ކުނި މެނޭޖްކުރުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅަނީ

މިނިސްޓަރު ޠާރިގް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުނި މެނޭޖްކުރުން ނުވަތަ ވޭސްޓް މެނޭޖްކުރުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި ކުރިއަށް އޮތްތާގައި ހިންގަން ނިންމާފައިވާ މުހިންމު މަޝްރޫތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޠާރިގް ވިދާޅުވީ، އެ ބިލުގެ ބޭނުމަކީ ގާނޫނެއްގެ ބާރުވެރިކަމުގެ ދަށުން ކުނި މެނޭޖްކުރުމުގެ ގަވާއިދުތައް ތަންފީޒުކުރުން ކަމަށެވެ.

އެގޮތުން އެ ބިލް މިހާރު ޑްރާފްޓްކޮށް ނިންމައި، މިނިސްޓްރީން ހޯދަން ޖެހޭ ހުރިހާ މައުލޫމާތެއް ހޯދައި، ސްޓޭކްހޯލްޑަރުންނާ އެކު ކުރަންޖެހޭ މަސައްކަތްތައް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެ ބިލު މިހާރު އެޓާނީ ޖެނެރަލްއަށް ފޮނުވާފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އެ އޮފީހުން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ބިލް މަޖިލީހަށް ފޮނުއްވަވާނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ނިމި، އަވަސް މުސްތަގުބަލެއްގައި ބިލު ގާނޫނަކަށް ބަދަލުވާނޭ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖްކުރުމުގައި މިހާތަނަށް ގަވާއިދުތަކެއް ހެދިފައި އޮތީ އެއްވެސް ގާނޫނީ ބާރުވެރިކަމެއް ނުހިނގާ ގޮތަށް ކަމަށްވުމުން، ކުނި މެނޭޖްކުރުމުގައި ގަވާއިދުތައް ތަންފީޒު ކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން ކުނި މެނޭޖްކުރުމާ ބެހޭ ބިލުގެ މުހިންމު ކަމަކީ ގާނޫނީ ބާރެއް ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުތަކަށް ހިންގައި، ރަންގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް ހުރިހާ ފަރާތްތަކަށް ބާރު އެޅުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ގާނޫނުގެ ދަށުން ބައިސްކަލުތަކުގައި ކުނި އުފުލުން މަނާކޮށް، މަގުތަކަށް ކުނި އެޅުމުގެ އަދަބެއްގެ ގޮތުން ހަރުކަށި އުސޫލުތަކެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

comment ކޮމެންޓް