ދިވެހި ޓީމް އޮތީ ސޮލިޑަރިޓީ ގޭމްސްއަށް ތައްޔާރުވެފައި: އެމްއޯސީ

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރާ ދިވެހި ޓީމް--

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރާ ދިވެހި ޓީމް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފިއެވެ.

މުބާރާތުގައި ވާދަކުރުމަށް އަޒަރުބައިޖާންގެ ބަކޫއަށް ދިވެހި ޓީމް ގޮސްފައިވާއިރު ޖުމުލަ ފަސް ކުޅިވަރެއްގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ މުޅި ޓީމްވެސް އޮތީ ތައްޔާރަށް ކަމަށާއި އުންމީދަކީ ރަނގަޅު ވަނަތަކެއް ހޯދުން ކަަމަށެވެ.

މި މަހުގެ 12 އިން 22 އަށް ކުރިއަށްދާ އެ މުބާރަތުަގއި ރާއްޖޭގެ 17 އެތުލީޓަކު ވާދަކުރާނެއެވެ.

މި މުބާރާތުގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނޭ ހަތް ބައިވެރިން އިއްޔެވަނީ އަޒަރުބައިޖާންގެ ބަކޫއަށް ދިޔުމަށް ފުރާފައެވެ. މިފަހަރުގެ ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނެނީ ފަސް ފިރިހެން ބައިވެރިންނެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ އެތުލީޓުންނަކީ، ހަސަން ސާއިދު އާއި އަޒްނީމް އަހްމަދާއި ހުސެއިން ފަޒީލް، ސަރީޝް އަޙްމަދު އަދި ޒައިދު ޝަރީފެވެ. މި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އަހްމަދު ފާއިލް އާއި ހުސައިން ހަލީމެވެ.

މީގެ އިތުރުން މިފަހަރުގެ މުބާރާތުގައި ސްވިމިންގް، ޓޭބަލް ޓެނިސް، ޝޫޓިންގެ އިތުރަށް ޓެނިސް ގައި ދިވެހި އެތުލީޓުން ވާދަ ކުރާނެއެވެ.

ރާއްޖެއިން އެ މުބާރާތުގައި ވާދަކުރާ ޑެލިގޭޓްގެ ޗެފް ޑެ މިޝަންގެ ގޮތުގައި މުހައްމަދު ސައީދު ހަމަޖައްސާފައިވާއިރު އޭނާގެ ނައިބަކަށް ހަމަޖައްސާފައި ވަނީ މުއުމިނާ އާދަމެވެ. އޮލިމްޕިކް ކޮމިޓީން ބުނީ މި ދެބޭފުޅުން އެ މަގާމުތަކަށް ހަމަޖެއްސީ އެ ކޮމިޓީގެ އެގްޒެކްޓިވް ކޮމިޓީން ކަަމަށެވެ.

ގޭމްސްގައި ވާދަކުރާ ޑެލިގޭޓްގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޑރ މުހައްމަދު ފަޔާޒް ރިޒާ އެވެ.

ބަކޫގައި 11 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހަތަރުވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި 57 ގައުމަކުން 4000 އަށް ވުރެ ގިނަ އެތްލީޓުން ވާދަކުރެއެވެ.

comment ކޮމެންޓް