ރޯދަމަހު ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތައް މިނިސްޓްރީން ހަމަޖައްސައިފި

ސްކޫލް ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ރޯދަ މަހު ރާއްޖޭގައި ހިންގާ ސްކޫލް މަދަރުސާތަކުގައި ކިޔަވައިދޭނެ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައި، އެކަމުގެ ސާކިއުލާ ސްކޫލްތަކަށް ފޮނުވައިފި އެވެ.

މި އަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަލަންޑަރުން ދައްކަނީ މިހިނގާ މެއި މަހުގެ 27 ވަނަ ދުވަހެވެ. މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ހެނދުނުގެ ދަންފަޅި އާއި މެންދުރު ފަހުގެ ދަންފަޅި ފަށާނެ ގަޑިއާއި ވަކިވަކިން ގްރޭޑްތަކަށް ކްލާސްތައް ނަގާނެ ގަޑީގެ ދިގުމިން ވަނީ އަންގަވާފަ އެވެ.

އެގޮތުން ހެނދުނު ދަންފަޅި ފަށާނެ ގަޑިއެއްކަމަށް މިނިސްޓްރީން ކަނޑައަޅާފައި ވަނީ ހެނދުނު 8:40 އާއި 9:00 އާއި ދެމެދުގެ ވަގުތެކެވެ. އަދި މެންދުރު ފަހުގެ ދަންފަޅި ހެނދުނު 11:30 އިން މެންދުރު ފަހު 13:00 އާ ދެމެދުގެ ވަގުތެއްގައި ފަށާގޮތަށް ހަމަޖެއްސިދާނެ ކަމަށް މިނިސްޓްރީގެ ސާކިއުލާގައިވެ އެވެ.

މިނިސްޓްރީން ބުނީ މެންދުރު ފަހުގެ ދަންފަޅި ފަށާގަޑި ހަމަޖައްސާނީ މެންދުރު ނަމާދަށް ވަގުތު ދެވޭގޮތަށް ކަމަށާއި މެންދުރު ފަހުގެ ކިޔަވައިދިނުމުގެ ވަގުތު ހަމަޖައްސާނީ 15:00ގެ ކުރިން ނިންމާ ގޮތަށް ކަމަށެވެ.

ދަންފަޅީގެ ދިގުމިން ބަހާލާފައި ވަނީ އެކި ގްރޭޑްތަކަށް އެކި ވަރަށެވެ. އެގޮތުން ގްރޭޑް އެކެއް އިން ފެށިގެން ހަތަކަށް ދަންފަޅީގެ ދިގުމިނަކީ ދެގަޑިއިރާއި 30 މިނެޓެވެ. އަދި ގްރޭޑް އަށަކުން 10 އަށް ދަންފަޅީގެ ދިގުމިނަކީ ތިން ގަޑިއިރެވެ. އަދި ގްރޭޑް 11 އާއި 12 އަށް ދަންފަޅިއެއްގެ ދިގުމިނަކީ ހަތަރު ގަޑިއިރެވެ.

އޭގެ އިތުރުން ޕްރީ ސްކޫލް އެލްކޭޖީ އާއި ޔޫކޭޖީގެ ދަންފަޅިތަކަށް ބަލާ އިރު، ދަންފަޅިއެއްގެ ދިގުމިން ހަމަޖައްސަން ވާނީ އެއް ގަޑިއިރާއި 30 މިނެޓަށް ވުރެ ކުރު ނުވާގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހެނދުނު ދަންފަޅީގައި ކިޔަވައިދޭ ޕްރީސްކޫލްތަކުގައި ކިޔަވައިދިނުމަށް ފަށަން ހަމަޖައްސަން ވާނީ ހެނދުނު 9:00 އިން ފެށިގެން ކަމަށް މިނިސްޓްރިން ބުންޏެވެ.

އަދި އެއް ދަންފަޅިއަށް ވުރެ ގިނަ ދަންފަޅީގައި ކިޔަވައިދޭ ސްކޫލްތަކުގައި ދަންފަޅިތަކުގެ ކިޔަވައިދިނުމުގެ ވަގުތު ހަމަޖައްސަވާނީ މެންދުރު ފަހުގެ 15:00ގެ ކުރިން ނިންމާގޮތަށް ކަމަށް ވެސް މިނިސްޓްރީގެ ސާކިއުލާގައިވެ އެވެ.

މިނިސްޓްރީން ބުނީ ސްކޫލްގައި ކޮންމެ މާއްދާއަކަށް ކިޔަވައިދޭ ވަގުތުތަކަކީ އާންމު މަސްތަކާ އަޅާބަލާ އިރު ކުރު ވަގުތުތަކެއްކަމުގައި ވާތީ، ގަޑިތަކުގެ ދިގުމިން 30 މިނެޓާއި 45 މިނެޓާ ދެމެދު ވަގުތެއް ދީގެން ސްކޫލުން އިންތިޒާމު ކުރުމަށް އެދޭ ކަމަށެވެ. އަދި ރޯދަ މަހު ކްލާސްތަކުގެ ޓައިމް ޓޭބަލް އެކުލަވާލާ އިރު، އެންމެ މަދުވެގެން ދެ ހަފްތާތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެގޮތަށް އިންތިޒާމުތައް ހަމަޖައްސަން މިނިސްޓްރީން އެދެ އެވެ.

ދަންފަޅިތައް ރާވާއިރު ވަގުތު ފާއިތު ނުވަނީސް ފަސޭހަކަމާ އެކު ނަމާދު ކުރެވޭނެގޮތް މުވައްޒަފުންނާއި ދަރިވަރުންނަށް ހަމަޖައްސައި، ވީހާ ވެސް އަވަހަށް މެންދުރު ފަހުގެ ދަންފަޅި ނިންމައި މުވައްޒަފުންނާއި ދަރިވަރުންނަށް ގެއަށް ދެވޭނެގޮތެއް ހެދުމަށް މިނިސްޓްރީން އެދެ އެވެ.

އޭގެ އިތުރުން ދަރިވަރުންނަށް ދީނީ މައުލޫމާތު ދިނުމުގެ ގޮތުން ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތަށް ދީނީ ހަރަކާތްތައް ރާވައި ހިންގުމާއި މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ ދެމެދުގެ މަގުތެއްގައި ސްކޫލްގެ އެއްވެސް ހަރަކާތެއް ނުބޭއްވުމާއި ރޭގަނޑުގެ ޕްރޮގްރާމްތައް ތަރާވީސް ނަމާދަށް އުނދަގޫވާނެ ގޮތައް ނުރޭވުމަށް ވެސް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް