އިންޑިއާގައި ޝޯ ދިނުމަށްފަހު ވަރަށް ސިއްރުން ޖަސްޓިން ބީބާ ރާއްޖެ އަތުވެއްޖެ

ޖަސްޓިން ބީބާރ ރޭ އިންޑިއާގައި ދިން ކޮންސެޓްގެ ތެރެއިން --- ފޮޓޯ/ ޓްވިޓާ

ކެނެޑާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަރ އިއްޔެ އިންޑިއާގެ މުމްބާއީގައި ކޮންސެޓެއް ބޭއްވުމަށްފަހު، ވަރަށް ސިއްރު ގޮތަކަށް ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ.

އަންގާރަ ދުވަހު ޖަސްޓިން ބީބަރ އިންޑިއާއަށް ދިޔައީ އޭނާގެ "ޕަރޕަސް" ޓުއާގެ ތެރެއިން، އިންޑިއާގައި ބާއްވާ ޝޯ ދިނުމަށެވެ.

އިއްޔެ މުމްބާއީގައި އޭނާގެ ޝޯ ބޭއްވުމަށްފަހު، "ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ އައީ ރާއްޖެއަށެވެ.

ޖަސްޓިންގެ ޕްރައިވެޓު ޖެޓު ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ދަންވަރު 1:00 ގައި ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން "ސަން"އަށް ބުންޏެވެ. އަދި އެއަށްފަހު، މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި އޭނާ ދަތުރުކުރީ ބ. ދަރަވަންދޫ އެއާޕޯޓަށް ކަމަށް އެފަރާތުން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މެއި 13 ވާ ހޮނިހިރު ދުވަހާ ހަމައަށް ޖަސްޓިން ރާއްޖޭގައި ދުވަސް ހޭދަކުރާ އިރު، އޭނާ ހުންނަނީ ބައިނަލްއަގުވާމީ ހޮޓެލް ޗެއިނަކުން ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައެވެ.

ޖަސްޓިން ބީބާރ ރޭ އިންޑިއާގައި ދިން ކޮންސެޓްގެ ތެރެއިން --- ފޮޓޯ/ ޓްވިޓާ

ރޭ މުމްބާއީގައި "ޕަރޕަސް" ޓުއާގެ ކޮންސެޓް ބޭއްވުމަށްފަހު، ޖަސްޓިން "ވީނުވީއެއް ނޭނގި ގެއްލުނީ" ކަމަށް އެ ކޮންސެޓް އިންތިޒާމުކުރުމަށް އިންޑިއާ ފަޅިން މަސައްކަތްކުރި އޯގަނައިޒަރުން ބުންޏެވެ. ޖަސްޓިން އިންޑިއާގައި ހުރި ކަމެއް، ނުވަތަ އިންޑިއާއިން ފުރިކަމެއް މިހާތަނަށްވެސް އިންޑިއާ ފަޅީގެ ކޮންސެޓް އޯގަނައިޒަރުންނަކަށް ނޭނގޭ ކަމަށް ހިންދުސްތާން ޓައިމްސްއިން މިރޭ ރިޕޯޓު ކޮށްފައިވެއެވެ.

"އާދީއްތަ ދުވަހުގެ ރޭވެސް އެނާ މުމްބާއީގައި ހުންނަ ގޮތަށް ކުރިން އޮތީ. އެކަމަކު ފަހުން އެ ޕްލޭންވެސް ބަދަލުވީ. ޖަސްޓިން މިކޮޅުގައި ކުރި ގިން ކަންކަމަކީ ކުރިން ޕްލޭންކޮށްފައި ހުރި ކަންކަމެއް ނޫން. އޭނާ ކުރިއާލައި ނުބުނެ އެކަންކަން ބަދަލުކުރީވެސް،" ކޮންސެޓް އޯގަނައިޒްކުރުމުގައި އުޅުނު ފަރާތަކުން "ޓައިމްސް އޮފް އިންޑިއާ"އަށް ބުންޏެވެ.

ޖަސްޓިން ބީބާރ ރޭ އިންޑިއާގައި ބޭއްވި ކޮންސެޓް ބޭއްވި ސްޓޭޑިއަމް ފުރިފައި --- ފޮޓޯ/ ޓްވިޓާ

ޖަސްޓިންގެ ރޭގެ ކޮންސެޓާ މެދު، އޭނާގެ ފޭނުން ތިބީ ވަރަށް ހިތްހަމަނުޖެހިފައެވެ. ސަބަބަކީ، އޭނާ ޝޯގައި ލަވަ ކިޔުމުގެ ބަދަލުގައި "ލިޕް ސިންކް" ކުރުމުންނެވެ.

ނަމަވެސް މުމްބާއީގެ ޑީވައި ޕާޓިލް ސްޓޭޑިއަމްގައި ޖަސްޓިން ބޭއްވި ކޮންސެޓަކީ އިންޑިއާގައި މިހާތަނަށް ބައިނަލްއަގުވާމީ އާޓިސްޓަކު ދިން ޝޯއެއްގައި އެންމެ ގިނަ މީހުން ބައިވެރިވި ފަހަރެވެ.

ޖަސްޓިންގެ އިންޑިއާ ދަތުރުގައި އޭނާ ވަނީ މުމްބާއީގެ ނިކަމެތި އާއިލާތަކެއްގެ ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު ވަގުތު ހޭދަކޮށްފައެވެ.

comment ކޮމެންޓް