަނޑުގެ ރެކޯޑު ރޫނީ މުގުރާލީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެ ރެކޯޑު މުގުރާލި މެޗަށްފަހު ކޯޗު މޮރީނިއޯ އަދި ބޮބީ ޗާލްޓަން ވެސް ބުނީ، "ރޫނީއަށް އެ ކްލަބުގެ ރެކޯޑު ފޮތުން ޖާގަ ލިބުން ހައްގު" ކަމަށެވެ. ރޫނީ ވަނީ މިހާތަނަށް ޔުނައިޓެޑަށް ޖުމްލަ 252 ލަނޑު ކާމިޔާބުކޮށްފައެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގެ ޖާގައެއް ކަށަވަރުވުމުން ޔުނައިޓެޑްގެ ކުޅުންތެރިންނާއެކު އުފަލުގައި ރޫނީ ބައިވެރިވަނީ: ރޫނީއަކީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ --- ފޮޓޯ/ އޭޕީ

ރޫނީ ވަނީ 2015 ވަނަ އަހަރު އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް މުގުރާލައިފައެވެ. އޭގެ ކުރިން އެ ރެކޯޑު ވެސް ހަދާފައިވަނީ އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ޗާލްޓަންއެވެ. ރޫނީ ވަނީ ގައުމީ ޓީމަށް ކުޅުނު 119 މެޗުން 53 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޫނީގެ ކުރިމަގާމެދު ވާހަކަދައްކަމުން މިދިޔަ ބުދަ ދުވަހު އޭނާ ބުނީ، 13 އަހަރު ހޭދަކުރި ޔުނައިޓެޑުގައި އަދިވެސް ހުންނަން ބޭނުންވާ ކަމަށާއި ފުޓްބޯޅަ ކުޅެން ވެސް ބޭނުންވާ ކަމަށެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގު މެޗުގައި ގިނަ ބަދަލުތަކަކާއެކު ރޭ ޔުނައިޓެޑް ފެނުނު ނަމަވެސް، ރޫނީއަށް ކުޅެލަން ފުރުސަތު ލިބުނީ މެޗު ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށެވެ. އެގޮތަށް ކަންތައްވެގެންދިޔަ ނަމަވެސް، ސެލްޓާ ވިގޯ އަތުން 2-1 ލަނޑުގެ އެގްރިގޭޓުން މޮޅުވެ ޔުނައިޓެޑަށް ފައިނަލުން ޖާގައެއް ލިބުމުން އެ އުފަލުގައި ރޫނީ ބައިވެރިވިއެވެ. ކޮންމެ ގޮތެއް ވިޔަސް ރޫނީއަކީ ލެޖެންޑެކެވެ. އޭނާއަށް ހައްގުވާ ވަރަށް ތައުރީފްކުރަން އެބަޖެހެއެވެ. ބަލައިގަންނަން އެބަޖެހެއެވެ.

comment ކޮމެންޓް