ސެމީން ބަލިވިޔަސް، ފައިނަލުގައި ކުޅޭނެއޭ ބުނީ 'ގުއި ރޯނު'ގައި ޖައްސަން: ނިހާން

އެމްޑީއޭގެ ޖަގަހައިގައި ނިހާން ވާހަކަފުޅު ދައްކަވަނީ: ނިހާން ކުރެއްވި ޓްވީޓެއްގެ ފޯރި ވަނީ ގަދަވެފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން، އެ ކަމަށް އިޝާރާތް ކުރައްވައި ސެމީ ފައިނަލުން ޕީޕީއެމް ބަލިވިޔަސް ފައިނަލުގައި އެމްޑީޕީއާ ދެކޮޅަށް ކުޅޭނެ ކަމަށް ވިދާޅުވެ، ޓްވީޓު ކުރެއްވީ އެމްޑީޕީ މެމްބަރުން "ގުއި ރޯނު"ގައި ޖެއްސުމަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ސިލްސިލާ ޖަގަހަ ޖަލްސާތައް ފެށުމުގެ ގޮތުން، އެމްޑީއޭގެ ޖަގަހަގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން މިރޭ ވިދާޅުވީ، ސިޔާސީ ގޮތުން އެމްޑީޕީ މެމްބަރުން ހާވިޔާ ކޮށްލުމަކީ އޭނާ އާއްމުކޮށް ކުރައްވާ ކަމެއް ކަމަށެވެ. އަދި ހަމަ އެގޮތަށް ޓްވީޓެއް ކުރައްވާއިރު، ވަރަށް ފަސޭހައިން އެމްޑީޕީގެ މެމްބަރުން 'ގުއި ރޯނު'ގައި ޖެހޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ސެމީ ފައިނަލަށް ވީ ގޮތެއް ނޭނގިގެން އެނބުރޭ ބަޔަކުވެސް އުޅޭ ކަމަށެވެ.

"ހަމަ ނޭނގޭ ބަޔަކު އޭގެ ފަހަތުން ދުވާނެ، އެއަށް ވީނުވީ ގޮތެއް ނޭނގިގެން. އެއަށް ކިޔަނީ އާއްމު ގޮތެއްގަ ސިޔާސީ ގޮތުން ގުއި ރޯނުގަ ޖެއްސުން. އަޅުގަނޑު ވަރަށް އާއްމުކޮށް ކުރާ ކަމެއް އެމްޑީޕީ މެމްބަރުން ހާވިޔާ ކޮށްލުމަށްޓަކައި ކޮންމެވެސް ޓްވީޓެއް ކޮށްލުން. ހަމަ ކޮށްލީ ގުއި ރޯނުގަ ޖެހޭނެ،" ނިހާން ވިދާޅުވި އެވެ.

ނިހާންގެ ވާހަކަފުޅު ދިފާއު ކުރައްވައި ފިޝަރީޒް މިނިސްޓަރު ޝައިނީ ރޭ ވިދާޅުވީ 'ސެމީ ފައިނަލް މެޗެއްގައި ބަލިވުމަށް ފަހު ވެސް ފައިނަލަށް ދެވޭނެ ގޮތެއް އޮންނަ' ކަމަށާއި 'އެގޮތަކީ މޮޅުވި ޓީމު ޑިސްކޮލިފައިވުން' ކަމަށެވެ.

ނިހާން ވިދާޅުވީ، މާޒީގައި އޮޅުވާލި މީހުންނާއި ގުނބޯ ހެއްދި މީހުންނަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އެގޮތުން ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ، އެއްކޮޅުން އަނެއްކޮޅަށް ދިފާއުކުރަން ދުވިއިރު ދެއްކި ވާހަކައިގެ ނަތީޖާ މިއަދު ބެލި އިރު، ފެނުނީ ދެ ބޭފުޅުން އެކުގައި އެއް ކަމެއް ނިންމަވަން ތިއްބެވިތަން ކަމަށެވެ.

"އެއްކޮޅުން އަނެއް ކޮޅަށް ދިފާއު ކުރަން ދުވި އިރުގަ އެއެއް މިއެއް ނުބަލާ ދެއްކި ވާހަކައިގެ ނަތީޖާ މިއަދު ބަލާލި އިރު އެއްކަލަ ދެ ބޭފުޅުން މި ތިއްބެވީ ހަމަ އެއް ދިމާލަކުން ތެލާ ފެނާ އެއްވެގެން އެއްތާކު އެއް ކަމަކަށް ނިންމަން. އެހެންވީމަ އެ ބޭފުޅުންގެ އަމިއްލަ ބޭނުމަކަށް ކަމެއް ހާސިލް ކުރަން ޖެހިއްޖެ ކަމުގައި ވާނަމަ އަޅުގަނޑުމެން ބޭނުން ކޮށްލާފަ އާދައިގެ ޓިޝޫ ޕޭޕަރަކުން ތުން ފުހެލާފަ އެއްލާލާ ބީދައިން އަޅުގަނޑުމެން މި އެއްލަނީ،" ނިހާން ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ބޮލަށް ފިތާފަ ތިބޭ ތާވަޅަކީ ދެވޭ ނުދެވޭ ތަކެއް ނޭނގޭ އެއްޗެއް ކަަމަށާއި، އެގޮތަށް އެނބުރި އެނބުރި ތިއްބާ ބޭނުންވާ ކަންތައް ހާސިލްކޮށް ނިންމާލާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުން އަޅުގަނޑުމެން ހާސިލްކޮށް ނިންމާލާނަން. އެއީ ﷲ އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު،" ނިހާން ވިދާޅުވި އެވެ.

ސިލްސިލާ ޖަލްސާ ތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ފެށި ޖަލްސާގައި ގިނަ އަދަދެއްގެ މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

comment ކޮމެންޓް