އެޕަލްގެ މާކެޓް ކެޕިޓަލައިޒޭޝަން 800 ބިލިޔަން ޑޮލަރަށް!

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ---

ހިއްސާގެ ބާޒާރުގައި އެޕަލް ކުންފުނީގެ ހިއްސާތަކުގެ އަގު 800 ބިލިޔަން ޑޮލަރަށް އަރައި، އެކުންފުނި އިތުރަށް ވަރުގަދަވެއްޖެއެވެ.

އެޕަލް އިންކޯޕަރޭޓަޑަކީ 800 ބިލިޔަނަށް ވުރެ ބޮޑު މާކެޓް ކެޕިޓަލައިޒޭޝަނެއް ހާސިލުކުރި، އެމެރިކާގެ އެންމެ ފުރަތަމަ ކުންފުންޏެވެ.

މާކެޓް ކެޕިޓަލައިޒޭޝަނަކީ ހިއްސާގެ ބާޒާރުގައި ހުރި ކުންފުނީގެ ހިއްސާގެ އަދަދާއި، އެ ހިއްސާގެ އަގު ގުނަކުރުމުން ލިބޭ އަދަދެވެ. އެއީ ކުންފުނީގެ އައުޓްސްޓޭންޑިންގް ހިއްސާތަކުގެ އަގެވެ. މާކެޓް ކެޕިޓަލައިޒޭޝަނަކީ ކުންފުނީގެ ސައިޒު ދެނެގަތުމަށް އިންވެސްޓަރުން ބޭނުންކުރާ މިންކުރުމެކެވެ.

އަންގާރަ ދުވަހު އެޕަލްގެ މާކެޓް ކެޕިޓަލައިޒޭޝަން 800 ބިލިޔަން ޑޮލަރަށް އެރި އިރު، މިވަގުތު އެޕަލްގެ ހިއްސާއެއްގެ އެވަރޭޖް އަގަކީ 160 ޑޮލަރެވެ. މީގެ ތިން މަސް ކުރިން އަގު ހުރީ 153 ޑޮލަރުގައެވެ.

އެޕަލްގެ ހިއްސާގެ އަގު އިތުރުވެ، ކުންފުނި އިތުރަށް ތަރައްގީވަމުންދާ އިރު، މާލީ ދާއިރާގެ މާހިރުން ލަފާކުރަނީ މިއަހަރު ނިމުމުގެ ކުރިން އެޕަލްގެ މާކެޓް ކެޕިޓަލައިޒޭޝަން އެއް ޓްރިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ.

comment ކޮމެންޓް