އިންތިހާބު ކާމިޔާބު ނުކުރެވުނީ އެތެރޭގެ މައްސަލަތަކުން: އަބްދުއްރަހީމް

އަބްދުއްރަހީމް: އޭނާ ވިދާޅުވީ ކައުންސިލް ތަކުގެ އިންތިހާބް ޕީޕީއެމްއަށް ގެއްލުނޫ އެތެރޭގެ މައްސަލަތަކުގެ ސަބަބުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ނުކުރެވެނީ ޕީޕީއެމްގެ އެތެރޭގައި ހުރި މައްސަލަތެއްގެ ސަބަބުން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން މަސްވަރާތަކެއް ކުރުމަށް މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ އެ އިންތިހާބުގައި ޕީޕީއެމް ނުކުތީ ރައީސް ޔާމީނާއެކު ގިނަކަންޏާ ކަމަށާއި އެ ނަތީޖާ ރިޔާސީ އިންތިހާބާ ގުޅެމެއް ނޯންނާނެ ކަމަށެވެ.

"މީގަ ދިމާވި ތަފާތު އެކި މައްސަލަތައް އެބަހުރި. އެންމެ ބޮޑު މައްސަލައެއްކަމަށް އަޅަގުނޑުމެނަށް ފާހަގަކުރެވިފައި އޮތީ އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން އަޅުގަނޑުމެނާ ދިމާވި މައްސަލަތެކެއް. އެއީ ޕީޕީއެމްގެ ޓިކެޓްގައި ތިން ހަތަރު ކެނޑިޑޭޓުން ނުކުމެފައި ހުރި ތަންތާނގައި އެބަހުރި ޕީޕީއެމްގެ މެމްބަރުން އަމިއްލަ ގޮތުން ނުކުމެފައި،" އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އަބްދުއްރަހީމް ދެއްކެވީ އޭނާ ނިސްބަތްވާ ލ. ފޮނަދޫގެ ރަށު ކައުންސިލެވެ. އެ ކައުންސިލަށް ދިހަ ކެނޑިޑޭޓުން ކުރިމަތިލިއިރު އޭގެ ތެރޭގައި ޕީޕީއެމްގެ ތިން ކެންޑިޑޭޓުންނާ އެމްޑީޕީގެ ކެނޑިޑޭޓަކާ އެކު ހަތަރު މިނިވަން ކެނޑިޑޭޓުން ކުރިމަތިލިއެވެ. އަނެއް ދެ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓުންނެވެ. އަދި އެ ދާއިރާއިން ހޮވިފައި ވަނީ ޕީޕީއެމްގެ ދެ ކެނޑިޑޭޓުންގެ އިތުރުން މިނިވަން ކެންޑިޑޭޓެކެވެ.

"އެމްޑީޕީގެ އިތުރުން ދެން ތިބީ ކެނޑިޑޭޓުންގެ ތެރޭގައި ގިނައީ ޕީޕީއެމްގެ މެމްބަރުން. އެހެންވީމަ ވާ ގޮތަކީ ޕީޕީއެމްގެ މެމްބަރުންވީމަ އެ އާއިލާތަކުގެ ވޯޓް އެދަނީ މިނިވަން ކެންޑިޑޭޓަށް. ނަތީޖާއަކަށް މިވަނީ ޕީޕީއެމްގެ ރަސްމީ ޓިކެޓުގައި ނުކުންނަ މީހުންނަށް ފުރުސަތު ކުޑަވެގެން ދިއުން. އެންމެ ބޮޑުކޮށް އަޅުގަނޑުމެނަށް މިއަދުގެ ހިސާބުތަކުން މި ފެނުނީ އަޅުގަނޑުމެން އަޅުގަނޑުމެނަށް ހެދުނު މިސްޓޭކްތަކަކުންނޭ މިހެން ދިމާވާން ޖެހުނީ،" އޭނާ ވިދާޅުވި އެވެ.

ކަރަންޓާއި ކާޑުގެ އަގަށް ގެނައި ބަދަލާ އެކު ރައްޔިތުން ނުރުހުންވެފައި ހުރިކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެކަހަލަ ކަންތައްތަކެއް ހުރި ނަމަވެސް މިއަދުގެ ސަރުކާރުން ދެމުންދާ ހިދުމަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރައްޔިތުންގެ އިތުބާރު އޮތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް ސަން އޮންލައިންގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު ބޮޑު ތަފާތަކުން ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީއެވެ.

ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ އެ އިންތިހާބްގެ ތަފާސް ހިސާބްތަކައް ބަލާއިރު ޕީޕީއެމް ބަލިވިކަމަށް ގަބޫލު ނުކުރާ ކަމަށާއި އިދިކޮޅު އެމްޑީޕީއަށް "މޮޅުވެގެން އުޅެވޭ ވަރުގެ ނަތީޖާ" އެއް ވެސް ނުލިބޭ ކަމަށެވެ.

"މިނިވަން ކެންޑިޑޭޓުންގެ ތެރޭގައި އެބަ ހިމެނޭ 100 އަށްވުރެން ގިނަ ކެނޑިޑޭޓުން. އެމްޑީޕީއޭ ކިޔައިގެން މި ނިކުތީ އިދިކޮޅު ހުރިހާ ލީޑަރުން އެކީގައި. ޕީޕީއެމް މި ނިކުތީ ރައީސް ޔާމީން އެކަނި ގިނިކަންޏާ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިނިވަން ކެނޑިޑޭޓުންގެ ތެރެއިން ކައުންސިލަށް ހޮވުނު ގިނަ ކެނޑިޑޭޓުންނަކީ ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ކަމަށާއި އެ ކެނޑިޑޭޓުންނާއި ޕީޕީއެމް އިން އިންތިހާބުވި ކެންޑިޑޭޓުން އެއްކޮށްލުމުން އެމްޑީޕީއަށް ވުރެން ގިނަ ގޮނޑި ލިބޭނެ ކަމަށެވެ. އެ ކެންޑިޑޭޓުން ވަރަށް އަވަހަށް ޕީޕީއެމާ ގުޅޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް