އިބްތިހާލުގެ މައްސަލާގައި ދަައުވާ ލިބޭ މީހުންނާ ދެކޮޅަށް ގިނަ ހެކިތަކެއް

ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް --

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ދައުލަތުގެ މުވައްޒަފުންނާ ދެކޮޅަށް އަދި ދިފާއުގައި ގިނަ ހެކިތަކެއް ހުށަހަޅައިފި އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ފުރަތަމަ ހެކި ހުށަހަޅާފައި ވަނީ ވ. އަތޮޅު ޕޮލިސް ސްޓޭޝަން ކޮމާންޑަރުގެ މަގާމުގައި ހުންނެވި ލިސާން އަބޫބަކުރުގެ މައްްޗަށެވެެ. އޭނާގެ މައްޗަށް ހުށަހަޅާފައިވާ ހެކިތަކުގެ ތޭރޭގައި ލިސާން ތަހުގީގަށް ދީފައިވާ ބަޔާނާއި، ލިސާންގެ ވަޒީފާގެ ބަޔާނާއި، އިބްތިހާލުގެ މަރުގެ ލިޔުމާއި ހޮސްޕިޓަލުގެ ބަލިމީހުންގެ ރަޖިސްޓްރީ ވެސް ވަނީ ދައުލަތުން ހުށަހަޅާފަ އެވެ.

އޭގެ އިތުރުން، ވ. ރަކީދޫއަށްދިޔަ ތިން ފުލުހެއް ވެސް ވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އެ ތިން ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ، އެ ތިން މީހުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ، ރަކީދޫއަށް ދިޔައިރު އިބްތިހާލުގެ ހާލަތު ހާލަތު ސާފު ކުރުމަށެވެ. އެ ތިން ފުލުހުން ވަނީ ހެކިންގެ ގޮތުގައި ލިސާންގެ ފަރާތުން ވެސް ހުށަހަޅާފަ އެވެ. އެ ފުލުހުން ހެކިންގެ ގޮތުގައި ލިސާންގެ ފަރާތުން ހުށަހަޅާފައި ވަނީ، ކަނޑުދަތުރު ކުރާ އުޅަނދެއް ނެތުމުން އުޅަނދެއް ހޯދުމަށް މަސައްކަތް ކުރިކަން ސާބިތު ކުރުމަށެވެ. އޭގެ އިތުރުން އިބްތިހާލު މަންމަ، އާފިޔާގެ ބަޔާން ވެސް ވަނީ ހުށަހަޅާފަ އެވެ.

ލިސާންގެ ފަރާތުން އިންވެސްޓިގޭޝަން އޮފިސަރެއް ނެތުމުން އިންވެސްޓިގޭޝަން އޮފިސަރެއް ހަމަޖައްސައިދިނުމަށް އެދި ޑިވިޝަން ކޮމާންޑަރަށް ދެންނެވި ކަމަށް ބުނާ ސިޓީ ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި ލިސާންގެ މަސްއޫލިއްޔަތުތައް ސާފުކޮށް ދިނުމަށާއި، ވަޒީފާގެ ޒިންމާތައް ސާފު ކުރުމަށް އޭނާގެ ވަޒީފާގެ ބަޔާންވެސް ވަނީ ހުށަހަޅާފަ އެވެ.

އޭގެ އިތުރުން، 29 ޑިސެމްބަރު 2014 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ލިސާން ކޮށްފައިވާ ފޯނު ކޯލް ތަކުގެ ތަފްސީލާއި ރިކޯޑިން ހޯދައިދިނުމަށް ޝަރީއަތުގެ ކިބައިން ވަނީ އެދިފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ، ހެކީގެ ގޮތުގައި ކޯލްތަކުގެ ތަފްސީލު ހުށަހަޅަން ބޭނުން ނަމަ އެ ހޯދަން ޖެހޭނީ އެ ފަރާތަކުން ކަަމަށެވެ.

ލިސާނާ ދެކޮޅަށް ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާއިރު، ޖެންޑާ މިނިސްޓްރީގެ މައްސަލަތައް ބަލާ ސެކްޝަންގެ ވެރިޔަކަށް ހުންނެވި ފ. ފީއަލީ ގުލްއަލާމާގެ މުހައްމަދު ޝަކީބާއި، އެ ސެކްޝަނުގެ ސުޕަވައިޒަރަކަށް ހުންނެވި ގއ. ދެއްވަދޫ، ނަސްރީނުގޭ މުހައްމަދު ރަޝީދުގެ މައްޗަށް ވެސް ހުށަހަޅާފައި ވަނީ ގާތްގަނޑަކަށް ހަމަ އެއް ހެކި ތަކެކެވެ.

ލިސާންގެ މައްޗަށް ހުށަހެޅި ހެކިތަކުގެ އިތުރުން ޝަކީބާއި ރަޝީދުގެ މައްޗަށް ހުށަހަޅާފައިވަނީ، އެ ދެމީހުންނާއި، ޝުޒާދު އަދި ޝިޔާޒާ ގެ ވަޒީފާގެ ބަޔާނެވެ.

ޝަކީބުގެ ފަރާތުން ދިފާއުގައި ހުށަހަޅފައިވާ ހެކިންގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ކޮންސަލްޓަންޓް ސުޕަވައިޒަރަކާއި، ކުރީގެ ޖެންޑާ މިނިސްޓަރު މުހައްމަދު އަނިލް ހިމެނެ އެވެ.

ރަޝީދުގެ މައްޗަށް ހެކި ހުށަހަޅާފައިވީ ނަމަވެސް، އޭނާގެ ވަކީލު ތަނާޒުލް ވެފައިވާތީ ދިފާއުގައި މިއަދު ހެކި ހުށަހަޅާފައެއް ނުވެ އެވެ. އޭނާ ވަނީ އިތުރު ވަކީލަކު ހޯދުމަށް ފަސްދުވަހުގެ މުއްދަތަކަށް އެދިފަ އެވެ. އެ ފުރުސަތު ގާޒީ ވަނީ ދެއްވާފަ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ދެން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުގަ އެވެ.

comment ކޮމެންޓް