ރޯދައަށް ފިޔާ އަލުވި އަދި ބިސް ގެނެސް، ހުކުރު ދުވަހު ވިއްކަން ފަށަނީ

އެސްޓީއޯ ސުޕަމާޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއިން ރޯދަ މަހަށް ޚާއްސަކޮށްގެން މިއަހަރުވެސް ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓްތަކެއް ގެނެސްފި އެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ހަފްތާ ބަންދު ތެރޭގައި އެތަކެތި ވިއްކަން ފަށާނެއެވެ.

ރޯދަ މަހުގައި ފިޔާ އަލުވި އަދި ބިސް ހުސްނުވާނެ ގޮތް ހެދުމަށް އެސްޓީއޯއިން ކޮންމެ އަހަރަކު ވެސް ގެންދަނީ، މިތަކެތީގެ ޝިޕްމެންޓުތަކެއް، ރޯދަ މަހަށް ޚާއްސަކޮށްގެން ގެންނަމުންނެވެ.

މިއަދު އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހަށް ގެންނަ ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓް މާލެއަށް ލިބިފައިވާ ކަމަށާއި ހުކުރު ދުވަހު އެސްޓީއޯއިން އެތަކެތި ވިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މާލެއިން އެތަކެތި ފޮނުވަންޖެހޭ އަތޮޅުތަކަށް ހޮނިހިރު ދުވަހުން ފެށިގެން ފޮނުވަން ފަށާނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން ވިދާޅުވި ގޮތުގައި މާލޭގެ އިތުރުން ރާއްޖޭގެ އުތުރުން ކުޅުދުއްފުއްޓަށާއި، ދެކުނުން އައްޑޫ ސިޓީއަށް ވެސް ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓް ލިބޭނެއެވެ. އަދި އެސަރަހައްދުގެ އަތޮޅުތަކަށް އެތަންތަނުން ތަކެތި ފޯރުކޮށްދޭނެ ކަމަށް އާޝާން ވިދާޅުވިއެވެ.

އާޝާން ވިދާޅުވީ މިހާރުވެސް މާލޭގެ ބާޒާރުގައި މިތަކެތި ރަނގަޅު އަގުގައި ލިބެން އެބަހުރި ކަމަށެވެ.

"މިހާރުވެސް މާލޭގެ ބާޒާރުގައި ފުދޭވަރަކަށް ފިޔާ އަލުވި އަދި ބިސް އެބަހުރި. އަގުތައްވެސް ރަނގަޅު، ބިސް ކޭހެއް އުޅެނީ 260 ރުފިޔާ، އެހާ ވަރުގައި. އަޅުގަނޑުމެން މަސައްކަތް ކުރާނަން ރޯދައަށް އެ އަގުތަކުގައި ލިބޭނެ ގޮތަކަށް ކަންކަން ރާވަން،"

އާޝާން ވިދާޅުވީ ފިޔާ، އަލުވި އަދި ބިސް މިއަހަރު ވިއްކުމުގެ ކަންކަން ރާވާފައިވަނީ އަމިއްލަ ފިހާރަތަކާ ގުޅިގެން ޕާޓްނަޝިޕްގެ އުސޫލުން ކަމަށާއި، އެސްޓީއޯއާ އެކު އެއްބަސްވެފައި ހުރި ތަންތަނުން އެތަކެތި އެއް އަގެއްގައި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝަހީރު ވިދާޅުވީ އެސްޓީއޯއިން މަސައްކަތް ކުރަނީ ރަނގަޅު އަގުތަކުގައި ހުސް ނުވެ، މުދާ ފޯރުކޮށްދިނުން ކަމަށާއި، އެސްޓީއޯއިން ރަނގަޅު އަގުތަކުގައި ތަކެތި ވިއްކުމުން މާކެޓުގައިވެސް އަގުތައް ރަނގަޅުވާ ކަމަށޭވެ.

"އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަނީ ލުއިފަސޭހަކޮށް، ހެޔޮ އަގުގައި ކާބޯތަކެތި، ޚާއްސަކޮށް ރޯދަ މަހު ގެނެސްދިނުން. މިއީ ޒަމާނުއްސުރެ އެސްޓީއޯއިން ކުރާ ކަމެއް،" ޝަހީރު ވިދާޅުވިއެވެ.

comment ކޮމެންޓް