ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބުގައި މީހަކު ވޯޓު ލަނީ -- ފޮޓޯ: ރޮއިޓާސް

ސޯލް (މެއި 9): ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭ މަގާމުން ދުރުކުރުމާ ގުޅިގެން އެގައުމުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

އިންތިހާބުގެ ކުރިން ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ލަފާ ކުރެވެނީ ވާތު ފިޔައިގެ މޫން ޖޭއިން އެވެ.

ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބު ބާއްވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލަ ހޫނުވެ، ގައުމުގައި ވަޒީފާ އަދާ ނުކުރާ މީހުންގެ އަދަދު ރިކޯޑު އަދަދަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކޮށްފައިވާ ޕާކްއާ ހިލާފަށް ކޮރެއަން ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓު މޫން އަކީ އުތުރު ކޮރެއާއާ އެކު މަޝްވަރާތައް ބޭއްވުމަށް ތާއިދު ކުރައްވާ ފަރާތެކެވެ.

އޭނާއަކީ ދެ ކޮރެއާ ދެމެދު ގުޅުން ރަނގަޅު ކުރުމަށް 1998 ވަނަ އަހަރާއި 2008ކާ ދެމެދު ގެންގުޅުނު "ސަންޝައިން ސިޔާސަތު" ޕްރޮމޯޓު ކުރައްވާ ފަރާތެކެވެ. ދެހާސްއަށް ވަނަ އަހަރު އެސިޔާސަތަށް އަމަލު ކުރުން ހުއްޓާލީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފެށުމުގެ ސަބަބުންނެވެ.

ދެހާސް ބާރަ ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި، ނާކާމިޔާބުވި މޫން ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލައަށް ހައްލެއް ނުގެނުވުނު ކަނާތު ފިޔައިގެ ކުރީގެ ދެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އަދި އުތުރު ކޮރެއާއިން ވެސް ވަނީ ނިމިގެން ދިޔަ ސަރުކާރަށް ފާޑު ކިޔާފަ އެވެ.

އުތުރުން ބުނާ ގޮތުގައި ފާއިތުވި 10 އަހަރު ތެރޭގައި އެގައުމާއި ދެކުނު ކޮރެއާއާ ދެމެދު އޮތް ގުޅުން މިހާރު އޮތް ހާލަތަށް ދިޔައީ ދެކުނު ކޮރެއާގެ ކަނާތު ފިޔައިގެ ގުރޫޕުތަކުގެ ސަބަބުންނެވެ.

ޮދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބުގައި 13 ކެންޑިޑޭޓުން ވާދަ ކުރައްވާ އިރު، ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ގައުމުގެ އިގުތިސާދު ރަނގަޅު ކުރުމަށާއި ވަޒީފާ އަދާ ނުކުރާ މީހުންގެ އަދަދު މަދު ކުރާނެ ކަމަށް ބުނެފަ އެވެ.

އޮބްޒާވަރުން ބުނާ ގޮތުގައި މިއަދު އިންތިހާބުގައި ގިނަ އަދަދެއްގެ މީހުން ދަނީ ބައިވެރިވަމުންނެވެ. އަދި މީގެ ކުރިއާ އަޅާ ބަލާއިރު ވޯޓުލާ ޒުވާނުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އޮބްޒާވަރުން ބުނެ އެވެ.

ވޯޓު ފޮށިތައް ބަންދު ކުރަން ނިންމާފައި ވަނީ އެގައުމުގެ ގަޑިން 20:00ގައި ކަމަށް އޮފިޝަލުން ބުނެ އެވެ.

ދެކުނު ކޮރެއާގެ ރައީސް ޕާކްއާ ދެކޮޅަށް މިހާރު ވަނީ ރިޝްވަތު ދިނުމާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާކޮށްފަ އެވެ. ޕާކްއާ ދެކޮޅަށްކޮށްފައިވާ ދައުވާތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ.

ޕްރޮސިކިއިޓަރުން ތުހުމަތު ކުރާ ގޮތުގައި ޕާކް ވަނީ އޭނާގެ ގާތް ރަހުމަތްތެރިޔެއް ކަމުގައިވާ ޗޮއި ސޫން ސިލް އެރަހްމަތްތެރިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަށް ފުރުސަތު ދެއްވާފަ އެވެ.

ރައީސާ ޕާކް މަގާމުން ދުރުކުރުމަށް ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އޭގެ ފަހުން މާޗް މަހުގެ 10 ވަނަ ދުވަހު އެ ގައުމުގެ ދުސްތޫރީ ކޯޓުން ވަނީ އެނިންމުމަށް ތާއިދުކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް