ޑިފެންސް މިނިސްޓަރުގެ އިލްތިމާސް: ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ހުޝިޔާރުވޭ

ސުކޫލްތަކުގެ ޤުރުއާން މުބާރާތް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސޯޝަލް މީޑިއާގައި ހުންނަ މައުލޫމާތަކީ އެންމެ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކޮށް، ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ހުޝިޔާރުވުމަށް ގައުމުގެ ޒުވާނުންނަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިލްތިމާސް ކުރައްވައިފި އެވެ.

ސްކޫލްތަކުގެ ގްރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަގުތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފުމަށް އިސްލާމްދީން ބާރުއަޅާ ކަމަށެވެ.

ނަމަވެސް މިއަދު ގިނަ ބައެއްގެ އާދައަކީ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުން ކަމަށާއި އެކަމުގެ ސަބަބުން ހެޔޮލަފާ ކަންކަމުން ދުރުވެ، އެންމެ ރަނގަޅު ގޮތުގައި ވަގުތުގެ ބޭނުން ނުހިފި، ވަގުތު ބޭކާރު ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާގައި ކުރެވެމުންދާ މަސައްކަތްތަކަކީ އޭގެ ޒާތުގައި އެންމެ ރަނގަޅު ކަންކަމަށް ނުވުމަކީ އަދި އޭގައި ހުންނަ ވާހަކަތަކަކީ ތެދު މައުލޫމާތަށް ނުވުމަކީ އެކަށީގެންވާ ކަމެއް. އެކަމަށް ހުށިޔާރުވާން ޖެހޭ. ސޯޝަލް މީޑިއާގައި ހުންނަ މައުލޫމާތަކީ އެންމެ ސައްހަ ތެދުމައުލޫމާތުކަން ކަށްވަރުކުރަން ޖެހޭ،" ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ގައުމެއް ބިނާ ކުރުމުގައި ޒުވާނުންނަކީ ވަރަށް ހާއްސަ ދައުރެއް އަދާކުރާ ބައެއް ކަން ފާހަގަކުރައްވާ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ހަރުދަނާކަމާ އެކު ގައުމަށް ހިދުމަތްކުރުމުގެ އަޒުމްގައި ސްކޫލް ނިންމާ ދަރިވަރުންނަށް މިއަދުގެ ކިޔަވާ ކުދިން ވާން ޖެހޭ ކަމަށެވެ.

"މިއަދުގެ ކިޔަވާ ކުދިން މާދަމާގެ ޒުވާނުންނަށް ބަދަލުވެގެންދާއިރު.. ހުރިހާ ކުދިންނަކީ ސާބިތު ކަމާއެކީގައި މުސްތަގްބަލް ބިނާކުރުމުގައި ހެޔޮލަފާ ގައުމަށް ބޭނުންތެރި، ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ބަޔަކަށް ވުމަށް އަޒުމް ކަނޑައަޅަން ޖެހޭ،" ދަރިވަރުންނާ މުހާތަބުކޮށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް