ހުށައެޅީ 74 ޝަކުވާ، ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް: އިލެކްޝަން

މޭ 6، 2017: ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އިންތިޚާބުކުރާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އިއްޔެއާ ހަމައަށް 74 ޝަކުވާއެއް ހުށައެޅި އިރު އިންތިހާބުގެ ނަތީޖާ ބަދަލު އަންނާނެ ވަރުގެ ޝަކުވާއެއް ހުށަނާޅާ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ސަން އަށް ވިދާޅުވީ އިއްޔެއާ ހަމައަށް 74 ޝަކުވާއެއް ހުށައަޅާފައިވާ އިރު އޭގެ ތެރެއިން 50 ޝަކުވާއަކަށް ޖަވާބުދީ 24 ޝަކުވާއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ވޯޓްލާން ފެށުން ލަސްވުމާއި މަރުކަޒުތައް ހޫނުވުމުގެ އިތުރުން ބައެއް ވޯޓް ކަރުދާސްތައް މަދުވުމާއި އޮބަޒާވަރުންގެ އެކިއެކި މައްސަލަތައް ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ނަތީޖާއަށް ބަދަލު އަންނަ ވަރުގެ މައްސަލައެއް މިހާތަނަށް ހުށައަޅާފައެއް ނެތް،" އަކްރަމް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ އިންތިހާބުގެ ވޯޓްލުން ފެށުން ބައެއް ފޮށިތަކުން ވަނީ ލަސްވެފަ އެވެ. އަދި 4:00 ޖެހުމާ އެކު އާންމު އުސޫލުން ނިންމާލާގޮތަށް އޮންނަ ވޯޓްލުމުގ ވަގުތު އެދުވަހު އިރުއޮއްސި 6:00 އަށް އިތުރުކުރި އިރު ވޯޓްލާން ފެށުން ލަސްވި ފޮށިތަކުން ވަނީ 8:00 ޖެހުމާއި ހަމައަށް ވޯޓްލުން ކުރިއަށްގެންގޮސްފަ އެވެ.

މިފަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާފައި ވަނީ ހަތަރު ފަހަރެއްގެ މަތިން ފަސް ކުރުމަށްފަހުގަ އެވެ.

comment ކޮމެންޓް