Sun Online

ބާޒީ

ލިޔުނީމުތައްހަރު އިބްރާހީމް (މުތާ)

''ޝާޢާއަށް ހަޤީޤަތް އެނގުން ދެން ރަގަޅުވާނީ... ކިތައް އަހަރުވަންދެން އަހަރުމެން އެކަންތައް ސިއްރުކުރަން އުޅުނީ؟... ކިތައް ދޮގު ހެދުނީ؟... އެކުއްޖާއަށް މިއަދު ހުރިހާ ކަމެއް އެނގުމުގެ ހައްގު އެބައޮތް... އޭނަގެ މައިންބަފައިންގެ މަރުގެ ހަގީގަތް ވެސް.... ކުރިމަތިވާން އުޅޭ އަނދިރި ދުވަސްތަކުގެ ހިލަން ވާން ޖެހޭނެ.... ދެން އިތުރަށް މިކަންތައް ސިއްރުނުވާނެކަން ޖާބިރަށް ހަމަ ނޭގެނީތަ؟... މިއަދު ޖާބިރު ތިވަނީ އަހަރުމެންނަށް ރައްކާތެރިކަން ޔަޤީންކޮށްދިނުމުގައި ނާކާމިޔާބުވެފައި...''

ހަދީޖާ ބުނެލިއެވެ. އެއާއެކު ހިތްހަމަނުޖެހިފައިވި ޖާބިރު ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. ހަދީޖާއަށް އޭނަ ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވުނީތީއެވެ. އޭނަ ވަނީ ކުރެވުނު ކުށްތަކަށް ހަދީޖާ ގާތުން މަޢާފަށް އެދި އާދޭސްކޮށްފައެވެ. އޭނަ މިހުރިހާ ދުވަހު މަސައްކަތްކުރީ ވެސް ހަދީޖާ އެދުނު ފަދައިން ޝާޢާގެ ރައްކާތެރިކަން ޔަޤީންކޮށް ދިނުމަށެވެ. އެވެސް ހަދީޖާގެ މަޢާފް އޭނައަށް ލިބޭތޯ އެވެ. ނަމަވެސް ހުރިހާ އަހަރެއް ވަންދެން އޭނަވި ޤުރުބާނީތަކުގެ އަގެއް ވެސް އާހިރުގައި ނެތެވެ. އޭނައަށް ހާސްކަން ލިބިފައިވި ދުވަހު ތުހުމަތުގެ އިނގިލި ދިއްއެކުރެވެނީ އޭނަ އަށެވެ. ޝާޢާއަށް ދެރަގޮތެއް ވާން އޭނަ ދުވަހަކު ބޭނުންވާނެ ހެއްޔެވެ؟

''ހަދީޖާއަށް ކީއްވެތަ ނުވިސްނިގެން ތިއުޅެނީ؟... އަހަރެން ބުނެފީމެއްނު ޝާޢާއަށް އެއްވެސް ކަމެއް އެނގުން މުހިންމެއް ނޫނޭ!، ދޭން ކީއްވެތަ އެޚިޔާލު ދޫކޮށްލަން ބޭނުންނުވެފައި ތިހުންނަނީ؟... ޝާޢާއަށް އަހަރެން ފުރިހަމަ ރައްކާތެރިކަން ދޭނަން!... މިވާހަކަ މިހާހިސާބުން ނިންމާލަން އުޅޭ...''

ޖާބިރަށް ބުނެވުނެވެ. އޭނަގެ އަޑު އިހުނަށްވުރެ ބާރެވެ. ހަދީޖާއަށް ކަމެއް ސާބިތުކޮށްދޭން އުޅޭ ކަހަލައެވެ. އޭނަ ފުންނޭވާތަކެއް ދޫކޮށްލީ ރުޅީގެ ބާރުވެރިކަން މުޅި ސިކުޑިއަށް ވެރިވެގަތުމުގެ ފުރުސަތު ނުދިނުމަށެވެ.

''ޖާބިރު ކިތަންމެ ރުޅި އަޔަސް ހަޤީޤަތެއް ބަދަލެއް ނުކުރެވޭނެ، އެކަން މިހާރު ޖާބިރަށް ހާމަވެއްޖެހެން މަށަށް ހީވަނީ...'' އިތުރަށް ޒުވާބުގަނޑު ހޫނުވެދާނެތީ ހަދީޖާ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އޭނަ ރުޅިގަދަވެފައިވީ ގެންފައި ހުރި ބިރާއި ކުރިމަތިލާނެ ގޮތެއް ނޭގި ނަފުސު ބަލިކަށިވެފައި ވުމުންނެވެ. އޭނަގެ ދިލަ ހިތަށް ފަރުވާއެއކްމަުގައި ފެނުނީ ޖާބިރާ މެދު ހިތުގައި އުފެދިފައިވި އުދާސްތައް ބޭރުކޮށްލުމެވެ. ޖާބިރު އެދުވަހު މަސްލަހަތަށް ބެލިނަމަ މިއަދު މިހާލަތަށް ދާން ނުޖެހުނީހެވެ. އޭނަގެ ޢާއިލާއަށް އުފަލުގައި ދުވަސްތައް ވޭތުކޮށްލުމުގެ ނަސީބު ލިބުނީހެވެ. މައިންބަފައިންގެ ލޯބިން ޝާޢާ މަހުރޫމުނުވީހެވެ. ހަމައެއާއެކު ޖަައްބާރުންގެ އުނދަގޫތައް ވެސް ޝާޢާއަށް ކުރިމަތިނުވީހެވެ. ހަދީޖާ އެންމެ ބޮޑަށް ހާސްވެ ބިރުގަންނަނީ އެކަންތަކާއެވެ. ޝާޢާ އެބިރުވެރިކަމާ ކުރިމަތިލާނެ ގޮތެއް ނޭގޭތީއެވެ. އެފަކީރަށް އަންނަން އުޅޭ ބަނަ ދުވަސްތަކުގެ ހިލަމެއް ވެސް ނުވެއެވެ. ބިރުވެރިކަމާއި ނާމާންކަމުގެ ސިލްސިލާގެ ފެށުން ކައިރިވަމުން އަންނަ ކަން ވެސް މެއެވެ.

ހަދީޖާގެ ފަހަތުން ދާން އުޅެފައި ވެސް ޖާބިރު އެޚިޔާލު ދޫކޮށްލިއެވެ. މިވަގުތަށް އެންމެ ރަގަޅު ވާނީ ހަދީޖާއަށް އޭނައާއި ކުރިމަތިލާން ނުޖެހުމުންނެވެ. ހަދީޖާގެ ރުޅިވެރިކަމުގެ ބަސްތައް އޭނައަށް އަމާޒުވާ ސަބަބު ވެސް ޖާބިރަށް އެނގުނެވެ. ކުއްލިއަކަށް ދިމާވި ކާރިސާއާ ކުރިމަތިލާން ހަދީޖާގެ ސިކުނޑި އިހުތިޔާރުކުރި މަގަކީ ރުޅިވެރިކަމެވެ. އެކަމުން ހިނދުކޮޅަކަށް ވިޔަސް ހާސްކަމަށް ފަރުވާއެއްލިބިދާނެތީއެވެ.

ހަށިފުރާ ނޭވާތަކެއް ދޫކޮށްލަމުން ސިކުނޑިއަށް ލުއިކަން އިހުސާސްކުރެވުނެވެ. ޖާބިރު އައިސް ޝާޢާގެ މަގަތުން އެނދުގައި އިށީންދެލުމަށްފަހު ލޯތްބާއެކު ޝާޢާގެ ބޮލުގައި ފިރުމާލިއެވެ. އެދެލޮލުން ޝާޢާދެކެ ވާލޯތްބާއި އޯގާތެރިކަން ފާޅުވެއެވެ.

''ދަރިފުޅާ، ކާފަ ވައުދުން ދަރިފުޅަށް ސަލާމަތާއި ރައްކާތެރިކަން ދޭނަން ކަމުގައި، ކާފަގެ ފަހު ނޭވާއާ ހަމައަށް ވެސް އެކަން ހާސިލުކުރަން މަސައްކަތްކުރާނަން... މިއީ ވައުދެއް....'' ޖާބިރު ބުނެލިއެވެ. އަދި އިރުކޮޅެއް ވަންދެން ކޮޓަރީގައި މަޑުކޮށްލުމަށްފަހު ނިކުމެގެން ދިޔަ އެވެ.

*****

ކޮޓަރީގެ ދޮރު ލެއްޕި ހަމަހިމޭންކަން ވެރިވުމާއެކު ޝާޢާއަށް އަވަސްއަވަހަށް ލޯހުޅުވާލެވުނެވެ. އޭރު އޭނަ ހުރީ ނޭވާ އަވަސްވެފައެވެ. ނިއްކުރީގައި ދަލުގެ އަސަރުވިއިރު އަދިވެސް އޭނަގެ ސިކުނޑި ދިޔައީ އިވުނު ހަޤީޤަތް ދޭހަކުރުމުގައި އަވަދިނެތި މަސައްކަތްކުރަމުންނެވެ. ހިތުގެ ތެޅުން ވެސް އަވަސްވެފައިވިއިރު އޭނަގެ ދެލޮލުން ބިރުވެރިކަން ރަމްޒުކޮށްދެއެވެ. ބިރާއި ހާސްކަމާއި ހުރެ އޭނައަށް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ އިހުސާސެއް ވެސް ނުކުރެވުނެވެ.

ހަމަހިމޭންކަން ވެރިވެފައި އޮތް ކޮޓަރި ފެނި ޝާޢާގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވާން ފެށިއެވެ. ކަންފަތުގައި ގުގުމަމުން އައި ޖުމްލަތަކުން އޭނަގެ ވިސްނުމަށް ސިފަވަމުން އައީ ބިރުވެރި ޚިޔާލުތަކެވެ. ވާނީވެސް އެހެންތާއެވެ. ނޭގި ހުއްޓާ ކުރިމަތިލާން ޖެހިފައިވަނީ ދިރިއުޅުމުގައި ވެސް ކުރިމަތިވެދާނެ ކަމަށް ހީވެސް ކޮށްލެވިފައިވިކަމެއް ނޫން ވިއްޔާއެވެ. އުޅެބޮޑުވަމުން އައި ދުވަސްވަރު އޭނަ ހީކުރީ ޖިންނި ވާހަކަތަކަކީ ބިލާހެއް ކަމަށެވެ. އެއީ މުސްކުޅިން ކުޑަކުދިން ބިރުގަންނަވާލަން ދައްކާ ފުލޯކުވާހަކައެއް ކަމަށެވެ. ޒަމާނީ ވިސްނުމުގެ ސަބަބުން އެކަން ޔަޤީން ވެސް ކުރެވުނެވެ. އެހެނަސް މިއަދު އެވިސްނުމަށް އެވަނީ އިންޤިލާބީ ބަދަލެއް އައިސްފައެވެ. ހަޤީޤަތަށް އޭނަގެ ލޯހުޅުވާލަން އެވަނީ މަޖުބޫރުވެފައެވެ. ޖިންނީންނަކީ އުޅޭ މަހުލޫޤުންތަކެއްކަން ޤަބޫލުކުރަން އެވަނީ ޖެހިފައެވެ. އޭނައަށް ކުރިމަތިވަމުން އަންނަ އާދަޔާ ޚިލާފު ކަންތަކުގެ ފަހަތުގައިވާ ސަބަބުތަކަށް އޮތް ހަމައެކަނި އެކަށޭނެ ޖަވާބަކީ ވެސް އެއީ ކަމުގައި ވާތީއެވެ. ނުވަތަ އޭނަގެ ނަފުސާނީ ބައްޔެއް ހުންނަނީއެވެ.

ނަފުސާނީ ބަލީގެ ގޮތުން އޭނައަށް ނުފެންނަ މަންޒަރުތައް ފެންނަނީއެވެ. އަމިއްލަ ސިކުނޑީގައި މީހުންދައްކާ ވާހަކަތައް އަތުރާލެވި އެއީ ތެދުކަމުގައި އޭނަގެ ކަންފަތަށް އިވެނީއެވެ.

''އޯހަ ގޯޑް...'' އެނދުން ތެދުވުނު ޝާޢާއަށް އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ހީވަނީ އޭނަގެ ސިކުނޑިތަކުގެ ނާރުތައް ފިތިބާރުވަމުން އަންނަހެންނެވެ. އޭގެ ސަބަބުން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. ކުރިއަށް ހިނގައިގަންނަން އުޅުނު ތަނާ ކުއްލި ސިހުމާއެކު ހުއްޓެވުނީ ރީތިވާމޭޒުގެ ލޯގަނޑުން އޭނަގެ ލޮލުގައި އަޅަައިގަތް މަންޒަރެއްގެ ސަބަބުންނެވެ. އަވަސްއަވަހަށް ލޯގަނޑާއި ކައިރިވެލުމަށްފަހު ހެދުމުގެ ކުރުއަތްކޮޅު ހިއްލާލަމުން އޭނަގެ ހިކަނދިމަސްގަނޑަށް އަވަސް ނަޒަރެއް ދެވުނެވެ. އެއާއެކު އޭނަގެ ދެލޯބޮޑުވެގެން ދިޔަ އެވެ. އަތްތިލައެއްގެ ނިޝާނުގެ އަސަރު އެވަނީ ފެންނާށެވެ.

ކުއްލިއަކަށް ޝާޢާއަށް ފަހަތަށް ޖެހިލެވުނެވެ. އޭރު ބިރުވެރިކަމުގެ ތޫފާނެއް އޭނަގެ މޭގެތެރޭގައި އުފެދިފައި ވިއެވެ. ނޭވާލާން ވެސް އޭނައަށް ދަތިވެފައިވިއިރު މޫނުގެ ކުލަ ވަނީ ފަނޑުވެފައެވެ. އޭނަގެ ލޮލަށް އެފެންނަ މަންޒަރު ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ މިރޭގެ އިރާކޮޅު އޭނައަށް ދިމާވި ހާދިސާގެ ތެދުކަން ބަޔާންކޮށްދޭ ވަރުގަދަ ހެއްކެކެވެ. ފަހަތަށް ޖެހެވެމުން ދިޔަ ޝާޢާއަށް ހުއްޓުމެއް އައީ އެނދުގެ ފައިލާކޮޅުގައި އޭނަގެ ފައި އަޅައިގަތުމުންނެވެ. އެކަމުން ވެސް އޭނަ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ފަސްއެނބުރި ބަލާލެވުނީ އޭނަގެ ފުރަގަހުގައި މީހަކު ހުރިހެން ހީވެގެންނެވެ. ނަމަވެސް އާދަޔާ ޚިލާފުކަމަކާ ކުރިމަތިލާން ނުޖެހުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އޭނަގެ ހިތަށް ލިބުނެވެ. އެހެނަސް އެކަނި ކޮޓަރީގައި ހުންނަންވުމުން އޭނަ ބިރުގަންނަ ގޮތް ވިއެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރުގައި މީހަކު އޭނައަށް ފާރަލައި ބަލަމުންދާހެން ވެސް ހީވާން ފެއްޓިއެވެ. އަދިވެސް އޭނަގެ ކަންފަތުގައި ރަނގަބީލެއްހެން ތަކުރާރުވަމުން އައި ޖުމްލަތަކުން އެކަންތައް އޭނައަށް ޔަޤީންކުރެވެއެވެ. ޖިންނީންނަކީ ޢައިބުވުމުގެ ބާރު ލިބިފައިވި މަހުލޫގުންތަކެކެވެ. އެޚިޔާލާއެކު ވެސް ޝާޢާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ފިޔަވަޅުތަކަށް ބާރުލަމުން ކޮޓަރިން ނިކުންނަން ދިޔައީ އޭނައަށް ރައްކާތެރިކަން ލިބޭނެކަމުގެ އުއްމީދުގައެވެ. އެކަނި ހުންނަން ވެއްޖެކަމުގައި ވަނީނަމަ އޭނައަށް މުސީބާތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އާދެވިފައިވި ހާލަތުގެ ގޮތުން އޭނައަށް ހުރިހާ ކަމަކާއިމެދުގައި ވެސް ވިސްނެނީ އެންމެ ނުބައި ގޮތުގައެވެ. ވާނީވެސް އެހެންނޫންތާއެވެ. އެއީ އިންސާނީ ޠަބީއަތުގައި ލައްވާފައިވާ ގޮތެވެ.

ކޮޓަރިން ނިކުތް ޝާޢާއަށް އެންމެ ފުރަތަމަ ވެސް ފެނުނީ ފެންޑާއަށް ނިކުމެވޭ ދޮރުކުރިމަތީ މޭމަތީ އަތްހުރަސްކޮށްލައިގެން ބޭރު ބަލަން ހުރި ޖާބިރެވެ. ޖާބިރު ހުރި ގޮތުން އޭނަ ހުރީ ފުން ވިސްނުމަކަށް ގެއްލިފައިކަން އެނގުނެވެ. އޭނައަށް ޝާޢާގެ ކޮޓރީގެ ދޮރު ހުޅުވުނުހެން ހީވެގެން ނިކަން އަވަހަށް ފަސްއެނބުރި ބަލާލައިފިއެވެ.

ޝާޢާއާއި ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރު ޖާބިރަށް ލިބިގެން ދިޔައީ އެދެލޮލުން އޭނައަށް ފެނުނު ނުތަނަވަސްކަމާއެކުގައެވެ. ސުވާލު އުފެދިގެން ދިއުމާއެކު ޖާބިރަށް ހިނގައިގަނެވުނީ ޝާޢާ ގާތަށް ދިއުމަށެވެ. ޝާޢާގެ ފުށުން ނޫނީ ޖަވާބު ނުލިބޭނެ ސުވާލުތަކެއް އޭރު އޭނައަށް އުނދަގޫކުރަމުން ދިޔަ އެވެ. ނަމަވެސް އެއީ އެކަމަށް ރަގަޅު ވަގުތެއް ބާވައޭ ވެސް އޭނަގެ ހިތް ސުވާލު އުފައްދާލިއެވެ. އެހިނދު އޭނަަގެ ސިކުނޑި ރަގަޅު ގޮތް ބުނެދިނެވެ. ފާއިތުވެގެންދާ ކޮންމެ ވަގުތަކީ ނާޒުކު ވަގުތުކޮޅަކަށް ވުމުން އެންމެ މިނެޓެއް ވެސް ބޭކާރުކޮށްލުން އެއީ ބުއްދިވެރި ގޮތެއް ނޫނެވެ. އޭނަގެ ދުޝްމަނުން އެވަނީ އޭނައާއި ދެކޮޅަށް ވަރުގަދަ ހަނގުރާމަކަށް ނިކުމެފައެވެ. އެހަނގުރާމައިގައި އޭނައާއި ދެކޮޅަށް ބޭނުން ކުރެވެން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ވެސް ޝާޢާއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން މެނުވީ އޭނައަށް ކުރިއެރުމެއް ލިބޭކަށް ނެތެވެ.

''ދަރިފުޅާ، މިހާރު ރަގަޅުތަ؟... ދަރިފުޅު ނުކައި އުޅޭތީދޯ އަނބުރައިގަތީ؟... މިހާރު އެއްވެސްކަހަލަ އުނދަގުލެއްވޭތަ؟...'' ހިތުގައި އުފެދިފއިވި ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވެފައިވި ޖާބިރު ވާހަކަދެއްކީ ނިކަން ހަމަޖެހިލައިގެން ހުރެއެވެ. ޝާޢާއަށް އޭނަގެ އަޑުން ކަމަކާ މެދު ޝައްކު ނުއުފެދޭނެހެންނެވެ. އެއްވެސްކަމެއް ގޯހުންގޯހަށް ގޮސްފައިވިކަމުގެ ހިލަން ޝާޢާއަށް ވުމުގެ ފުރުސަތު ޖާބިރު ނުދިނެވެ.

''ހަދީޖާ، ޝާޢާއަށް ދޭން ކާއެއްޗެއް ގެނެސްބަލަ...'' ކޮޓަރީގައި އުޅުނު ހަދީޖާއަށް ބާރަށް ގޮވާލަމުން ޖާބިރު ބުނެލިއެވެ. ޝާޢާއަށް ހައިކަމުގެ އިހުސާސްކުރެވިގެން އައީ ދެނެވެ. އޭނަގެ ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމާހުރެ އޭނަގެ ހިއްސުތައް ވެސް ރަގަޅަކަށް މަސައްކަތެއް ނުކުރެއެވެ.

ޝާޢާ ޖަވާބެއް ނުދީ ބަލަހައްޓައިގެން ހުންނަން ފެށުމުން ޖާބިރަށް ހައިރާންކަމެއް ލިބިގެން ދިޔަ އެވެ. އެއީ ޝާޢާގެ ފުށުން އޭނައަށް އަލަށް ފެނިގެން ދިޔަ ކަމަކަށް ވީީތީއެވެ. ހީވަނީ ފިކުރުބޮޑުވެފައިވިހެންނެވެ.

''އަދިވެސް ބޮލުގައި ރިއްސަނީދޯ؟... އެހެންވެއްޖެއްޔާ ކޮޅަށް ނުހުރެ އާދެބަލަ ސޯފާގައި އިށީންނަން...'' ސޯފާއަށް އިޝާރާތްކުރަމުން ޖާބިރު ވާހަކަދެއްކިއެވެ. އޭނަ ހިނިތުންވެލިއެއްކަމަކު ޝާޢާއަށް އައިސްފައިވި ބަދަލުތަކުން އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ޖާބިރު އެދުނު ފަދައިން ޝާޢާ ގޮސް ސޯފާގައި އިށީނެވެ. އެއީ ހަދީޖާ ވެސް އަވަސްއަރުވާލައިގެން ކޮޓަރިން ނިކުތް ވަގުތެވެ. އޭނައަށް ޝާޢާ ފެނުމާއެކު އެމޫނުމަތިން ފާޅުވެގެން އައީ ހަމްދަރުދީއެވެ. ކުރިމަތިވެދާނެ ކަމަކާ މެދު އޭނަ ބިރުގެންފައި ހުރި މިންވަރު އެކަމުން ވެސް ރަމްޒުކޮށްދެއެވެ.

ހަދީޖާގެ މާޔޫސްކަން ފާހަގަކުރެވުނު ޖާބިރު ހަދީޖާއަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލީ ޝާޢާއަށް ކަންތައް ސިއްރުކުރަން ބޭނުންވީތީއެވެ. ޝާޢާއަށް ވަމުންދާ ކަންތަކާ މެދު ޝައްކުކުރެވި ސުވާލުއުފެދިގެން ދާކަށް އޭނަ ނޭދެއެވެ. އޭނައަށް އެސުވާލުތަކަށް ޖަވާބެއްދޭން ވެސް ނޭގޭނެއެވެ. ހަމައެއާއެކު ޝާޢާއަށް ލިބިގެންދާނެ ނުތަނަވަސްކަމާއި ބިރުވެރިކަން ވެސް ދެކެން އޭނަ ބޭނުމެއް ނޫނެވެ.

ޖާބިރަށް ނޭގުނުކަމީ ސިއްރުން ކަންތައް ބަލަމުން ދިޔަ ޝާޢާއަށް ހަޤީޤަތް ބޭޒާރު ވެއްޖެކަމެވެ. ޖާބިރުގެ ކޮންމެ އަމަލަކީ އެކަމަށް ބާރުދެމުން އައި ވަރުގަދަ ހެކިތަކެކެވެ. އޭގެ ސަބަބުން ޝާޢާއަށް ލިބިފައިވި އުދާސްކަން ވެސް އެމޫނުމަތިން ފެންނަން ފަށައިފިއެވެ.

''ހަދީޖާ ދޭބަލަ ޝާޢާއަށް ދޭން ކާއެއްޗެއް ހިފައިގެން އަންނަން...'' ހާދީޖާ އައިސް އެމީހުންނާއި އަރާހަމަކުރުމުން ޖާބިރު ބުނެލިއެވެ. ޖާބިރާއި މެދު ނުރުހިފައިވިއެއްކަމަކު، ހަދީޖާ އެހުށަހެޅުމާއިގެން ކުރިއަށް ދިޔައީ ޝާޢާގެ ހަށިގަނޑު ވަރުބަލިވެ، ހައިކަމުގެ އިހުސާސްކުރެވޭނެ މިންވަރު އޭނައަށް އަންދާޒާ ކޮށްލެވުމުންނެވެ. އޭނަ ބަދިގެއަށް ދިއުމަށް މިސްރާބުޖެހި ހިނދު ހުއްޓެވުނީ ޝާޢާ ކޮށްލި ސުވާލެއްގެ ސަބަބުންނެވެ.

''ކާފަ ބުނީމެއްނު އަހަންނަށް ހުވަފެންތަކެއް ފެންނަނަމަ ބުނައްޗޭ، ދުވަސްކޮޅަކަށް އެކަން ތަކުރާރުނުވެ އަނެއްކާ ވެސް ފެންނަން ފަށައިފި، އެކަމަކު ކުރިއަށް ވުރެ އަސްލާ އެއްގޮތްކަމަށް އިހުސާސްކުރެވެނީ... އެއީ ކީއްވެތަ؟... ނިދުމުގެ ކުރިން ކިޔަން ކާފަ ދިން ދުޢާތައް ވެސް އަހަރެން ކިޔަން، އެކަމަކު ވެސް ބިރުވެރި ހުވަފެންތައް ފެނޭ... ކޮންމެ ރެޔަކު ވެސް ހޭލެވެނީ ފަތިސްނަމާދު ވަގުތާއި ދިމާކޮށް... ކާފާ... ކީއްވެގެންތަ އަހަންނަށް އެފަދަ ބިރުވެރި ހުވަފެންތައް ފެންނަނީ؟...''

ޝާޢާ ބޭނުންވީ ތެދެވެ. އޭނައަށް އެކަންތައް ކުރިމަތިވާ ސަބަބު އެނގޭށެވެ. މީގެ އިރުކޮޅެއް ކުރިން ޖާބިރާއި ހަދީޖާއާ ދެމެދު ހިނގި ދެބަސްވުމުން އޭނައަށް އެނގުނުހާ ވެސް އެއްޗަކީ ޖިންނިއެއްގެ އުނދަގޫ ފޯރިކަމެވެ. އެކަމުގެ ތެރޭގައި ފުރާނަތައް ގެއްލިގެން ދިޔަ ކަމެވެ. އެހެނަސް، އެކަން ހިނގަން މެދުވެރިވި ސަބަބުބަތަކާއި، އެކަންތަކުގެ އާހިރު ނަތީޖާ އެފަދަ ހިތިގޮތަކަށް ނިކުތްނަން ޖެހުނު މައިގަނޑު ސަބަބެއް ނޭގުނެވެ. އެކަންތައް އަދިވެސް ވަނީ މާޒީގެ ތެރޭގައި ސިއްރުކުރެވިފައެވެ. މިހާރު ކަންތައް ގޮސްފައި އޮތް ހާލަތުން އެއީ އޭނައަށް އެނގުން ލާޒިމު ކަމެކެވެ. އޭނަގެ މަންމައާއި ބައްޕައަށް ކުރިމަތިލާންޖެހުނު ކަންތައް ވެސް އޭނައަށް އެނގެން ޖެހޭނެއެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަނދިރީގައި އޭނަ ބެހެއްޓިއްޖެއެވެ. ހަޤީޤަތް ހާމަވެފައިވި ހިނދު އޭނައަށް ހުރިހާކަމެއްގެ މައުލޫމާތު ލިބެންޖެހޭނެއެވެ.

ބަދަލުހިފުމުގެ ކޯޅުންގަނޑެއް ޖިންނީންނާ މެދު އުފެދިގެން އައީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ފަހަތުގައި އޮތް ސިއްރުތަކަކީ ކޮބައި ހެއްޔެވެ؟ އެކަމުގައި އޭނަގެ މައިންބަފައިން ޝިކާރައަކަށްވީ ކީއްވެގެން ހެއްޔެވެ؟ ޖިންނީންތަކެއްގެ އުނދަގޫ އޭނައަށް ފޯރަން ޖެހިފައިވީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ކުށަކީ ކޮބާ ހެއްޔެވެ؟ މާމަގެ ހިތުގައި ކާފައާ މެދު އުފެދިފައިވި ރުޅީގެ އަސްލަކީ ކޮބާ ހެއްޔެވެ؟

ހައްތާ ވެސް ސުވާލުތަކެވެ. ޝާޢާއަށް ޔަޤީންކުރެވުނުކަމަކީ ބޮޑު ކަންތައްގަނޑެއް ހިނގާފައި އޮތް ކަމެވެ. އެކަމުގެ ތެރޭގައި އޭނަގެ މައިންބަފައިން ވެސް މިފަނާވަނިވި ދުނިޔެ ދޫކޮށްދާން ޖެހުނީއެވެ. ޅައިރުގެ ދުވަސްތަކުގައި އޭނަ މައިންބަފައިންގެ ލޯބިން މަހުރޫމްކޮށްލާފައެވެ. ކިތަންމެހާ ވެސް ގިނަ ސަބަބުތަކާ ހުރެ އޭނައަށް ހަޤީޤަތް އެނގުން ލާޒިމެވެ. ނަމަވެސް ސުވާލަކީ އޭނައަށް އެކަމާއި ކުރިމަތިލެވިދާނެ ހެއްޔެވެ؟

ކުއްލިއަކަށް ކުރިމަތިވި ސުވާލަށް ދޭނެ ޖަވާބެއް ނޭގިފައި ޖާބިރަށް ހުރެވުނެވެ. ސޯފާގައި އިށީންނަން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލުމަށްފަހު އޭނަ ފަރުވާތެރިކަމާއެކު ޝާޢާއަށް ބަލާލިއެވެ. ޝާޢާ ވެސް އިސްއުފުލާ ޖާބިރަށް ބަލާލިއެވެ. އެދެލޮލުގައި ވަނީ މުޅިން އެހެން ޝުއޫރުތަކެކެވެ. ހާސްކަން ޖާބިރުގެ ހިތަށް ވެރިވާންފެށީ ދެނެވެ. މިހުރިހާ ދުވަހު ޝާޢާގެ ފަރާތުން ކުރިމަތިލާން ނުޖެހުނު ސުވާލެއް އަމާޒުވީތީއެވެ.

''ކާފަ ކުރިން ވެސް ބުނީމެއްނު ހުވަފެނަކީ ބިލާހެކޭ... ދެން ކީއްވެތަ ދަރިފުޅު އެކަންތަކާ މެދު ވިސްނަނީ؟...'' ޖާބިރު އުޅުނީ ޝާޢާގެ ސުވާލު އޮއްބާލާށެވެ. އެގޮތް ޝާޢާއަކަށް ކަމަކު ނުދިޔައެވެ.

''ތިކަން އެނގެޔޭ... އެކަމަކު އެއް ހުވަފެނެއް ތަކުރާރުކޮށް ފެންނަނީ ކީއްވެތަ؟... ހުވަފެނުގައި އަހަންނަށް އިންޒާރުތައް ދެވެނީ ކީއްވެތަ؟... ސަލާމަތްވާން އުޅުނަސް އެކަން ކާމިޔާބުނުކުރެވެނީ ކީއްވެތަ؟... ހުވަފެން އަސްލާއި އެއްގޮތް ވަނީ ކީއްވެތަ؟...'' ޝާޢާ އެހި އެވެ.

ޖާބިރުގެ ހިތުގައި ޝައްކު އުފެދުނެވެ. ޝާޢާއަށް އެފަދަ ކުއްލި ބަދަލެއް އަންނަންޖެހޭނީ ގޯހެއް އުޅޭކަމުގެ ހިލަން ވުމުންނެވެ. އެއީ ޝާޢާއަށް ދިމާވި ހާދިސާގެ ސަބަބުން ކުރިމަތިވިކަންތައްތަކެއް ހެއްޔެވެ؟ ޝާޢާ އެއުޅެނީ އެހާދިސާގެ އަސްލު ހޯދަން ހެއްޔެވެ؟

''ދަރިފުޅު ބޮލުގައި ރިއްސާތީތަ ތިއުޅޭނީ؟، ބަލާފަ ހީވަނީ އެހެން، ކާއެއްޗިއްސާއެކު މާމަ ބޭސް ގެނެސްދޭނަން، މަޑުކޮށްލައްޗޭ......'' ޖަވާބުދޭން ޖާބިރު ނުކުޅެދިފައިވިތަން ފެނި ހަދީޖާ މަޢުޞޫއު ބަދަލުކޮށްލިއެވެ. އޭނަ ވެސް އުޅުނީ ޝާޢާގެ ހިތަށް ދޮގު ތަސައްލީތަކެއް ހޯދައިދޭށެވެ. ކުއްލިއަކަށް މާމަގެ ވިސްނުން ބަދަލުވުމުން ޝާޢާއަށް ހައިރާންކަން ލިބުނެވެ. މާމައަށް އޭނައާއި ކުރިމަތިލާން ކެރެނީ އޭނަ ނިދާފައި އޮތްވާ އެކަނި ހެއްޔެވެ؟ އެއީ އެއްވެސްކަމެއް އޭނައަށް ދޭހަނުވާނެކަމުގެ ޔަޤީންކަމާއެކުގައި ކުރި ކަމެއް ހެއްޔެވެ؟

''އަހަރެން ނޫޅެމޭ ބޮލުގައި ރިއްސާތީއެއް... ކީއްވެތަ އަހަރެންގެ ސުވާލުތަކަށް ޖަވާބު ދޭން ނޫޅެނީ؟... އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟...'' ފުރަތަމަ ފަހަރަށް ޝާޢާއަށް އަޑު އިސްކުރެވުނެވެ. އޭރު އޭނަ އިނީ ރޮވެން ކައިރިވެފައެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެ ބޯފަޅައިގެން ދާން ވެސް ކައިރިވެފައެވެ.

''ދަރިފުޅަށް އެއްވެސްކަމެއް ސިއްރުކުރާކަށް އަހަރުމެން ނޫޅެން...'' ޖާބިރު ބުނެލިއެވެ.

''ދޮގު... ހުސް ދޮގު... އަހަންނަށް އަޑުއިވުނޭ ކާފައާއި މާމަ ދެއްކި ވާހަކަތައް... އަހަންނަށް މިރޭ އިރާކޮޅު ދިމާވި ހާދިސާއަށް އެކަމުން ޖަވާބުލިބޭ...'' ކެތްތެރިކަން ކޮޅުންލައިގެން ދިއުމާއެކު ޝާޢާއަށް ބުނެވުނެވެ. އޭރު އޭނަގެ އެސްފިޔަތައް ފޫއަޅުވާލާފައި ފުރަތަމަ ކަރުނަތިކި ފައިބައިގެން ދިޔަ އެވެ.

ސިހުން ލިބިފައިވި ހާލު ޖާބިރާއި ހަދީޖާއަށް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. ބޮޑު ކޮޓަރިއަށް ދެން ފެތުރިގެން ދިޔައީ ހަމަހިމޭންކަމެވެ.

*****

ދަންވަރަށް ފާޅުކަން ބޮޑު ކަމާއެކު ހަނދު ފެންނަމުން ދިޔަ އެވެ. އޭގެ ރިހި އަލި މުޅި ސަރަހައްދަށް ފެތުރިފައިވާއިރު ލަސް ހަރަކާތްތަކާއެކު ވިލާކޮޅުތައް އުޑުގައި ދަތުރުކުރަމުން ދިޔަ އެވެ. ބޮޑެތި ރާޅުތައް ފަރުމައްޗަށް ބިންދާލާ އަޑާއި ބާނީތައް ފޮނުތައް އުފައްދާލާފައި ގޮނޑުދޮށަށް ބީއްސާލާ އަޑު ފަޒާގައި އޮތީ ގުގުމާލާފަ އެވެ. ކަނޑުން އަންނަ ފިނިފިނި ރޯޅިތަކުން ހަށިގަނޑަށް އަރާމުކުރުވަނިވި ފިނިކަމެއް އިހުސާސްކޮށްދެ އެވެ. ރަށުގެ ދެކުނު ތުނޑީގެ މަޑު ދޮންވެލިގަނޑު މަތީ އިށީންދެލައިގެން އިން ޒުވާނާގެ މަޑުއަޅިކުލައަށްދާ ކަޅި ގޮސް ހުއްޓިފައިވަނީ ފެންނަން އޮތް މޫދަށެވެ. ދޮންވެލިގަނޑުގައި އަތްވިއްދާލެވިފައިވިއިރު ކޮނޑާހަމައަށް ދިގުކޮށްލެވިފައި އޮތް ފަން އިސްތަށިގަނޑު ރޯޅިތަކާ އެއްހަމައެއްގައި ހަރަކާތްކުރަމުން ދިޔަ އެވެ. ހުސްގަޔާ އިންއިރު އެޒުވާނާއަށް ވައިރޯޅިތަކުގެ ފިނިކަން ވެސް އިހުސާސްނުކުރެވޭ ކަހަލައެވެ. އެތައް އިރެއް ފާއިތުވެދިޔަ ފަހުން އެޒުވާނާ އިސްއުފުލާ ބަލާލީ ހަނދަށެވެ. އޭރު ހަނދު ވަނީ މެދު އުޑުގަ އެވެ.

ކުއްލިއަކަށް ފަހަތުން ފެންނަން އޮތް ކުރެދި އަދި މަގޫގަސްތަކުގެ ތެރެއިން ހިލަމެއްވިކަމުގެ އިހުސާސާއެކު އެޒުވާނާގެ ނަޒަރު ހަނދާއި ވަކިވެގެން ގޮސް ގަސްކަރައާއި ދިމާއަށް ހުއްޓުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު

ބާޒީ
×
DB released.