އަލީމް އަނެއްކާވެސް ފުލުހަށް ހާޒިރުވުމަށް އަންގައިފި

މީގެ ކުރިން ޕީއެމްގެ މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ފުލުސް އޮފީހަށް ހާޒިރުކުރިއިރު އޭނާ އާއި އެކު އަލީމް ފުލުސް އޮފީސް ދޮރުމަތީ މަޑުކޮށް ލައިގެން---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުން ތަހްގީގް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.

މީގެ ކުރިން ދެ ފަހަރެއްގް މަތިން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ އަލީމް މިފަހަރު ހާޒިރުވާން އެންގީ މާދަމާ ރޭ 8:30 އަށެވެ. އަލީމް ހާޒިރުވާން އެންގި ޗިޓްގައި ވަނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

ފުރަތަމަ ފަހަރު އަލީމް ފުލުހަށް ހާޒިރުކުރީ ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުކޮށެވެ. އަދި ދެވަނަ ފަހަރު އޭނާ ފުލުހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެމުންދާ ކަމުގެ ތުހުމަތުގައެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެ ކުރިން ހުށަހަޅާފައި ވަނިކޮށް މެންބަރުންނަށް ރިޝްވަތު ހުށަހަޅައި، ރިޝްވަތުގެ ފައިސާ ގޭގައި ބަހައްޓާފައި ހުރި ކަމަށް ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަލީމް ދިރުއުޅެމުން ދިޔަ ގ.އުފުރިޔާ ބަލައި ފާސްކޮށް އޭނާގެ ފޯނު ތިން މަސްދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ ދެ މައްސަލައިގެ ތަހްގީގް ފުލުހުން ކުރަމުންދާއިރު އަލީމް ބުނީ މާދަމާ އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަންގާފައި ނުވާ ކަމަށެވެ.

އަލީމްގެ މައްޗަށް ވަނީ ދާދި ފަހުން ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ، 85،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަލީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ޕީޕީއެމާ ގުޅޭ ގޮތުން މީގެކުރިން އެ ކޯޓުންކޮށްފައިވާ ހުކުމަށް ތަބާވުމެއް ނެތި އަމަލުކޮށްފައިވާ ކަމަށް ބުނެ އެވެ. އަދި އަލީމް ވަނީ އެ ފައިސީ އިއްޔެ ކޯޓަށް ދައްކާ ހަލާސް ކޮށްފައެވެ.

comment ކޮމެންޓް