މިދިޔަ އަހަރު ދުވާލަކު 15 ކައިވެނި ކުރި އިރު، 10 ވަރިކޮށްފައިވޭ!

ރަށެއްގެ މަގުމަތިން ބަޔަކު ހިނގާފައި ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ވާތުވެ ދިޔަ އަހަރު ރާއްޖޭގައި ނިސްބަތުން ދުވާލެއްގެ މައްޗަށް 15 ކައިވެނި ކޮށްފައިވާ އިރު، ދުވާލަކަށް 10 ވަރި ކޮށްފައިވާ ކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ވޭތުވެ ދިޔަ އަހަރުގެ ވަރި ކައިވެނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 5488 ކައިވެނި ވަނީ ކޮށްފަ އެވެ. އެގޮތުން ފެމިލީ ކޯޓުގައި 2304 ކައިވެނި ރެޖިސްޓްރީ ކޮށްފައިވާ އިރު މެޖިސްޓްރޭޓް ކޯޓުތަކުގައި ރަޖިސްޓްރީކޮށްފައިވާ 3184 ކައިވެންޏެވެ. ދެހާސް ފަނަރަ ވަނަ އަހަރާ އަޅާ ބަލާ އިރު 2016 ވަނަ އަހަރު ކައިވެނި ކޮށްފައިވާ މިންވަރު މަދެވެ.

ވޭތުވެ ދިޔަ އަހަރު ދެ އަންބަށް 165 ކައިވެނި ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކައިވެނި ތަފާސް ހިސާބު - 2016

  • ޖުމްލަ 5488 ކައިވެނި

  • އެއް އަންބަށް 5273 ކައިވެނި

  • ދެ އަންބަށް 165 ކައިވެނި

  • ބިދޭސީ އަންހެނުންނާ 34 ދިވެހިން ކައިވެނި ކުރި

  • ބިދޭސީ ފިރިހެނުންނާއި 24 ދިވެހިން ކައިވެނި ކުރި

އެންމެ ގިނައިން ކައިވެނި ކުރި އުމުރުފުރާތަކަށް ބަލާއިރު ފިރިހެނުންގެ ތެރެއިން އެންމެ ގިނައިން ކައިވެނި ކޮށްފައި ވަނީ އުމުރުން 26 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ.

އަދި އަންހެނުންގެ ތެރެއިން އެންމެ ގިނައިން ކައިވެނިކޮށްފައި ވަނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ތަފށް ހިސާބުތަކުން ދައްކަ އެވެ. ވޭތުވެ ދިޔަ އަހަރު އުމުރުން 18 އަހަރުން ދަށުގެ 16 ކުއްޖަކު ކައިވެނިކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ވޭތުވެ ދިޔަ އަހަރު ކައިވެނި ކުރި މީހުންގެ ތެރޭގައި ހިމެނެނީ އަލަށް ކައިވެނި ކުރި 2773 މީހުންނާއި ކުރިން މީހަކާ އިނދެ ވަރި ކުރުމަށް ފަހު އަލުން ކައިވެނި ކުރި 2716 މީހުންނެވެ.

މިދިޔަ އަހަރުގެ ވަރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ޖުމްލަ 3417 ވަރި ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ވަރިވެފައި ވަނީ 26 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ވަރީގެ ތަފާސް ހިސާބު - 2016

  • ޖުމްލަ 3417

  • އެންމެ ގިނައިން ވަރިވެފައި ވަނީ 26 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން

  • ޤާނޫނާ އެއްގޮތަށް ކޮށްފައިވަނީ 1460 ވަރި

  • ޤާނޫނާ ޚިލާފަށް 1850 ވަރި ކޮށްފައިވޭ

އާންމުކޮށް ވެސް ރާއްޖެއަކީ ވަރި ގިނަ ގައުމެއްކަން ދިރާސާތަކުން ދައްކަ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ވޭތުވެ ދިޔަ އަހަރު ވަރީގެ އަދަދު 2015 ވަނަ އަހަރަށްވުރެ ވެސް ގިނަ ކަމެވެ.

comment ކޮމެންޓް