ޓްރާންސްފާ މައްސަލަ ފީފާއިން ބެލިނަމަވެސް ޕޮގްބާއަށް އޭގެ އަސަރެއް ނުކުރާނެ: މޮރީނިއޯ

ޓްރާންސްފަރ މައްސަލަ ފީފާއިން ބަލަމުން ދިޔަ ނަމަވެސް، ޕައުލް ޕޮގްބާއަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނޭ ކަމަށް، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނޭ -- ފޮޓޯ: ފުޓްބޯލް.ކޮމް

ދުނިޔޭގެ ރެކޯޑް ފީއަކަށް މެންޗެސްޓާ ޔުނައިޓެޑަށް ގެނައި ފްރާންސްގެ ތަރި ޕައުލް ޕޮގްބާގެ ޓްރާންސްފަރ މުއާމަލާތް ހިނގައިދިޔަ ގޮތް ފީފާއިން ތަހުގީގުކުރަމުން ދިޔަ ނަމަވެސް އެކަމުގެ ސަބަބުން ޕޮގްބާއަށް ނޭދެވޭ އަސަރެއް ނުކުރާނޭ ކަމަށް އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި މިރޭ އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯއާ ދެކޮޅަށް މެންޔޫ ނުކުންނަން ހަމަޖެހިފައިވާއިރު، މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންފަރގައި 89 މިލިއަން ޕައުންޑުގެ ފީއަކަށް ޔުވެންޓަސް އިން ޔުނައިޓެޑަށް ޕޮގްބާ ބަދަލުވި މުއާމަލާތް އިތުރަށް ތަހުގީގުކުރަމުންދާކަން ފީފާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕޮގްބާގެ ޓްރާންފަރ މައްސަލަ ފެންމަތިވެފައި މިވަނީ، "ފުޓްބޯލް ލީކްސް: ދަ ޑާރޓީ ބިޒްނަސް އޮފް ފުޓްބޯލް"ގެ ނަމުގައި އަލަށް ޝާއިރުކުރި ފޮތެއްގައި އެ ޓްރާންސްފަރއާ ގުޅޭ ކަންތައްތަކެއް ހާމަކުރުމުންނެވެ.

ފްރާންސްގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ޔުވެންޓަސް އިން ޔުނައިޓެޑަށް ބަދަލުވުމަށް 89 މިލިއަން ޕައުންޑުގެ ފީއެއް ދީފައިވާއިރު، އޭގެ ތެރޭން ފީފާއިން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާގޮތުން، މި ޓްރާންފަރ މުއާމަލާތުން ޕޮގްބާގެ އޭޖެންޓް މިނޯ ރަޔޯލާއަށް 41 މިލިއަން ޕައުންޑް ލިބިފައިވެއެވެ.

މިހާރު އުމުރުން 24 އަހަރުގެ ޕޮގްބާ އަކީ، 2009 ވަނަ އަހަރު ފްރާންސްގެ ލެ ހާވްއިން ޔުނައިޓެޑާ ގުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް 2012 ވަނަ އަހަރު އޭނާ ވަނީ 1.5 މިލިއަން ޕައުންޑްގެ އަގަކަށް ޔުވެންޓަސްއާ ގުޅިފައެވެ. އަލުން ޔުނައިޓެޑަށް ޕޮގްބާ ގެނައުމަށްޓަކައި އެ ކްލަބުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ ސެލްޓަ ވީގޯއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ޕޮގްބާ ކުޅޭނެއެވެ.

ޓްރާންސްފަރ މައްސަލައާ ގުޅިގެން ޕޮގްބާގެ ކުޅުމަށް އެއްވެސް ނުރަނގަޅު އަސަރެއް ކޮށްފާނެތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި މޮރީނިއޯ ބުނީ، " ތިއީ ވަރަށް ފަސޭހަ ސުވާލެއް. ޕައުލްއަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ،" ކަމަށެވެ.

comment ކޮމެންޓް