ޔުނައިޓެޑާއި އަޔެކްސް ފައިނަލަށް

ޔޫރޮޕާ ލީގުގެ ފައިނަލުގެ ޖާގައެއް ކަށަވަރުވުމުން ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ: ސެލްޓާގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ 2-1 ލަނޑުގެ އެގްރިގޭޓުން --- ފޮޓޯ/ އޭޕީ

ޔޫރޮޕާ ލީގުގެ ފައިނަލުން އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކްލަބު މެންޗެސްޓާ ޔުނައިޓެޑާއި ނެދަލެންޑްސްގެ އެންމެ ކާމިޔާބު ކްލަބު އަޔެކްސް ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި މިރޭ ސްޕެއިންގެ ސެލްޓާ ވިގޯއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު މެޗުން 1-1 ލަނޑުގެ ނަތީޖާއަކުން ޔުނައިޓެޑް އެއްވަރުވި ނަމަވެސް، ފައިނަލުގެ ޖާގައެއް ޔުނައިޓެޑް ހޯދީ 2-1 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

މިރޭ ކުޅުނު އެ މެޗުގެ ކުރީކޮޅު ޔުނައިޓެޑާއި ސެލްޓާއަށް ވެސް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ސެލްޓާގެ އިއާގޯ އަސްޕާސް ފޮނުވާލި ހަމަލާ ކީޕަރު ސާޖިއޯ ރޮމޭރޯ މަތަކުރިއިރު، މެޗުގެ 11 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ހުނަރު ދައްކާލުމަށްފަހު މާކަސް ރަޝްފާޑަށް ލިބުނު ބޯޅަ، އޭނާއަށް ނިންމާލެވިފައެއް ނުވެއެވެ.

ޔޫރޮޕާ ލީގުގެ ސެމީގެ ދެވަނަ ލެގުގައި ޔުނައިޓެޑާއި ސެލްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-1 ލަނޑުން އެއްވަރުވި ނަމަވެސް، ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދީ 2-1 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން --- ފޮޓޯ/ އޭޕީ

މެޗުގެ 17 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މާކަސް ރަޝްފާޑް ދިން ބޯޅައަކުން ޔުނައިޓެޑަށް ލީޑު ހޯދައިދިނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު މާރުއާން ފެލައިނީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ސެލްޓާއިން ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި، ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ގިނަ ފުރުސަތުތަކެއް ނާކާމިޔާބުވި ސެލްޓާއަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. ތިއޯ ބޮންގޮންޑާ ދިން ބޯޅައަކުން ސެލްޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފަކުންޑޯ ރޮންކަގްލިއާއެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ރެފްރީ ވަނީ ދެ ޓީމުގެ ކުޅުންތެރިޔަކަށް ވެސް ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލައިފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން ރަތް ކާޑު ދައްކާފައިވަނީ ޔުނައިޓެޑްގެ އެރިކް ބެއިލީ އަދި ސެލްޓާގެ ރޮންކަގްލިއާއަށެވެ.

ޔޫރޮޕާ ލީގުގެ ސެމީގެ ދެވަނަ ލެގުގައި އަޔެކްސްއާއި ލިޔޯން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ލިޔޯން ކާމިޔާބުކުރި ނަމަވެސް އަޔެކްސް ފައިނަލުން ޖާގަ ހޯދީ 4-5 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން --- ފޮޓޯ/ އޭޕީ

މިރޭ ރަށުން ބޭރުގައި ކުޅުނު ސެމީގެ ދެވަނަ ލެގު މެޗުގައި ފްރާންސްގެ ލިޔޯން އަތުން 3-1 ލަނޑުގެ ނަތީޖާއަކުން އަޔެކްސް ބަލިވި ނަމަވެސް، އެޓީމު ފައިނަލުގެ ޖާގައެއް ހޯދީ 4-5 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

އެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ އަޔެކްސްއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި އަމީން ޔޫނުސް ދިން ރީތި ބޯޅައަކުން އަޔެކްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެސްޕާ ޑޮލްބާގްއެވެ. އޭނާ ވަނީ އެ ބޯޅަ ވަރަށް ރީތިކޮށް ލިޔޯންގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ލިޔޯންއިން ވަނީ ދެ ލަނޑުޖަހައި ލީޑު ހޯދައިފައެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިޔޯންއަށް އަލެކްސެންޑާ ލަކަޒެއްޓޭ ނަތީޖާ ހަމަހަމަކޮށްދިންއިރު، އިތުރުވަގުތުކޮޅު ތެރޭގައި ލިޔޯންއަށް ލީޑު ހޯދައިދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ލަކަޒެއްޓޭއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ލިޔޯން ކުރީގައި އޮވެގެންނެވެ.

ޔޫރޮޕާ ލީގުގެ ސެމީގެ ދެވަނަ ލެގުގައި އަޔެކްސްއާއި ލިޔޯން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ލިޔޯން ކާމިޔާބުކުރި ނަމަވެސް އަޔެކްސް ފައިނަލުން ޖާގަ ހޯދީ 4-5 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން --- ފޮޓޯ/ އޭޕީ

މެޗުގައި ލިޔޯންއިން ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށެވެ. މާސިއޭ ރައިބަސް ނަގައިދިން ހުރަހަކުން ލިޔޯންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ރާޝީދް ގެޒާލްއެވެ. ލިޔޯންއިން އެ ލަނޑު ޖެހިތާ ތިން މިނެޓްފަހުން އަޔެކްސްގެ ނިކް ވިއާގެވާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ވެސް ދައްކާފައިވެއެވެ.

ޔޫރޮޕާ ލީގުގައި ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި އަޔެކްސް ބައްދަލުކުރާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

comment ކޮމެންޓް