ނުވަ ނަމްބަރާހެދި ބަލަކާއި އަޑުބަރޭގެ މޫނު ކެނޑިފައި!

ދިވެހި ޤައުމީ ޓީމްގެ މެނޭޖަރު ކަމާ އަލަށް ހަވާލުވި އަލީ ވަހީދު )ބަލަކް( އަކީ އެ މަޤާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ޒުވާން ފޯވާޑް އަދި ސިޔާސީ ދަނޑުގައި ބަލަކްގެ ގާތް އެކުވެރިޔާ، އަސްއަދު އަލީ )އަޑުބަރޭ( ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާ އާއި ދެކޮޅަށް ނުކުމެ ރާއްޖެ ރޭ ހަމަހަމަ ނަތީޖާއެއް ނެރެފައި ވަނިކޮށް ސަން އަށް ދިން އިންޓަވިއުއެއްގައި އަޑުބަރޭ ބުނީ، މެޗް ފެށެން ކުޑަތަންވެފައި ވަނިކޮށް ސްކޮޑުން އޭނާ ބާކީ ކުރި ކުރުމަކީ ޓީމްގެ މެނޭޖްމަންޓުން ނިންމި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ސްކޮޑުން ބާކީކޮށް ޓީމްގެ މެނޭޖަރު މީޑިއާގައި ދެއްކި ވާހަކައަކީ ވެސް މެނޭޖަރެއްގެ ކުފޫ ހަމަނުވާ ވަރުގެ ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.

"ޖޯޒީ ނަންބަރު ނުވަ އަކީ ފެށުނީއްސުރެ އަހަރެން އަބަދު ވެސް ޤައުމީ ޓީމުގައި ކުޅެމުން އަންނަ ނަންބަރު. އަހަންނަށް ނުވައެއް ނުދީ ވަކި ޓޮމްއަކަށް ނުވައެއް ނުދެވޭނެ. ބޭރު ދުނިޔޭގެ ފުޓްބޯޅައިގަ ވެސް ކަންތައް ކުރާގޮތަކަށް ނޫން އަލީ ވަހީދު ކަންތައް މިކުރީ. އަހަރެން ޤަބޫލުކުރާ ގޮތުގައި އަލީވަހީދު އަހަންނާމެދު އެންމެ ފަހުވަގުތު އެ ނިންމި ނިންމުމަކީ އޭނާގެ މައްޗަށް ވަކި މީހަކު ބާރުފޯރުވައިގެން ކޮށްފައިވާކަމެއް ކަމަށް ޤަބޫލްކުރަން،" ފާއިތުވި ހަތަރު އަހަރު ވެސް ޤައުމީ ޓީމަށް ކުޅުނު އަޑުބަރޭ ބުންޏެވެ.

މެދުކެނޑުމެއް ނެތި މީގެ ކުރިން ޤައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދަމުން އައި އަޑުބަރޭ ބުނީ، އިންޑިއާ މެޗުން ބާކީ ކުރީ ޖޯޒީ ނަންބަރުގެ މައްސަލާގައި ކަމަށާއި އަހުލާގީ މައްސަލައެއްގައި އެއް ނޫން ކަމަށެވެ. ސްކޮޑުން ބާކީ ކުރި މައްސަލައިގައި ގިނަ މިޑިއާ ތަކުން ގުޅިކަމުގައި ވިޔަސް، ކުރިން މީޑީއަށް ފުރަގަސް ދިނީ ރޭގެ މެޗަށް އަސަރުތަކެއް ކޮށްފާނެތީ ކަމަށް ވެސް ބަލަކާއެކު ޑީއާރްޕީން ވަކިވެ އެމްޑީޕީއަށް ބަދަލުވި އަޑުބަރޭ ބުންޏެވެ.

އަޑޭ ބުނީ، ކުރިއަށް އޮތް ތާނގައިވެސް ޖޯޒީ ނަންބަރު ނުވައެއް ނޫދޭ ނަމަ ޤައުމީ ޓީމަށް ނުކުޅޭނެ ކަމަށާއި އެހެންނަމަވެސް ޤައުމަށް ހިދުމަތް ކޮށްދޭން ބޭނުން ކަމަށެވެ.

"ޤައުމަށް ހިދުމަތްކޮށްދެން ވަރަށް ބޭނުން. ފުޓްބޯޅައިން ޤައުމަށް ރީތި ނަމެއް ހޯދާދޭން ވެސް ވަރަށް ބޭނުން. މިހާރުވެސް ޖޯޒީނަންބަރު ނުވައެއް ދޭނަމޭ ބުނެފިނަމަ އަހަރެން ދާނަން. ކުޅެންވެސް ކުޅޭނަން،" ފާއިތުވި ހަތަރު އަހަރު ޤައުމީ ޓީމަށް ކުޅެ ފަސް ގޯލް ޓީމަށް ކާމިޔާބު ކޮށްދީފައިވާ އަޑުބަރޭ ބުންޏެވެ.

ޤައުމީ ޓީމްގެ މެނޭޖަރު ބަލަކް ވިދާޅުވީ، އަޑުބަރޭ ދީފައިއެވާ އިންޓަވިއުއަށް އަދި އެއްވެސް ކޮމަންޓެއް ދޭން ބޭނުންފުޅު ނުވާ ކަމަށެވެ.

އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޤައުމީ ޓީމް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. އަދި މިމެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭ ދެ މެޗަށް ތައްޔާރުވުމަށް ކުޅުނު ރަހުމަތް ތެރި ކަމުގެ މެޗެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު